ފުރަތަމަ ސަފްޙާ / ޚަބަރު / 43 މިލިއަން ހޯދަން އުޅެގެން 6 މިލިއަން ދައްކަން ޖެހިއްޖެ

43 މިލިއަން ހޯދަން އުޅެގެން 6 މިލިއަން ދައްކަން ޖެހިއްޖެ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 19 ޖޫން 2020

ސްޕެއިންގެ ބާސެލޯނާ އަށް 6.7 މިލިއަން ޔޫރޯ ދެއްކުމަށް ފްރާންސްގެ ޕީއެސްޖީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ ގެ މައްޗަށް ސްޕެއިންގެ ކޯޓަކުން އަމުރުކޮށްފި އެވެ. މިގޮތަށް ކޯޓުން މިއަދު އަމުރުކޮށްފައި މިވަނީ ބާސެލޯނާއިން ލޯޔަލިޓީ ބޯނަސްގެ ގޮތުގައި ނޭމާ އަށް 43.6 މިލިއަން ޔޫރޯ ދޭންޖެހޭ ކަމަށް ބުނެ 2017 ވަނަ އަހަރު އޭނާ ހުށަހެޅި މައްސަލަ އިގައި ނޭމާ އާ ދެކޮލަށް ހުކުމް އިއްވަމުންނެވެ.  މި މައްސަލައިގައި 28 އަހަރުގެ ނޭމާ އާ ދެކޮޅަށް ކޯޓުން ހުކުމްކުރި ނަމަވެސް މައްސަލަ އިސްތިއުނާފް ކުރުމުގެ ފުރުސަތު ނޭމާ އަށް އޮންނާނެ އެވެ.

ބާސެލޯނާގެ ކުރީގެ ފޯވާޑް ނޭމާ ސްޕެއިންގެ ކޯޓަށް މައްސަލަ ހުށަހެޅުމުގެ އިތުރުން އޭނާ ވަނީ ބާސެލޯނާއަށް ދެކޮޅަށް ފައިސާގެ މައްސަލައެއް ފީފާ އަށްވެސް ހުށަހަޅައިފަ އެވެ. މި މައްސަލައާ ގުޅިގެން ފީފާއިން އެއްވެސް ފިޔަވަޅެއް އެޅުމުގެ ބަދަލުގައި އެ އިދާރާ އިން ވަނީ ކޯޓުން މައްސަލަ ނިންމަން ދޫކޮށްކައިފައެވެ.

ނޭމާ ބާސެލޯނާ އިން ޕީއެސްޖީ އަށް 2017 ވަނަ އަހަރު ބަދަލުވީ 222 މިލިއަން ޔޫރޯ އަށެވެ. އެއީ އޭރު ދުނިޔޭގެ ރެކޯޑް އަގެކެވެ. އެކަމަކު އޭގެ އެއް އަހަރު ކުރިން ބާސެލޯނާ އިން ނޭމާ އާ އެކު އާ އެއްބަސްވުމެއްގައި ސޮއި ވެސް ކުރި އެވެ. މައްސަލަ އުފެދުނީ އެ އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ފައިސާ އަކާއި ގުޅިގެންނެވެ.

ބާސެލޯނާގެ ކޯޓަކުން ނޭމާ ހުށަހެޅި މައްސަލައާ ދެކޮޅަށް މިއަދު ކުރި ހުކުމަށް ބާސެލޯނާ އިން ވަނީ މަރުހަބާ ކިޔައިފަ އެވެ.

“ހުކުމްގައިވާ ގޮތުން ކްލަބުން ދޭންޖެހޭ ކަމަށް ކުޅެންތެރިޔާ ބުނާ 43.6 މިލިއަން ޔޫރޯ އަކީ ދޭންޖެހޭ އެއްޗެއް ނޫން. އަދި، ދިފާއުގައި ބާސެލޯނާ އިން ހުށަހެޅި ގިނަ ކަންކަން ކޯޓުން ވަނީ ގަބޫލުކޮށްފައި.  އޭގެ ނަތީޖާއެއްގެ ގޮތުން ކުޅުންތެރިޔާ ކްލަބަށް 6.7 މިލިއަން ޔޫރޯ ދައްކަން ޖެހޭނެ.” ބާސެލޯނާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ނޭމާ އާއި ބާސެލޯނާ އާ ދެމެދު ފައިސާގެ މައްސަލަތަކެއް އުފެދިފައި އޮތް ނަމަވެސް ބާސެލޯނާ އިން ވަނީ މިދިޔަ އަހަރު ނޭމާ އެ ކްލަބަށް އަލުން ގެންނަން މަސައްކަތްކޮށްފަ އެވެ. އަދި، ޕީއެސްޖީން އޭނާ ބާސެލޯނާ އަށް ދޫކުރުމަށް ޕްރެޝަރ ކުރުމުގެ ގޮތުން ނޭމާ ވަނީ ޓީމާ އެކު ފަރިތަކުރުންތަކުގައި ދުވަސްކޮޅަކު ބައިވެރި ނުވެވެސް ހުރެފަ އެވެ. އެކަމަކު ނޭމާ ބާސެލޯނާ އަށް ބަދަލުވުމުގެ މަސައްކަތް ހަގީގަތަކަށް ނުވީ ޕީއެސްޖީން ބުނާ ގޮތުގައި އެ ކްލަބުން ހުށަހެޅި އަގު ދައްކަން ބާސެލޯނާ އިން ދެކޮޅު ހެދުމުންނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!