ފުރަތަމަ ސަފްޙާ / ޚަބަރު / ޕޮގްބާ އާއި ފެނާންޑޭޒް ގުޅިގެން ޔުނައިޓެޑް ބަލިވުމުން ސަލާމަތްކޮށްދީފި

ޕޮގްބާ އާއި ފެނާންޑޭޒް ގުޅިގެން ޔުނައިޓެޑް ބަލިވުމުން ސަލާމަތްކޮށްދީފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 23 ޖޫން 2020


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާސް ވާދަކުރި މެޗުން ޓޮޓެންހަމް މޮޅުވާން ދަނިކޮށް މެޗްގެ ފަހުކޮޅު ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެން މެންޗެސްޓަރ ޔުނައިޓެޑުން މެޗް އެއްވަރުކޮށްފި އެވެ. ޓޮޓެންހަމްގެ ދަނޑުގައި ރޭ ކުޅުނު މެޗް އެއްވަރުވެފައި ވަނީ 1-1 އިންނެވެ.

ރޭގެ މެޗަށް މެންޗެސްޓަރ ޔުނައިޓެޑް ނުކުތްއިރު އެންމެ ގިނަ ބަޔަކު އިންތިޒާރުކޮށްގެން ތިބީ ޔުނައިޓެޑްގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ފްރާންސްގެ ޕައުލް ޕޮގްބާ އާއި މިއަހަރު އެ ޓީމަށް އަލަށް ގެނައި ޕޯޗްގަލްގެ ތަރި ބްރޫނޯ ފެނާންޑޭޒް އާ ދެ ކުޅުންތެރިން އެކުގައި  ކުޅޭތަން ބަލާލުމަށެވެ. އެކަމަކު ރޭގެ މެޗް ޔުނައިޓެޑުން ފެށީ އަނިޔާއިން މިހާރު އެއްކޮށް ރަގަޅުވެފައި ހުރި ޕޮގްބާ ބެންޗްގައި ބައިންދައިގެންނެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ލިބުނު އަނިޔާ އަކާއި ގުޅިގެން ކުޅުމާއި ދުރުގައި ހުންނަން ޖެހިފައިވުމާ އެކު ފެނާންޑެސް ޔުނައިޓެޑާ ގުޅުނު ފަހުން އަދި ރަސްމީ އެއްވެސް މެޗެއްގައި ޕޮގްބާ ކުޅެފައެއް ނުވެ އެވެ.

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ސަޕޯޓަރުން ނުވައްދައި ކުޅުނު މެޗްގައި ރޭ ޕޮގްބާ ކުޅެން ނުކުމެފައިވަނީ ފަހު ހާފްގަ އެވެ. މެޗްގެ 63 ވަނަ މިނެޓްގައި ޕޮގްބާ ކުޅެން އެރުވުމާ އެކު ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް ކުރާ މަސައްކަތުގައި ތަފާތެއް ގެނެވޭނެ ފެންވަރުގެ ކުޅުމެއް ޕްގްބާގެ ފަރާތުން ފެންނާނެ ކަން އޭނާ ވަނީ ސާބިތުކޮށްދީފަ އެވެ. ރޭގެ މެޗްގައި ޔުނައިޓެޑުން ނަތީޖާ ހަމަހަމަކުރުމަށް ވައްދާލި ޕެނަލްޓީ އަކީ ޕޮގްބާ ޓޮޓެންހަމްގެ ޕެނެލްޓީ އޭރިޔާގެ ތެރެއަށް ބޯޅަ ހިފައިގެން ވަތް ވަގުތު ޓޮޓެންހަމްގެ ޑިފެންޑަރު އެރިކް ޑަޔާ އޭނާ ވައްޓާލުމާއި ގުޅިގެން ލިބުނު ޕެނަލްޓީ އެކެވެ. މެޗް ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް ލިބުނު މި ޕެނަލްޓީ ގޯލަކަށް ބަދަލުކޮށްލީ ފެނާންޑޭޒް އެވެ.

ރޭގެ މެޗްގައި ޓޮޓެންހަމް އަށް ލީޑް ނަގައިދިން ލަނޑު މެޗްގެ 27 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީފައި ވަނީ ސްޓީވަން ބާގްވައިން އެވެ. ޔުނައިޓެޑްގެ ގޯލަށް ބާގްވައިން ފޮނުވާލި ބާރު ބޯޅަ މަތަކުރުމުގައި ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ އަށް އެންމެ ރަގަޅަށް މަސައްކަތްނުކުރެވުނުކަން ފާހަގަ ކުރެވުނެވެ.

ޔުނައިޓެޑަށް ލިބުނު ޕެނަލްޓީއަކުން މެޗްގެ ނަތީޖާ އެއްވަރުކުރި ފަހުންވެސް ފެނާންޑޭސް ބޯޅަ ހިފައިގެން ޓޮޓެންހަމްގެ ޕެނަލްޓީ އޭރިޔާގެ ތެރެއަށް ވަތް ވަގުތު ޓޮޓެންހަމްގެ ޑަޔާ ފައުލް ކުރި ކަމަށް ބަލައި މެޗްގެ ރެފްރީ ޕެނަލްޓީ އަކަށް އިޝާރާތްކުރި އެވެ. އެކަމަކު ވީއޭއާރުގެ އެހީގައި އަލުން އެހާދިސާ ހިނގި ގޮތް ބެލުމަށްފަހު އެއީ ޕެނަލްޓީއެއް ނޫންކަމަށް ވަނީ ނިންމައިފަ އެވެ.

ރޭގެ މެޗްގައި ޔުނައިޓެޑު ކޮޅަށް ޓޮޓެންހަމުން ވައްދާލި ގޯލްގައި ޑެހެއާގެ ފަރާތުން ގޯހެއް ހެދިފައި އޮތްކަމަށް ފާހަގަކުރެވުނު ނަމަވެސް އޭގެ ކުޑައިރު ކޮޅެއް ފަހުން ޓޮޓެންހަމް އަށް ކުޅެމުން އަންނަ ދެކުނު ކޮރެޔާގެ ފޯވާޑް ސޮން ހެއުން މިން ފޮނުވާލި ނުރައްކާތެރި ހަމަލާ ވަރަށް ހުޝިޔާރުކަމާއެކު ޑެހެއާ ވަނީ ގޯލަށް ވަނަ ނުދީ ސަލާމަތްކޮށްފަ އެވެ.

ކޮރޯނާވައިރަހާ ގުޅިގެން ސީޒަން މެދުކަނޑާލުމުގެ ކުރިން ރަގަޅު ފޯމެއްގައި އޮތް ޔުނައިޓެޑުން ރޭގެ މެޗްގެ ނަތީޖާ އެއްވަރުކުރުމުގެ ކުރިން ގޯލެއް ކާމިޔާބުކުރަން އެ ޓީމްގެ ފޯވާޑް އެންތަނީ މާޝިއަލް އަށް ރަގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު މާޝިއަލް ފޮނުވާލި ނުރައްކާތެރި ހަމަލާ ޓޮޓެންހަމްގެ ގޯލް ބަލަހައްޓަމުން އަންނަ ފްރާންސްގެ ހޫގޯ ލޮރިސް ވަނީ ހުށިޔާރުކަމާއެކު ފުންމައިގެން އަރައި ހުއްޓުވައިފަ އެވެ.

ރޭގެ މެޗުން ހޯދި ޕޮއިންޓާއެކު ޔުނައިޓެޑުން ވަނީ  ހަތަރު ވަނައިގައި އޮތް ޗެލްސީ އާ ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފަ އެވެ. އެކަމަކު މާދަމާ ރޭ އެސްޓަން ވިލާ އާ ދެކޮޅަށް ޗެލްސީ ކުޅޭ މެޗް އެޓީމުން ކާމިޔާބުކޮށްފި ނަމަ އެ ފަރަގު ފަސް ޕޮއިންޓަށް އިތުރުވާނެ އެވެ. ޓޮޓެންހަމް މިވަގުތު އޮތީ ޔުނައިޓެޑަށް ވުރެ ހަތަރު ޕޮއިންޓް މަދުން ލިބިގެން ޓޭބަލްގެ އަށް ވަނައިގަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!