ފުރަތަމަ ސަފްޙާ / ޚަބަރު / އެފްއޭ ކަޕް: ސެމީގައި ޔުނައިޓެޑާއި ޗެލްސީ، ސިޓީއާ ދެކޮޅަށް އާސެނަލް

އެފްއޭ ކަޕް: ސެމީގައި ޔުނައިޓެޑާއި ޗެލްސީ، ސިޓީއާ ދެކޮޅަށް އާސެނަލް

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 28 ޖޫން 2020

އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލުގެ ޖާގަތައް ކަށަވަރުވެ ވާދަކުރާނެ ޓީމުތަކުގެ ގުރު މިރޭ ނަގައިފި އެވެ. ސެމީގެ ފުރަތަމަ ޖާގަ މެންޗެސްޓަރ ޔުނައިޓެޑުން އިއްޔެ ހޯދާފައިވަނިކޮށް ސެމީގެ ފަހު ތިން ޖާގަ މިރޭ ކަށަވަރުކުރީ އާސެނަލާއި، ޗެލްސީ އަދި މެންޗެސްޓަރ ސިޓީ އެވެ.

ސެމީގެ މެޗުތަކުގެ ގުރު ނެގީ މިރޭ ނިއުކާސަލް ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ސިޓީއާ ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލް ފަހު މެޗުގެ ހާފް ޓައިމްގަ އެވެ. ސެމީގައި ޔުނައިޓެޑުން ޗެލްސީއާ ދެކޮޅަށް ނުކުންނައިރު ސިޓީ ވާދަކުރާނީ އާސެނަލާ އެވެ.

ސެމީގެ ފުރަތަމަ ޖާގަ އިއްޔެ ޔުނައިޓެޑް ހޯދީ ފުރިހަމަ ވަގުތު ހަވަމުވުން ކުޅުނު އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި ހެރީ މެގުއާގެ ގޯލުން 2-1 އިން ނޯވިޗް ސިޓީ ބަލިކޮށްގެންނެވެ. ސެމީގެ ދެ ވަނަ ޖާގަ އާސެނަލަށް ލިބުނީ ފަހުވަގުތު 2-1 އިން ޝެފީލްޑް ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދުމުންނެވެ. މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުން އާސެނަލަށް ކާމިޔާބުކޮށްދިނީ އައިވަރީ ކޯސްޓުގެ ވިންގް، ނިކޮލަސް ޕެޕޭ އެވެ. އެކަމަކު މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ޑޭވިޑް މެކްގޯލްޑްރިކް ޖެހި ގޯލުން ޝެފީލްޑުން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މެޗު އެއްވަރުވާން ދަނިކޮށް އާސެނަލް މޮޅުވި ގޯލު ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ ޑެނީ ސެބާޔޯސް އެވެ.

އާސެނަލް މެޗަށް ފަހު ކުޅުނު ސެމީގެ ތިން ވަނަ މެޗުގައި ރަށުން ބޭރުގައި ލެސްޓާ ސިޓީގެ މައްޗަށް ޗެލްސީން ކުރި ހޯދީ 1-0 އިންނެވެ. މި މެޗުގައި ޗެލްސީގެ ހަމައެކަނި ގޯލު ދެ ވަނަ ހާފުގައި ވިލިއަން ނަގައިދިން ހުރަހަކުން ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ރޮސް ބާކްލީ އެވެ. ޗެލްސީން ލީޑު ނެގުމުން ލެސްޓާ އިން ވަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހި އެއްވަރުކުރަން މަސައްކަތްކޮށްފަ އެވެ. އެކަމަކު އެޓީމަށް ގޯލު ޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަހެއް ނުކުރެވުނެވެ. އަނެއްކޮޅުން ކައުންޓަ އެޓޭކުގައި ޗެލްސީ އަށް ލިބުނު ގިނަ ފުރުސަތުތަކެއް ވަނީ ބޭކާރުވެފަ އެވެ.

ސެމީގެ ފަހު ޖާގަ ސިޓީން ކަށަވަރުކުރީ ނިއުކާސަލްގެ މައްޗަށް 2-0 އިން ކުރި ހޯދައިގެންނެވެ. ސިޓީގެ ފުރަތަމަ ގޯލު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މިއަދު 29 ވަނަ އުފަންދުވަސް ފާހަގަކުރާ ކެވިން ޑި ބްރޭނާ އެވެ. މިއީ ގެބްރިއަލް ޖިސޫސް އަށް އޭރިޔާ ތެރެއިން ނިއުކާސަލްގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއެކެވެ. ސިޓީގެ ދެ ވަނަ ގޯލު ދެ ވަނަ ހާފުގައި ޖެހީ ރަހީމް ސްޓާލިން އެވެ.

ސެމީ ފައިނަލްގެ ދެ މެޗާއި ފައިނަލް މެޗު ކުޅޭނީ ވެމްބްލީ ސްޓޭޑިއަމްގަ އެވެ. ސެމީގެ ފުރަތަމަ މެޗު ޖުލައި 18 ގައި ކުޅޭއިރު ދެ ވަނަ ސެމީ އޮންނާނީ ޖުލައި 19 ވަނަ ދުވަހު އެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅެން ޝެޑިއުލްކޮށްފައިވަނީ އޮގަސްޓް އެކެއްގަ އެވެ.

ޗެލްސީއާ ޔުނައިޓެޑް ވާދަކުރާ މެޗަކީ 2018 ގެ ފައިނަލުގެ ރިޕީޓެކެވެ. އެ އަހަރު ޔުނައިޓެޑް 1-0 އިން ބަލިކޮށް އެފްއޭ ކަޕް ކާމިޔާބުކުރީ ޗެލްސީންނެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަން ސިޓީއާ ދެކޮޅަށް ނުކުންނަ އާސެނަލަކީ 13 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާ ކްލަބެކެވެ. އެހެންވެ އާސެނަލް އުޅެނީ ދުނިޔޭގައި އެންމެ ގިނަ ދުވަސްވީ ފުޓްބޯޅަ މުބާރާތުގެ ކާމިޔާބީ ލިސްޓުގެ އެއް ވަނައިގަ އެވެ. އާސެނަލްގެ ފަހަތުން އެފްއޭ ކަޕް އެންމެ ގިނައިން ކާމިޔާބުކޮށްފައިވަނީ 12 ތަށި ހޯދާފައިވާ ޔުނައިޓެޑް އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!