ކާމިޔާބު ކޯޗު ސަރ އެލެކްސް ފާގަސަން 2013 ވަނަ އަހަރު ކްލަބް ދޫކޮށްލިތާ ހަތް އަހަރު ފަހުން ފުރަތަމަ ފަހަރަށް މެންޗެސްޓަރ ޔުނައިޓެޑްގެ ކުޅުންތެރިއަކު އިނގިރޭސި ޕްރިމިއާ ލީގުގައި ހެޓްރިކެއް ހަދައިފި އެވެ. އަމިއްލަ ދަނޑުގައި މިރޭ 3-0 އިން ޝެފީލްޑް ޔުނައިޓެޑް ބަލިކުރި މެޗުގައި ޔުނައިޓެޑަށް ހެޓްރިކް ހަދައިދިނީ ފްރާންސްގެ ފޯވާޑް އެންތަނީ މާޝިއާލް އެވެ.
ޕްރިމިއާ ލީގުގައި ޔުނައިޓެޑަށް އެންމެ ފަހުން ހެޓްރިކެއް ހަދައިދިނީ 2013 ވަނަ އަހަރުގެ އޭޕްރީލް މަހު އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުގައި ނެދަލެންޑްސްގެ ކުރީގެ ފޯވާޑް ރޮބިން ވަން ޕާސީ އެވެ. އެ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށްދިނުމަށް ފަހު ފާގަސަން ޔުނައިޓެޑްގެ ކޯޗުކަން ދޫކޮށްލި ފަހުން އެޓީމުގެ އެއްވެސް ކުޅުންތެރިއަކަށް ލީގުގައި ހެޓްރިކެއް ހެދިފައެއްނުވެ އެވެ. ވޭތުވެދިޔަ ހަތް އަހަރު ދުވަހު ޕްރިމިއާ ލީގުގެ އެހެން ކްލަބްތަކުން ވަނީ ޖުމްލަ 76 ހެޓްރިކް ހަދައިފަ އެވެ. ފާގަސަނަށް ފަހު ޔުނައިޓެޑްގެ ކޯޗުކަން ކުރީ ޑޭވިޑް މޯޔެސް އާއި ލުއީ ވެން ހާލް، ހޯސޭ މޮރީނިއޯ އަދި ވަގުތީގޮތުން ކޯޗުގެ މަގާމް އަދާކުރި ރަޔަން ގިގްސް އެވެ. ހަތް އަހަރަށް ފަހު ޔުނައިޓެޑުން ހެޓްރިކް ހެދީ އެޓީމުގެ ކުރީގެ ފޯވާޑް އޮލެ ގުނަ ސޯލްޝެއާގެ ކޯޗުކަމުގަ އެވެ.
މިރޭގެ މެޗަށް ނުކުތްއިރު ޝެފީލްޑް ޔުނައިޓެޑަށް ދިމާވި މައްސަލައަކީ އެންމެ ފަހުން ކުޅުނު މެޗުގައި ރިޕަބްލިކް އޮފް އަޔަލެންޑުގެ 27 އަހަރުގެ ޑިފެންޑަރު ޖޯން އީގާން އަށް ދެއްކި ރަތް ކާޑާ އެކު ސަސްޕެންޑް ވުމާއި، ޔުނައިޓެޑްގެ ލޯނު އެއްބަސްވުމެއްގައި ޝެފީލްޑްގެ ގޯލު ބަލަހައްޓާ ހުށިޔާރު ކީޕަރު ޑީން ހެންޑަސަން ނެތުމެވެ. މިރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ސޯލްޝެއާ ވަނީ ޕައުލް ޕޮގްބާ ހިމަނައިފަ އެވެ. އަދި، ޒުވާން ފޯވާޑް މޭސަން ގްރީންވުޑަށް ފުރަތަމަ އެގާރައިން ފުރުސަތު ދިންއިރު މެދުތެރޭގައި ޕޮގްބާއާ އެކު ކުޅުނީ ނިމެންޔާ މަޓިޗް އެވެ.
މެޗުގެ ފުރަތަމަ ހާފު ޔުނައިޓެޑުން ނިންމާލީ ދެ ގޯލު ކުރީގައި އޮވެގެންނެވެ. މާޝިޢާލް ފުރަތަމަ ގޯލު މެޗުގެ ހަތް ވަނަ މިނެޓުގައި ޖެހީ މާކަސް ރަޝްފާޑް ނަގައިދިން ހުރަހަކުންނެވެ. ފުރަތަމަ ހާފު ނިމެން މިނެޓެކަށް ވެފައިވަނިކޮށް މާޝިއާލް ދެ ވަނަ ގޯލު ޖެހީ ޑިފެންޑަރު އާރޮން ވަން ބިސާކާ ނަގައިދިން ހުރަހެއް ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. ސީނިއާ ކެރިއަރުގައި މާޝިއާލް ފުރަތަމަ ފަހަރަށް ހެޓްރިކެއް ހެދި ގޯލު 74 ވަނަ މިނެޓުގައި ޖެހީ ރަޝްފާޑް ދިން ބޯޅަ ހޯދުމަށް ފަހު ކީޕަރު ބޯމަތިން ޗިޕެއް ގޮތަށް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.
މިރޭ ހޯދި މުހިއްމު މޮޅާއެކު ޔުނައިޓެޑަށް ވަނީ 31 މެޗުން 49 ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި ޔުނައިޓެޑް އޮތްއިރު ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ވުލްވްސް އޮތީ ހަ ވަނައިގަ އެވެ. ވުލްވްސް އިން މިރޭ ވަނީ ރައުލް ހިމެނޭޒްގެ ގޯލުން 1-0 އިން އަމިއްލަ ދަނޑުގައި ބޯންމައުތު ބަލިކޮށްފަ އެވެ. މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ނިއުކާސަލް ޔުނައިޓެޑާ އެސްޓަން ވިލާ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެވަޓަން އިން ވަނީ ރަށުން ބޭރުގައި 1-0 އިން ނޯވިޗް ބަލިކޮށްފަ އެވެ.
ލީގުގައި މިރޭ ދެން ކުޅޭނީ ޗެމްޕިއަންކަން ގާތްގަނޑަކަށް ކަށަވަރުކޮށްފައިވާ ލިވަޕޫލުން އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލޭސްއާ ދެކޮޅަށް ކުޅޭ މެޗެވެ. ބޮޑު ތަފާތަކާއެކު ތާވަލުގެ އެއް ވަނައިގައި އޮތް ލިވަޕޫލަށް ލީގު ކަށަވަރުކުރަން ބޭނުންވަނީ ފަސް ޕޮއިންޓެވެ.