އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ލިވަޕޫލް އާއި އެވަޓަން ވާދަކުރި މެޗް އެއްވަރު ވެގެން ނިމުމާއެކު 30 އަހަރަށްފަހު ފުރަތަމަ ފަހަރަށް ލީގު ތަށި އުފުލާލުމަށް ލިވަޕޫލުން ކުރަމުން އަންނަ އިންތިޒާރު ދިގުލާ ގޮތް ވެއްޖެ އެވެ.
އެވަޓަންގެ ދަނޑުގައި ރޭ ކުޅުނު މެޗް 0-0 އިން އެއްވަރުވެގެން ނިމުނު އިރު ރޭގެ މެޗް ލިވަޕޫލަށް ކާމިޔާބުކުރެވުނު ނަމަ އަންނަ ބުދަ ދުވަހުގެ ރޭ އެންފީލްޑްގައި ކުޅޭ މެޗް ކާމިޔާބުކޮށްގެން ތަށި އުފުލާލުމުގެ ފުރުސަތު އެ ޓީމަށް އޮތީހެވެ. އެކަމަކު އަދިވެސް އެ ފުރުސަތު މުޅިން ބަންދެއް ނުވެ އެވެ. މިރޭ ބާންލީ އާ ދެކޮޅަށް އަމިއްލަ ދަނޑުގައި މެންޗެސްޓަރ ސިޓީން ކުޅޭ މެޗް ސިޓީއަށް ނާކާމިޔާބުވެއްޖެނަމަ ބުދަ ދުވަހުގެ ރޭ ކްރިސްޓަލް ޕެލަސް އާ ދެކޮޅަށް ލިވަޕޫލުން އަމިއްލަ ދަނޑުގައި ކުޅޭ މެޗުން މޮޅުވެގެން ތަށި އުފުލާލުމުގެ ފުރުސަތު ލިބޭނެ އެވެ.
ރޭގެ މެޗް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުނުއިރު ދެ ޓީމްގެ ފަރާތުންވެސް ފެނުނީ ވަރަށް ވަނދު ކުޅުމެކެވެ. އަނިޔާއިން ރަގަޅުވި ނަމަވެސް މުޅިން ފިޓް ނުވުމާއެކު ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހް ރޭގެ މެޗްގައި ބެންޗްގައި އިންއިރު އެ ޓީމްގެ ފަރާތުން އެވަޓަންގެ ގޯލަށް ނުރައްކާވާވަރުގެ ހަމަލާތަކެއް އުފެއްދިތަނެއް ނުފެނުނެވެ. ރޭގެ މެޗްގައި އެވަޓަންގެ ގޯލަށް ނުރައްކާވާ ގޮތަށް ލިވަޕޫލުން ފޮނުވާލި ހަމައެކަނި ހަމަލާ އަކީ މެޗް ނިމެން ގާތްވެފައިވަނިކޮށް ލިވަޕޫލުން ފޮނުވާލި ހިލޭ ޖެހުމެކެވެ. ލިވަޕޫލަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރު ފަބީނިއޯ ފޮނުވާލި ހިލޭ ޖެހުން އެވަޓަންގެ އިނގިރޭސި ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ.
ރޭގެ މެޗްގައި އިނގިރޭސި ގައުމީ ޓީމްގެ ގޯލްކީޕަރު ޕިކްފޯޑަށްވުރެ ބޮޑަށް ނުރައްކަލާ ކުރިމަތިލާން ޖެހުނީ ލިވަޕޫލަށް ކުޅެމުން އަންނަ ބްރެޒިލްގެ ގޯލްކީޕަރު އެލިސަން އަށެވެ. އެވަޓަންއަށް ކުޅެމުން އަންނަ ބްރެޒިލްގެ ރިޗާލިސަން ލިވަޕޫލްގެ ގޯލާ އަމާޒުކޮށް ފޮނުވާލި ހަމަލާއެއް ހުށިޔާރުކަމާއެކު އެލިސަން ރޭގެ މެޗްގައި ދިފާއުކޮށްފައިވާ އިރު މެޗް ނިމެން ގާތްވެފައި ވަނިކޮށް އެވަޓަންގެ ޑޮމިނިކް ކަލްވާޓް ލެވިން ލިވަޕޫލްގެ ގޯލާ ވަރަށް ކައިރީގައި ހުރެ ފޮނުވާލި ބާރު ހަމަލާއެއްވެސް ވަނީ އެލިސަން ހުށިޔާރުކަމާއެކު މަތަކޮށްފަ އެވެ.
ލީގުގައި ބާކީ އަށް މެޗް އޮތްއިރު ލިވަޕޫލް 83 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީއަށް ވުރެ 23 ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ.
އެވަޓަން އާ އެއްވަރުވެ ލިވަޕޫލް ކެތްތެރިކަމުގެ އިމްތިހާނަކަށް
ކޮމެންޓްސް
ކޮމެންޓެއް ލިޔުއްވާ
އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!
# މަޤުބޫލު ލިޔުންތައް
# ފަހުގެ ޚަބަރުތައް
ނައިވާދޫއިން ގޯލްޑަން ފުޓްސަލްގެ ތަށި ބޮޑުތިލަދުންމައްޗަށް ގެންގޮސްފި
5 ދުވަސް ކުރިން
ޑައިމަންޑް ޖުބިލީ ޖޫނިއާ މުބާރާތުގެ ފައިނަލްގައި އަހްމަދިއްޔާ އާއި ސީއެޗްއެސްއީ މާލެ
5 ދުވަސް ކުރިން
އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ފައިނަލުގައި ނައިވާދޫ އާއި ދެއްވަދޫ މިރޭ
5 ދުވަސް ކުރިން