ފުރަތަމަ ސަފްޙާ / ޚަބަރު / ބާސެލޯނާ އެއްވަރުވެ ރެއާލް މެޑްރިޑަށް ފުރުސަތު ބޮޑުވެއްޖެ

ބާސެލޯނާ އެއްވަރުވެ ރެއާލް މެޑްރިޑަށް ފުރުސަތު ބޮޑުވެއްޖެ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 28 ޖޫން 2020

ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި ސެލްޓަ ވީގޯއާ ވާދަކުރި މެޗު 2-2 އިން އެއްވަރުވުމުން ލީގު ކާމިޔާބުކުރުމުގައި ބާސެލޯނާއަށް ހުރަސްތަކާ ކުރިމަތިވެއްޖެ އެވެ.

ޕޮއިންޓަކާއެކު ބާސެލޯނާ އަލުން އެއް ވަނަ އަށް އެރިޔަސް އެޓީމު އޮތީ ރެއާލް މެޑްރިޑަށް ވުރެ އެއް މެޗު އިތުރަށް ކުޅެފަ އެވެ. ބާސެލޯނާ އަށް 32 މެޗުން 69 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނައިގައި އޮތް ރެއާލުން ވަނީ 31 މެޗުން 68 ޕޮއިންޓް ހޯދައިފަ އެވެ. ލީގުގައި ރެއާލް މިރޭ ރަށުން ބޭރުގައި އެސްޕަންޔޯލް ބަލިކޮށްގެން އެއް ވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނެގޭނެ އެވެ. މިރޭ ރެއާލް ކުޅޭ މެޗަށް ފަހު ވާދަވެރި މި ދެޓީމަށް ލީގުގައި ބާކީ އޮންނާނީ ހަ މެޗެވެ. ޕޮއިންޓުގެ ގޮތުން ދެޓީމުގެ އެއްވަރުވެއްޖެ ނަމަ ހެޑް ޓު ހެޑް އުސޫލުން ލީގު ޗެމްޕިއަންކަން ލިބޭނީ ރެއާލްއަށެވެ. ބާސެލޯނާ އާއި ރެއާލްގެ ފަހަތުން ލީގުގެ ތިން ވަނައިގައި 55 ޕޮއިންޓާއެކު އެތުލެޓިކޯ މެޑްރިޑް އޮތްއިރު ހަތަރު ވަނައިގައި އޮތް ސެވިއްޔާ އަށް ލިބިފައިވަނީ 54 ޕޮއިންޓެވެ.

ރާއްޖޭގެ ވިޒިޓް މޯލްޑިވްސް ސްޕޮންސަރ ޖާޒީގައި ޖަހައިގެން ކުޅޭ ސެލްޓަ ވީގޯ ކޮޅަށް ބާސެލޯނާގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒް އެވެ. 20 ވަނަ މިނެޓުގައި ސުއަރޭޒް މި ގޯލު ޖެހީ ލިއޮނަލް މެސީ ނަގައިދިން މޮޅު ހިލޭ ޖެހުމަކުން ބޮލުންނެވެ. ފުރަތަމަ ހާފުގައި ބާސެލޯނާ ކުރީގައި އޮވެގެން ނިންމާލި ނަމަވެސް ސެލްޓަ ވީގޯ އިން އުފެއްދި ނުރައްކާތެރި ހަމަލާތަކެއް ބާސެލޯނާގެ ޖަރުމަނު ގޯލްކީޕަރު މާކް-އަންދްރޭ ޓާ ސްޓެގަން ވަނީ މަތަކޮށްފަ އެވެ.

ސެލްޓަ ވީގޯ އިން މެޗުގެ ނަތީޖާ ފުރަތަމަ ފަހަރަށް ހަމަހަމަކުރީ ދެ ވަނަ ހާފު ފެށިގެން ފަސް ވަނަ މިނެޓުގަ އެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ފެޑޯ ސްމޮލޯވް އެވެ. އެކަމަކު މެޗުގެ 67 ވަނަ މިނެޓުގައި މެސީގެ އެހިތެރިކަމާއެކު ސުއަރޭޒް ވަނީ ބާސެލޯނާ އަށް ދެ ވަނަ ފަހަރަށް ލީޑު ނަގައިދީފަ އެވެ. 2-1 އިން މެޗު ނިމެން ދަނިކޮށް ސެލްޓަ ވީގޯ އިން އެއްވަރުކުރި ގޯލު މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ސުއަރޭޒްއާ އެކު ކުރިން ލިވަޕޫލަށް ކުޅުނު ސްޕެއިންގެ ފޯވާޑް އިއާގޯ އަސްޕާސް އެވެ. މިއީ އޭރިޔާ ބޭރުން ލިބުނު ހިލޭ ޖެހުމެއް ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން އަސްޕާސް ކާމިޔާބުކުރި ގޯލެކެވެ. މެޗުގެ ނަތީޖާ ހަމަހަމަވެފައި އޮއްވައި އިތުރު ވަގުތުގައި ގޯލު ކައިރިން ސެލްޓަ ވީގޯގެ ފޯވާޑް ނޮލީޓޯ ފޮނުވާލި ހަމަލާއެއް ކީޕަރު ޓާ ސްޓެގަން ވަނީ މަތަކޮށްފަ އެވެ.

މިރޭގެ މެޗުގައި ބާސެލޯނާގެ ދެ ގޯލު ޖަހަން އެހީތެރިވެދިން މެސީ ވަނީ ލީގުގައި 17 ގޯލު ޖަހަން މިހާތަނަށް އެހީތެރިވެދީފަ އެވެ. މެސީ ވަނީ ބާސެލޯނާގެ ޖާޒީގައި މިހާތަނަށް 250 ގޯލު ޖަހަން މަގުފަހިކޮށްދީފަ އެވެ. އެސިސްޓް ލިސްޓުގެ އެއް ވަނައިގެ އިތުރުން 21 ގޯލާއެކު ލީގުގެ ލަނޑު ލިސްޓުގެ އެއްވަނައި އުޅެނީ ވެސް 33 އަހަރުގެ މެސީ އެވެ. އެކަމަކު މެޗުގައި ގޯލެއް ނުޖެހުމުން ކެރިއަރުގައި 700 ގޯލު ހަމަކުރަން މެސީ މިވަނީ އިތުރު އިންތިޒާރެއް ކުރަންޖެހިފަ އެވެ. އާޖެންޓީނާ އާއި ބާސެލޯނާ ހިމެނޭގޮތަށް މެސީ މިހާތަނަށް ވަނީ ކެރިއަރުގައި 699 ގޯލު ޖަހައިފަ އެވެ.

ސީޒަންގެ ކުރީކޮޅު ރެލިގޭޝަނުގައި އޮތް ނަމަވެސް ސެލްޓަ ވީގޯ އިން އަންނަނީ ފަހަކަށް އައިސް ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. ރޭގެ މެޗާއެކު ލީގުގައި ސެލްޓަ ވީގޯގެ ދަނޑުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް ބާސެލޯނާ އަށް މޮޅެއް ނުލިބެ އެވެ. ލީގުގައި ސެލްޓަ ވީގޯ މިހާރު އޮތީ 32 މެޗުން 34 ޕޮއިންޓް ހަމަކޮށްގެން 16 ވަނައިގަ އެވެ.

ލީގުގެ އެއް ވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނެގުމުގެ އަޒުމުގައި ރެއާލުން މަޔޯކާއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން ދަންވަރު އެކެއް ޖަހާއިރު އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!