ފުރަތަމަ ސަފްޙާ / ޚަބަރު / އިޓާލިއަން ލީގުވެސް މިރޭ ފަށާ, ހަމަ ބުނެލީ

އިޓާލިއަން ލީގުވެސް މިރޭ ފަށާ, ހަމަ ބުނެލީ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 20 ޖޫން 2020

ކޮރޯނާވައިރަހާ ގުޅިގެން މެދުކަނޑާލައިފައި އޮތުމަށްފަހު އިޓާލިއަން ލީގުވެސް މިރޭ ފަށާނެ އެވެ. މިދިޔަ މާރޗް މަހުގެ ނުވަ ވަނަ ދުވަހު މެދުކަނޑާލި އިޓާލިއަން ލީގު މިރޭ އަލުން ފަށާއިރު ފުރަތަމަ ކުޅޭ މެޗްގައި ވާދަކުރާނީ ޓޭބަލްގެ 9 ވަނައިގައި އޮތް ޕާމާ އާއި 15 ވަނައިގައި އޮތް ޓޮރިނޯ އެވެ. މި މެޗް ފަށާނީ ރާއްޖޭގެ ގަޑިން މިރޭ 10:30 ގައެވެ.
އިޓާލިއަން ލީގުގައި މިރޭ ދެ މެޗް ކުޅޭގޮތަށް ހަމަޖެހިފައިވާއިރު ފަހު މެޗްގައި މިރޭ ރާއްޖޭގެ ގަޑިން މެންދަމު 12:45 ގައި ބައްދަލުކުރާނީ ވެރޯނާ އާއި ކަލިއާރީ އެވެ. އިޓާލިއަން ލީގުގެ އެއްވަނައިގައި މިވަގުތު އޮތް ޔުވެންޓަސްގެ ފުރަތަމަ މެޗް ކުޅެން ހަމަޖެހިފައި އޮތީ ހޯމަ ދުވަހުގެ ރެ އެވެ. މިދިޔަ ބުދަ ދުވަހުގެ ރޭ އޮތް އިޓާލިއަން ކަޕްގެ ފައިނަލުގައި ނަޕޯލީ އަތުން ބަލިވިފަހުން ޔުވެންޓަސް އިން ކުޅޭ ފުރަތަމަ މެޗްގައި ރަށުން ބޭރުގައި ނުކުންނާނީ ބޮލޯނާ އާ ދެކޮޅަށެވެ.
އިޓާލިއަން ލީގު މިރޭ އަލުން ފަށާއިރު ލީގުގައި މިހާތަނަށް 26 މެޗް ކުޅެގެން 63 ޕޮއިންޓާއެކު ޓޭބަލްގެ އެއްވަނައިގައި ޔުވެންޓަސް އޮތްއިރު ހަމަ އެ އަދަދަށް މެޗް ކުޅެގެން އެންމެ ޕޮއިންޓެއްގެ ތަފާތުން ދެވަނައިގައި އޮތީ ލާޒިއޯ އެވެ.
އިޓަލީ އަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ކޮރޯނާވައިރަހުގެ ނުރައްކާ އެންމެ ބޮޑަށް ކުރި އެއް ގައުމެވެ. އެހެން ގިނަ ގައުމުތަކަށްވުރެ ކުރިން އިޓަލީގައި ވައިރަހުގެ ނުރައްކާ އާންމުވާން ފެށުމާއެކު އިޓަލީ ހިމެނެނީ ކޮރޯނާ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެންމެ ފުރަތަމަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންފެށި ގައުމުތަކުގެ ތެރޭގަ އެވެ. އިޓާލިއަން ލީގްގެ މެޗްތައް މިރޭ އަލުން ފަށާއިރު އިޓަލީގައި ފުޓްބޯޅަ ހަރަކާތްތައް މެދު ކަނޑާލުމުގެ ކުރިން ލީގުގައި ކުޅުނު ހަ މެޗެއް ވަނީ ސަޕޯޓަރުން ނުވައްދައި ކުޅެފަ އެވެ.
އިޓާލިއަން ލީގު މިރޭ ފެށުމާއެކު ޔޫރަޕްގެ ބޮޑު ފަސް ލީގުގެ ތެރެއިން ފްރެންޗް ލީގު ފިޔަވައި ހުރިހާ ލީގެއްގެ ކުޅުން އަލުން ފެށުނީ އެވެ. ފްރެންޗް ލީގު ވަނީ އަލުން ނުފަށަން ނިންމައި ކެންސަލްކޮށްފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!