އިނގިރޭސި ޕްރިމިއާ ލީގު ހޯދުމަށް ލިވަޕޫލުން ކުރާ މަސައްކަތަށް ދޫނުދީ މެންޗެސްޓަރ ސިޓީ އިން ރޭ ބޮޑު ތަފާތަކުން ބާންލީ ބަލިކޮށްފި އެވެ. އަމިއްލަ ދަނޑުގައި ރޭގެ މެޗު ސިޓީ އިން ކާމިޔާބުކުރީ 5-0 އިންނެވެ.
މީގެ ފަސް ދުވަސް ކުރިން އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 11 އަށް އަށް ބަދަލެއް ގެނެސްގެން ނިކުތް ސިޓީން މެޗް ފަށައިގެން މާއެދެވޭ ހަމަލާތަކެއް އުފެއްދޭގޮތް ނުވިނަމަވެސް އެޓީމުން އުފެއްދި ފުރަތަމަ ނުރައްކާތެރި ހަމަލާއިން 22 ވަނަ މިނެޓްގައި އޭރިއާ ބޭރުން ފިލް ފޯޑެން ކާމިޔާބުކޮށްދިން ހިތްގައިމު ގޯލާއެކު މެޗްގެ ކޮންޓްރޯލް ހޯދިއެވެ.
އެއަށްފަހު ސިޓީން ގާތް ގާތުގައި އުފައްދަމުން ދިޔަ ހަމަލާތައް ހުއްޓުވުމުގައި ބާންލީ އަށް މާގިނަ އިރަކު ކުރިހޯދޭ ގޮތެއްނުވިއެވެ. ފުރަތަމަ ހާފް ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ފެނާންޑިނިއޯގެ އެހީތެރިކަމާ އެކު ރިޔާދް މާރޭޒް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ ތިރީ ކަނަށެވެ. އޭގެ ދެ މިނެޓް ފަހުން ބާންލީގެ ޕެނަލްޓީ އޭރިއާ ތެރޭން ކެޕްޓަން ބެން މީ ސިޓީގެ ސާޖިއޯ އަގުއޭރޯ އަށް ކުރި ފައުލަކާ ގުޅިގެން ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށް ފަހު ދިން ޕެނަލްޓީ ކާމިޔާބު ކޮއްދީ ނަތީޖާ 3-0 އަށް ބަދަލުކޮށްލީ ވެސް ރަނގަޅު ފޯމެއްގައި ހުރި މާރޭޒް އެވެ.
ދެވަނަ ހާފް ފެށިގެން ހަވަނަ މިނެޓްގައި ބެނާޑޯ ސިލްވާ ދިން ޕާހަކުން ހަތަރު ވަނަ ގޯލް ކާމިޔާބުކޮށްދީ ލީޑު އިތުރަށް ފުޅާކޮއްދިނީ ކެޕްޓަން ޑޭވިޑް ސިލްވާ އެވެ. މި ގޯލަށް ފަހު ބާންލީން އެނބުރި ގޭމްގެ ތެރެއަށް ވަދެވޭތޯ ކުރަމުންދިޔަ މަސައްކަތް ސިޓީން ނާކާމިޔާބު ކޮށްލީ 63 ވަނަ މިނެޓްގަ އެވެ. އަގުއޭރޯ އަށް އަނިޔާ ވުމުގެސަބަބުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފުރަތަމަ ހާފްގެ އިތުރުވަގުތުގައި ކުޅެން ނުކުތް ގެބްރިއެލް ޖެސޫސްގެ އެހީތެރިކަމާއެކު މެޗުގެ ފަހުގޯލް ސިޓީއަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ގޯލްވެސް ކާމިޔާބުކޮށްދިން އިނގިރޭސި ޒުވާން އެޓޭކަރ ފޯޑެން އެވެ. އޭގެ ފަހުން ޖެސޫސް އަދި ކެވިން ޑި ބްރޭނާ ފޮނުވާލި ހަމަލާތައް ގޯލާ އަމާޒު ނުވެގެން ދިޔައިރު، 79ވަނަ މިނެޓްގައި ރޮޑްރިގޯ ފޮނުވާލި ހަމަލާ އަމާޒްވީ ކީޕަރު ނިކް ޕޯޕްގެ އަތަށެވެ.
މި ސީޒަނަށް ފަހު ބަޔާން މިއުނިކަށް ބަދަލުވާނެ ކަމަށް ބެލެވިފައިވާ ޖަރުމަނުގެ ވިންގާ، ލިރޮއީ ސާނޭ ވަނީ ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި މެޗު ނިމެން 10 ވަރަކަށް މިނެޓަށް ވެފައިވަނިކޮށް ކުޅެން ނުކުމެފަ އެވެ. މިއީ ސީޒަން ހުޅުވުމުގެ ގޮތުން އޮގަސްޓް މަހު ލިވަޕޫލާ ދެކޮޅަށް ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ލިބުނު އަނިޔާއިން އެނބުރި އައިސް ސާނޭ ކުޅުނު ވާދަވެރި ފުރަތަމަ މެޗެވެ.
މެޗުން ބާންލީ ބޮޑު ތަފާތަކުން ބަލިވިއިރު އެޓީމަށް ލިބުނު އަނެއް ނުތަނަވަސްކަމަކީ ސަޕޯޓަރުންގެ މަދު ބަޔަކު އިސްވެ ތިބެ ސިޓީގެ ދަނޑު މަތީގައި ވިހުރުވި ބެނާ އެވެ. ބާންލީގެ ސަޕޯޓަރުން ދަނޑު މަތީގައި ވިހުރުވި ބެނާގައި ލިޔެފައިވަނީ “ވައިޓް ލައިވްސް މެޓަރ ބާންލީ” މިހެންނެވެ. މިގޮތަށް ބާންލީގެ ސަޕޯޓަރުން އަމަލުކުރުމުން އެޓީމުގެ ކެޕްޓަން މީ، މެޗަށް ފަހު ބުނީ އެއީ ކްލަބުން ލަދުގަންނަން ޖެހޭ ކަމެއް ކަމަށެވެ. ބާންލީގެ ބެނާ އިން ނަސްލީ ތަފާތުކުރުމަށް ހިތްވަރު ލިބޭކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ސަޕޯޓަރުން ދަނޑު މަތީގައި ބެނާ ދުއްވީ “ބްލެކް ލައިވްސް މެޓަރ” ބެނާގެ ދަށުން ދެޓީމުގެ ކުޅުންތެރިން މެޗު ފެށުމުގެ ކުރިން ކަކޫ މައްޗަށް ތިރިވެގެން ތިބި ވަގުތުގަ އެވެ.
މި ނަތީޖާއާއި އެކު ސިޓީ ޓޭބަލްގެ ދެ ވަނައިގައި އޮތީ 30 މެޗުން 63 ޕޮއިންޓް ހަމަކޮއްގެންނެވެ. ލީގުގައި ކޮންމެ ޓީމަކަށް ބާކީ އަށް މެޗް ކުޅެން އޮތްއިރު، ލީގު ޗެމްޕިއަންކަން ކަށަވަރު ކުރުމަށް ލިވަޕޫލަށް ދެން ބޭނުންވަނީ އެންމެ ފަސް ޕޮއިންޓެވެ. އެހެންވެ، ޖުލައި ތިން ވަނަ ދުވަހު ސިޓީއާ ލިވަޕޫލް ބައްދަލު ކުރާ މެޗަކީ މި ސީޒަނުގެ ލީގު ޗެމްޕިއަން ކަނޑައެޅިގެންދާ ފޯރިގަދަ މެޗަށް ވުމުގެ ފުރުސަތު ބޮޑެވެ. އެއް ވަނައިގައި އޮތް ލިވަޕޫލް ވަނީ 30 މެޗުން ޕޮއިންޓް ހޯދައިފަ އެވެ.
ލީގުގެ 31 ވަނަ ހަފްތާގެ މެޗުތައް މިރޭ ފަށާއިރު، ފުރަތަމަ މެޗްގައި ލެސްޓަރ ސިޓީ އާއި ބްރައިޓަންގެ ކުރިމަތިލުން ފެށިގެންދާނީ ރާއްޖެގަޑިން މިރޭ 22:00ގަ އެވެ. ޓޮޓެންހަމް ހޮޓްސްޕާސް އާއި ވެސްޓް ހޭމް ޔުނައިޓެޑް ވާދަކުރާ ލަންޑަން ޑާބީ މެޗު ފަށާނީ 12:15 ގަ އެވެ.
ސިޓީ އިން ދުލެއް ނުދިން، ބޮޑު ތަފާތަކުން ބާންލީ ބަލިކޮށްފި
ކޮމެންޓްސް
ކޮމެންޓެއް ލިޔުއްވާ
އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!
# މަޤުބޫލު ލިޔުންތައް
# ފަހުގެ ޚަބަރުތައް
ނައިވާދޫއިން ގޯލްޑަން ފުޓްސަލްގެ ތަށި ބޮޑުތިލަދުންމައްޗަށް ގެންގޮސްފި
5 ދުވަސް ކުރިން
ޑައިމަންޑް ޖުބިލީ ޖޫނިއާ މުބާރާތުގެ ފައިނަލްގައި އަހްމަދިއްޔާ އާއި ސީއެޗްއެސްއީ މާލެ
5 ދުވަސް ކުރިން
އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ފައިނަލުގައި ނައިވާދޫ އާއި ދެއްވަދޫ މިރޭ
5 ދުވަސް ކުރިން