އިޓާލިއަން ލީގުގެ އެއްވަނައިގައި މިވަގުތު އޮތް ޔުވެންޓަސްގެ ކޯޗް މައުރީސިއޯ ސާރީ ކުޅުވަން އުޅެނީ ކޮންކަހަލަ ފުޓްބޯޅައެއް ކަން ދެނެގަންނަން އުނދަގޫ ކަމަށާއި، ރޮނާލްޑޯ އެކަނި ހުރިހާ ކަމެއް ނުކުރެވޭނެ ކަމަށް ބުނެ ސާރީ އަށް ރައްދުވާ ގޮތަށް ރޮނާލްޑޯގެ ދައްތަ ސޯޝަލް މީޑިއާގައި ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
ރޮނާލްޑޯ ގެ އެއްބަނޑު އެއްބަފާ ދައްތަ އުމުރުން 47 އަހަރުގެ އެލްމާ އަވޭރޯގެ ހިތްހަމަނުޖެހުން ސާރީ އަށް އަމާޒުކޮށްފައި މިވަނީ ބުދަ ދުވަހުގެ ރޭ ކުޅުނު އިޓާލިއަން ކަޕް ފައިނަލްގައި ނަޕޯލީ އާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން ޔުވެންޓަސް ބަލިވި މެޗަށް ފަހު އެވެ. އިޓާލިއަން ކަޕްގެ ފައިނަލް މެޗްގެ ފުރިހަމަ ވަގުތު ހަމަވި އިރު ނަތީޖާ 0-0 ގައި އޮތް އިރު މެޗްގައި ޔުވެންޓަސް އަށް ލަނޑު ޖަހާނެ ހުސް ފުރުސަތެއް ތަނަވަސް ކުރެވިފައެއް ނުވެ އެވެ. މެޗްގެ ފަހުކޮޅު ނަޕޯލީ އަށް ލަނޑެއް ޖަހަން ލިބުނު ފުރުސަތު ގެއްލުނީ ނަސީބު އެހީނުވުމުންނެވެ. މެޗްގައި ތިން ހަމަލާ އެއް ރޮނާލްޑޯ އުފެއްދިއިރު އޭގެ ތެރެއިން ގޯލާ އަމާޒުވީ އެންމެ ބޯޅައެކެވެ. ޕެނަލްޓީ ޖަހައިގެން 2-4 އިން ޔުވެންޓަސް ބަލިވި އިރު ރޮނާލްޑޯ ޕެނަލްޓީ ޖަހައިފައެއް ނުވެ އެވެ.
މިއީ ރޮނާލްޑޯގެ މުޅި ފުޓްބޯޅަ ކެރިއަރުގައި ވެސް މިހާތަނަށް ޖެހިޖެހިގެން ކުޅުނު ދެ ފައިނަލަކުން ބަލިވި ފުރަތަމަ ފަހަރެވެ. އިޓާލިއަން ކަޕްގެ ފައިނަލްގެ ކުރިން މިދިޔަ އަހަރު ގެ ފަހު ކޮޅު އޮތް ސުޕަކޮޕަ އިޓާލިއާނާ ފައިނަލް މެޗްގައި ޔުވެންޓަސް ވަނީ ލާޒިއޯ އަތުންވެސް ބަލިވެފަ އެވެ.
އިޓާލިއަން ކަޕް ފައިނަލްގައި ރޮނާލްޑޯގެ ފަރާތުން ފެނުނު ކުޅުމަށް ބައެއް ފަރާތްތަކުން ފާޑުކިޔައިފައިވާ އިރު ރޮނާލްޑޯގެ ދިފާއުގައި އޭނާގެ ދައްތަ އިންސްޓަގްރާމްގައި ޝުއޫރު ފާޅުކުރަމުން ރޮނާލްޑޯ އާއެކު ޔުވެންޓަސް އަށް ކުޅެމުން އަންނަ ކުޅުންތެރިން އިތުރަށް މަސައްކަތްކުރުމަށް އެދިފައި ވެއެވެ.
“އަހަރެންގެ ލޯބިވާ (ކޮއްކޮ). ކޮއްކޮއަށް އިތުރަށް ކުރެވޭނެ ކަމެއް އެބައޮތްތަ؟ ހުރިހާ ކަމެއް އަމިއްލައަކަށް ކޮއްކޮ އަކަށް ނުކުރެވޭނެ.” ރޮނާލްޑޯގެ ދައްތަ އިންސްޓަގްރާމްގައި ލިޔެފައިވެ އެވެ.
“އަހަރެންނަކަށް ނުވިސްނޭ އެ ގޮތަށް ކޮއްކޮ ކުޅޭނީ ކިހިނެއް ކަމެއް. އެހެންވިޔަސް ހިތްވަރު ދެރަ ނުކުރާތި. ކޮއްކޮ އަށް އިތުރަށް އެކަމުގަ ކުރެވޭނެ ކަމެއް ނެތް.” ރޮނާލްޑޯގެ ދައްތަ ބުނެފައި ވެއެވެ.
ރޮނާލްޑޯގެ ދައްތަ ސާރީ އަށް ރައްދުވާ ގޮތަށް ސޯޝަލް މީޑިއާގައި ފާޑުކިޔައިފައިވާއިރު ޔުވެންޓަސް އަށް މިދިޔަ އަހަރު ސާރީ ބަދަލުވިފަހުން އޭނާ ކުޅުވަމުން އަންނަ ސްޓައިލަށް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. އަދި، އެކަން ސާރީ އަމިއްލައަށްވެސް ގަބޫލުކުރާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.