މެޗުގެ އިތުރުވަގުތުގައި ކެޕްޓަން ހެރީ މެގުއާ ކާމިޔާބުކޮށްދިން ގޯލާއެކު 2-1 އިން ނޯވިޗް ސިޓީ ބަލިކޮށް މެންޗެސްޓަރ ޔުނައިޓެޑް އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
ނޯވިޗްގެ ދަނޑުގައި ރޭ ފުރަތަމަ 90 މިނެޓުގެ ކުޅުން ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މާކަސް ރަޝްފާޑް އާއި އެންތަނީ މާޝިއާލް އަދި ޕައުލް ޕޮގްބާ ބެންޗުގައި ބައިންދައިގެން ކުޅެމުން ދިޔަ ޔުނައިޓެޑަށް މެޗުގެ ފުރަތަމަ ހާފުގައި ނޯވިޗްގެ ގޯލާ އަމާޒުކޮށް އެއްވެސް ހަމަލާއެއް ފޮނުވައެއް ނުލެވުނެވެ. އެކަމަކު މެޗުގެ ދެ ވަނަ ހާފުގެ ހަ ވަނަ މިނެޓުގައި ނައިޖީރިއާގެ ފޯވާޑް އޮޑިއޮން އިގާލޯ ވަނީ ޔުނައިޓެޑަށް ލީޑު ނަގައިދީފަ އެވެ. ނޯވިޗުން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗު ނިމެން 15 މިނެޓަށް ވެފައިވަނިކޮށެވެ. 25 ޔާޑު ދުރުން ގޯލުގެ ކަނަށް ބޯޅަ ވައްދާލީ ޒުވާން މިޑްފީލްޑަރު ޓޮޑް ކަންޓްވެލް އެވެ.
ނޯވިޗް އެއްވަރުކުރުމުން ޔުނައިޓެޑުން ވަނީ ޕޮގްބާ ކުޅެން ނެރެ އިތުރަށް ވަރުގަދަކޮށްފަ އެވެ. އެކަމަކު ގޯލާ އަމާޒުކޮށް އެޓީމުން ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށް ވީ މޮޅު ކުޅުމެއް ދެއްކި ގޯލްކީޕަރު ޓިމް ކްރުލް އެވެ. މެޗުގެ ފަހުކޮޅު ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ނުރައްކާތެރި ހަމަލާއެއްގެ އިތުރުން ފަހު މިނެޓުގައި މެގުއާ ބޮލުން ފޮނުވާލި ބޯޅައެއް ގޯލަށް ވަންނަން ދަނިކޮށް ކްރުލް ވަނީ މަތަކޮށްފަ އެވެ. އެކަމަކު މެޗުގެ 89 ވަނަ މިނެޓުގައި ނޯވިޗަށް ކުޅޭ ޖަރުމަނު ޑިފެންޑަރު ޓިމް ކްލޯސޭ އިގާލޯ އަށް ކުރި ފައުލަކާ ގުޅިގެން އޭނާ އަށް ވަނި ރަތް ކާޑު ދައްކައިފަ އެވެ.
އިތުރު ވަގުތުގެ ގޮތުގައި ކުޅުނު ދެ ހާފުގައި އެއް ކުޅުންތެރިއަކު މަދުކޮށް ޑިފެންސް ކޮށްގެން ނޯވިޗުން ކުޅުނުއިރު ޔުނައިޓެޑްގެ މުޅި ޓީމު ކުޅުނީ ކުރިއަށް ޖެހިގެންނެވެ. މެޗުން މޮޅުވި ގޯލު މެގުއާ ކާމިޔާބުކުރީ އިތުރު ވަގުތުގެ ދެ ވަނަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށެވެ. ނޯވިޗް ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި އޭރިޔާ ތެރެއަށް ވެއްޓުނު ބޯޅަ މެގުއާ ވަނީ ހުށިޔާރުވެ ހުރެ ފައިން ޖަހައި ތިރިތިރިން ގޯލަށް ވައްދާލައިފަ އެވެ.
މި ސީޒަނުގެ އެފްއޭ ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ޔުނައިޓެޑުން ކަށަވަރު ކުރިއިރު ބާކީ ތިން ޖާގަ މިރޭ ޔަގީންވާނެ އެވެ. ދެ ވަނަ ސެމީގައި މިއަދު ހަވީރު ފަހެއް ޖަހާއިރު ޝެފީލްޑް ޔުނައިޓެޑުން އަމިއްލަ ދަނޑުގައި އާސެނަލާ ދެކޮޅަށް ނުކުންނައިރު ތިން ވަނަ ސެމީގައި ލެސްޓަ ސިޓީ އާއި ސެލްސީ ވާދަކުރާނީ މިރޭ އަށެއް ޖަހާއިރު އެވެ. ސެމީގެ ފަހު މެޗުގައި މިރޭ 10:30 ގައި ނިއުކާސަލް ޔުނައިޓެޑުން ނުކުންނާނީ މެންޗެސްޓަރ ސިޓީއާ ދެކޮޅަށެވެ.