ފުރަތަމަ ސަފްޙާ / ޚަބަރު / އާސެނަލުން މޮޅެއް ހޯދައިފި

އާސެނަލުން މޮޅެއް ހޯދައިފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 25 ޖޫން 2020

ކޮވިޑް-19 ގެ މެދުކެނޑުމަށް ފަހު އިނގިރޭސި ޕްރިމިއާ ލީގުގައި ފުރަތަމަ ކުޅުނު ދެ މެޗުން ވެސް ބަލިވެ ހާސްކަމުގައި އޮތް އާސެނަލުން މިރޭ ކުޅުނު މެޗު ކާމިޔާބުކޮށްފި އެވެ. މިރޭ ރަށުން ބޭރުގައި ސައުތެމްޓަނާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް މޮޅުވީ 2-0 އިންނެވެ.

ބްރޭކަށް ފަހު ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި މެންޗެސްޓަރ ސިޓީ އަތުން އާސެނަލް ބަލިވިއިރު އޭގެފަހުން ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުން ވެސް އެޓީމު ވަނީ ބަލިވެފަ އެވެ. މިރޭގެ މެޗަށް ނުކުތްއިރު އެޓީމަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ މުހިއްމު މިޑްފީލްޑަރި ގްރަނިޓް ޒާކާ ފިޓްވެ ފުރަތަމަ އެގާރައިގައި ހިމެނުމެވެ.

މެޗް ފެށިގެން ގޯލު ޖަހަން ފުރަތަމަ ފުރުސަތު ލިބުނީ އާސެނަލަށެވެ. ހަތް ވަނަ މިނެޓްގައި ސައުތެމްޓަންގެ ގޯލްކީޕަރު އަލެކްސް މެކާތީ އެއްލި ބޯޅަ އަމާޒަށް ވާސިލް ނުވެ އާސެނަލްގެ ޑެނީ ސެބަޔޯސް އަށް ލިބުމާއެކު އެއްފަހަރުން ބޮލުން ކުރިޔަށް ފޮނުވާލުމުން ލިބުނީ އޭރިޔާ ތެރެއަށް ވަންނަން ދިޔަ ކެޕްޓަން ޕިއޭ އެމެރިކް އޮބާމިޔަން އަށެވެ. ބޯޅަ ލިބުމާއެކު އިތުރަށް ކުރިޔަށް ދާން މަސައްކަތް ނުކޮށް އޭރިޔާގެ ބޭރުން އޭނާ ފޮނުވާލި ހަމަލާ މާ ބާރެއް ނެތި އަމާޒުވީ ކީޕަރު އަތަށެވެ. އޭގެ މިނެޓެއް ފަހުން އާސެނަލްގެ ޒުވާން ފޯވާޑް އެޑީ އެންކެޓިއޭ ގޯލެއް ކާމިޔާބު ކުރިނަމަވެސް އޭނާއަށް ފުރުސަތު ތަނަވަސް ކޮށްދިން ބުކަޔޯ ސާކާ އޭރު ހުރީ އޮފްސައިޑުގަ އެވެ. ޖެހިގެންއައި މިނެޓްގައި ޑިފެންޑަރ ކީރަން ޓިއާނީ އަރިމަތިން ފޮނުވާލި ބޯޅަ ކޮންޓްރޯލް ކޮށް މުޅިން ހުހަށް އޭރިޔާތެރެއަށް ވަދެ އޮބާމިޔަން ފޮނުވާލި ހަމަލާ އަމާޒުވީ ހުރަސް ދަނޑިއަށެވެ. އާސެނަލުން މެޗުގައި ލީޑު ނެގީ 20 ވަނަ މިނެޓުގައި އެންކެޓިއާ އެވެ. މިއީ، ކީޕަރު މެކާތީ ޖައްސާލި ބޯޅައެއް އޭނާގެ ފަޔަށް އެރުމުން ހުސްކޮށް ހުރެ އެންކެޓިއޭ ކާމިޔާބުކުރި ގޯލެކެވެ.

އާސެނަލުން މެޗުގައި މޮޅަށް ކުޅުނު ނަމަވެސް ދެ ވަނަ ހާފުގެ މެދަކާ ހަމައިން ސައުތެމްޓަނުން ވަނީ ކުޅުނު ރަނގަޅުކޮށް ގޯލެއް ޖަހަން މަސައްކަތްކޮށްފަ އެވެ. އެކަމަކު ގޯލާ ނުރައްކާކޮށް މާ ރަނގަޅު ހަމަލާއެއް އެޓީމަށް އުފެއްދޭގޮތެއްނުވި އެވެ. އެޓީމަށް ލިބުނު އެންމެ ރަނގަޅު ފުރުސަތުގައި 79 ވަނަ މިނެޓުގައި ޑެނީ އިންގްސް ފޮނުވާލި ބޯޅަ އާސެނަލްގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ ދިފާއުކޮށްފަ އެވެ. މާޓީނޭޒް މެޗުގައި ގޯލު ބެހެއްޓީ ބްރައިޓަން މެޗުގައި އާސެނަލްގެ އެއް ވަނަ ގޯލްކީޕަރު ބާންޑް ލެނޯ އަށް ސީރިއަށް އަނިޔާއެއް ލިބުމާ ގުޅިގެން ކުޅުމާ ދުރަށް ދާންޖެހިފައިވުމުންނެވެ.

ސައުތެމްޓަނަށް މެޗުގައި މައްސަލަތައް ކުރިމަތިވީ އޮބާމިޔަން އަށް ކުރި ފައުލަކާ ގުޅިގެން އެޓީމުގެ ޑިފެންޑަރު ޖެކް ސްޓެފަންސް އަށް 85 ވަނަ މިނެޓުގައި ރަތް ކާޑު ދެއްކުމުންނެވެ. އެ ފައުލަށް ލިބުނު ހިލޭ ޖެހުމުން ލިބުނު ފުރުސަތެއްގައި އާސެނަލުން ވަނީ މެޗުގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. އަލެކްސަންޑަރ ލަކަޒެޓް ފޮނުވާލި ބޯޅަ ކީޕަރު އަތުގައި ޖެހިފައި ނުކުތްވަގުތު ގޯލުގެ ތެރެއަށް ވައްދާލީ ޖޯ ވިލޮކް އެވެ. މިއީ، ލީގުގައި އާސެނަލަށް ވިލޮކް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ.

މުހިއްމު މޮޅާއެކު އާސެނަލުން މިހާރު ވަނީ 43 ޕޮއިންޓް ހޯދައި ތާވަލުގެ ނުވަ ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ލީގުގައި މިރޭ ކުޅުނު އަނެއް މެޗުގައި ބާންލީން ވަނީ 1-0 އިން ވެޓްފޯޑް ބަލިކޮށް ތާވަލުގެ 11 ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!