ފުރަތަމަ ސަފްޙާ / ޚަބަރު / ލިވަޕޫލުން އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށްފި!

ލިވަޕޫލުން އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށްފި!

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 25 ޖޫން 2020

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މަޝްހޫރު ލިވަޕޫލުން ފުރަތަމަ ފަހަރަށް ހޯދައިފި އެވެ. ލިވަޕޫލަށް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ކަށަވަރުވީ އެޓީމާ އެންމެ ގާތުން ވާދަކުރި މެންޗެސްޓަރ ސިޓީން މިރޭ ރަށުން ބޭރުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުން 2-1 އިން ބަލިވުމުންނެވެ.

ޗެލްސީ އަތުން ސިޓީ ބަލިވުމުން، ލިވަޕޫލުން ލީގުގެ ޗެމްޕިއަންކަން ކަށަވަރުކުރީ ބާކީ ހަތް މެޗު އޮއްވަ އެވެ. އެޓީމަށް 31 މެޗުން 86 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނައިގައި އޮތް ސިޓީ އަށް 31 މެޗުން ލިބިފައިވަނީ 63 ޕޮއިންޓެވެ. ލީގުގެ ބާކީ މެޗުތައް ކާމިޔާބުކުރިޔަސް ލިވަޕޫލާ އަރާ ހަމަކުރެވޭނެ އެއްވެސް ގޮތެއް ސިޓީއަކަށް ނެތެވެ.

އިންގްލިޝް ޕްރިމިއާ ލީގަށް އިނގިރޭސި ފުޓްބޯޅަ ލީގުގެ ނަން 1992 ވަނަ އަހަރުގެ ފެބްރުއަރީ މަހު ބަދަލުކުރިފަހުން ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދި ނަމަވެސް، މިއީ ލީގުގެ ދިގު ތާރީހުގައި އެޓީމުން ޗެމްޕިއަންކަން ކަށަވަރުކުރި 19 ވަނަ ފަހަރެވެ. މިރޭ ޗެމްޕިއަންކަން ކަށަވަރު ކުރުމުގެ ކުރިން އިނގިރޭސި ފުޓްބޯޅަ ލީގު ފުރަތަމަ ޑިވިޝަނުގެ ނަމުގައި ކުޅުނު ދުވަސްވަރު 90-1989 ސީޒަނުގެ ޗެމްޕިއަންކަން ލިވަޕޫލުން ވަނީ ހޯދައިފަ އެވެ. އެ ސީޒަނުގައި 79 ޕޮއިންޓާއެކު ކެނީ ޑަލްގްލިޝްގެ ކޯޗުކަމުގައި ލީގު ޗެމްޕިއަންކަން ލިވަޕޫލުން ކަށަވަރުކުރިއިރު ދެ ވަނަ ހޯދީ އެސްޓަން ވިލާ އެވެ. އިނގިރޭސި ފުޓްބޯޅައިގެ ޗެމްޕިއަންކަން 19 ވަނަ ފަހަރަށް ލިވަޕޫލުން ހޯދިއިރު ލީގު ކާމިޔާބީގެ އެންމެ ކުރީގައި އުޅެނީ 20 ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ މެންޗެސްޓަރ ޔުނައިޓެޑެވެ.

ލިވަޕޫލުން 1990 ވަނަ އަހަރު ހޯދި ލީގު ތައްޓާއެކު. އެޓީމުން މި ސީޒަނުގެ ޗެމްޕިއަންކަން ކަށަވަރުކުރީ 30 އަހަރަށް ފަހު

އިނގިރޭސި ފުޓްބޯޅައިގެ ޗެމްޕިއަންކަން ލިވަޕޫލުން ކަށަވަރު މިކުރީ 30 އަހަރާއި 51 ދުވަހާއި 09 ގަޑިއިރަށް ފަހު އެވެ. މިދިޔަ 30 އަހަރުތެރޭ ލިވަޕޫލުން ލީގު ކާމިޔާބުކުރުމާ ގާތަށް ޖެހިލި ނަމަވެސް ކޮންމެވެސް ހިސާބަކުން އެ ފުރުސަތު އެޓީމަށް ގެއްލެ އެވެ. އެހެންނަމަވެސް ޔާގެން ކްލޮޕްގެ ކޯޗުކަމުގައި މި ސީޒަނުގައި އެޓީމުން ލީގު ކަށަވަރުކުރީ ތަފާތު މޮޅު ކުޅުމެއް ދައްކައިގެންނެވެ. ލީގު ޗެމްޕިއަންކަން ކަށަވަރުކުރިއިރު މިހާތަނަށް ކުޅުނު 31 މެޗުގެ ތެރެއިން އެޓީމު ބަލިވީ އެންމެ މެޗަކުންނެވެ. އެއްވަރުވީ ރަށުން ބޭރުގައި މެންޗެސްޓަރ ޔުނައިޓެޑްގެ އިތުރުން އަވައްޓެރި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުތަކުންނެވެ.

މިރޭ ސިޓީ ކޮޅަށް ޗެލްސީގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގައި ޖެހީ އެމެރިކާގެ ފޯވާޑް ކްރިސްޓިއަން ޕުލިސިކް އެވެ. ދަނޑުގެ މެދުން ލިބުނު ބޯޅަ ހިފައިގެން ގޮސް ޕުލިސިކް ގޯލުގެ ތިރީ ކަނަށް ބޯޅަ ވައްދާލީ އެ ބޯޅަ ހޯދަން މަސައްކަތްކުރި ސިޓީގެ އިލްކާއީ ގުންޑޮގާން އާއި ބެންޖަމިން މެންޑީ އަށް އެއްވެސް ފުރުސަތެއް ނުދީ އެވެ. ސިޓީން މެޗުގެ ނަތީޖާ ހަމަހަމަކުރީ ދެ ވަނަ ހާފުގެ ކުރީކޮޅު ކެވިން ޑި ބްރޭނާ ވައްދާލި މޮޅު ހިލޭ ޖެހުމުންނެވެ. އޭގެފަހުން ސިޓީގެ ރަހީމް ސްޓާލިން ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއާ ވަނީ އަމާޒުވެފަ އެވެ. ދެން ފެނުނީ ޗެލްސީން ހަމަލާތައް އިތުރުކޮށް ގޯލެއް ޖެހުމާ ގާތަށް ޖެހިލި ތަނެވެ. އެކަމަކު ސިޓީގެ ކީޕަރު އެޑަސަން ކައިރިން ނައްޓާލާފައި ޕުލިސިކް ގޯލަށް ފޮނުވާލި ބޯޅަ ރޮނގުމަތިން ކައިލް ވޯކާ ވަނީ ދިފާއުކޮށްފަ އެވެ. އެކަމަކު އޭގެފަހުން އުފެއްދި ހަމަލާއެއްގައި ސިޓީގެ ފެނާންޑީނިއޯ ބޯޅައިގައި އަތުން ޖެހުމުން ލިބުނު ޕެނަލްޓީއެއްގައި ވިލިއަން ވަނީ ޗެލްސީ މޮޅުކޮށްދިން ގޯލު ޖަހައިދީފަ އެވެ. ބޯޅައިގައި އަތުން ޖެއްސުމުން ފެނާންޑީނިއޯ އަށް ރެފްރީ ވަނީ ރަތް ކާޑު ދައްކައިފަ އެވެ.

އެތައް ޒަމާނަކަށް ފަހު ލީގު ޗެމްޕިއަންކަން ކަށަވަރުވުމުން ލިވަޕޫލްގެ ސަޕޯޓަރުން މިހާރު އަންނަނީ އުފާފާޅުކުރަމުންނެވެ.

ލިވަޕޫލުން ޗެމްޕިއަންކަން ހޯދި ސީޒަންތައް:
01-1900، 06-1905، 22-1921، 23-1922، 47-1946، 64-1963، 66-1965، 73-1972، 76-1975، 77-1976، 79-1978، 80-1979، 82-1981، 83-1982، 84-1983، 86-1985، 88-1987، 90-1989، 19-2020

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!