ފުރަތަމަ ސަފްޙާ / ޚަބަރު / ބެންޒެމާގެ ސަޅި ގޯލާއެކު ރެއާލުން ފަރަގު ކުޑަކޮށްފި

ބެންޒެމާގެ ސަޅި ގޯލާއެކު ރެއާލުން ފަރަގު ކުޑަކޮށްފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 19 ޖޫން 2020

ސްޕެނިޝް ލީގުގައި ރޭ ވެލެންސިއާ އާ ވާދަކޮށް ރެއާލް މެޑްރިޑުން ކުޅުނު މެޗްގައި ރެއާލްގެ ފޯވާޑް ކަރިމް ބެންޒެމާ ވައްދާލި ދެ ގޯލާ އެކު އެ ޓީމުން ފަސޭހަ މޮޅެއް ހޯދައިފި އެވެ. އަމިއްލަ ދަނޑުގައި ރޭ ރެއާލް މެޑްރިޑުން ވެލެންސިއާގެ މައްޗަށް ކުރި ހޯދީ 0-3 އިންނެވެ.

ރޭގެ މެޗްގައި ރެއާލް މެޑްރިޑުން ޖެހި ތިން ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ މެޗްގެ ފަހު 30 މިނެޓްގެ ތެރޭގައެވެ. މެޗްގައި އެ ޓީމަށް ލީޑް ނަގައިދިން ލަނޑު 61 ވަނަ މިނެޓްގައި ފްރާންސްގެ 32 އަހަރުވީ ފޯވާޑް ކާމިޔާބުކޮށްދިން އިރު މި ލަނޑަކީ މިދިޔަ އަހަރު ޗެލްސީން ރެއާލް މެޑްރިޑަށް ބަދަލުވި ބެލްޖިއަމްގެ ތަރި އެޑެން ހަޒާޑް ދިން ބޯޅައަކުން ކާމިޔާބުކުރި ލަނޑެކެވެ.

ރެއާލް އިން މެޗްގައި ޖެހި ދެވަނަ ލަނޑަކީ ފަހު ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ސްޕެއިންގެ މާކޯ އަސެންސިއޯ ކާމިޔާބުކޮށްދިން ލަނޑެކެވެ. މެޗްގެ 74 ވަނަ މިނެޓްގައި ވަނިކޮށް އަސެންސިއޯ ވެލެންސިއާގެ ގޯލަށް ވައްދާލި މި ބޯޅައަކީ އޭނާ ކުޅެން އެރި ފަހުން ފައިން ޖެއްސި ފުރަތަމަ ބޯޅަ އެވެ.

ރެއާލް މެޑްރިޑުން މެޗްގެ ނަތީޖާ 0-3 އަށް ބަދަލުކުރި ލަނޑަކީ އެ ޓީމްގައި މިހާތަނަށް 11 އަހަރު ހޭދަކޮށްފައިވާ ބެންޒެމާގެ ފަރާތުން މޮޅު ހުނަރުވެރިކަމެއް ފެނުނު ލަނޑެކެވެ. މި ލަނޑަކީ އަސެންސިއޯ ބެންޒިމާ އަށް ދިން ބޯޅައެއް ވެލެންސިއާގެ ޑިފެންޑަރު ހޫގޫ ގިލަމަން ގެ ބޯ މަތިން ހިއްލާލުމަށްފަހު ވައިގެ ތެރޭގައި އެއްވައި ފައިން ޖަހައި ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ. މެޗް ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ވެލެންސިއާގެ ގޯލަށް ބެންޒެމާ ވައްދާލި ގޯލާއެކު ރެއާލްގެ އެންމެ ކާމިޔާބު ކޯޗް ޒިދާން ވެސް ހުރީ އާޝޯހްވެފައެވެ. ލަނޑު ޖެހުމާއެކު ފެނުނީ ޒިދާން އޭނާގެ ބޮލުގައި ދެއަތުން ހިފެހެއްޓި ތަނެވެ. މި ލަނޑަކީ މި ސީޒަންގައި މިހާތަނަށް ސްޕެނިޝް ލީގުން ފެނުނު އެންމެ ރީތި އެއް ގޯލަށް ވާނެ އެވެ.

ބެންޒެމާ ރޭގެ މެޗްގައި ކާމިޔާބުކޮށްދިން ދެ ގޯލާ އެކު އޭނާ މިހާރު ވަނީ އެ ޓީމަށް އެންމެ ގިނަ ގޯލް ކާމިޔާބުކޮށްދިން ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ. ރޭ ބެންޒެމާ ކާމިޔާބުކޮށްދިން ދެ ގޯލާ އެކު ރެއާލް މެޑްރިޑްގެ ޖޯޒީގައި އޭނާ ކާމިޔާބުކޮށްދިން ލަނޑުގެ އަދަދު 243 އަށް އެރީ އެވެ. 450 ގޯލާއެކު ރެއާލް އަށް އެންމެ ގިނަ ގޯލް ކާމިޔާބުކޮށްދިން ކުޅުންތެރިޔާގެ ރެކޯޑް ޕޯޗްގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަތުގައި އޮތް އިރު ބެންޒެމާ އަށް އެންމެ އަވަހަށްވެސް އަރާ ހަމަކުރެވެން ދެން އޮތީ ރެއާލް އަށް 290 ގޯލް ޖަހައިދީފައިވާ ސްޕެއިންގެ ސަންޓިލާނާ އާ އެވެ.

ރޭގެ މެޗްގެ ފަހު ހާފްގައި ރެއާލް މެޑްރިޑުން މޮޅު ކުޅުމެއް ދައްކާފައިވާއިރު އެ ޓީމުގެ ފަރާތުން ޕޮޒިޓިވް ގިނަ ކަންތައްތަކެއް ފާހަގަކުރެވުނެވެ. ހާއްސަގޮތެއްގައި 150 މިލިއަން ޕައުންޑަށް ޗެލްސީން މިދިޔަ އަހަރު ރެއާލް އަށް ބަދަލުވި ފޯވާޑް ހަޒާޑް އާއި ބެންޒެމާގެ ޕާޓްނަޝިޕް ރަގަޅުވަމުން އައުމާއި މުޅި ސީޒަންގައި ކަހަލަ ގޮތަކަށް އަނިޔާގެ ސަބަބުން ނުކުޅެ ހުރި އަސެންސިއޯ ގެ ފަރާތުން ރަގަޅު ކުޅުމެއް ރޭގެ މެޗްގައި ފެނުން ފާހަގަކުރެވެ އެވެ. ރޭގެ މެޗްގެ ފުރަތަމަ ހާފްގައި ގިނަ ހަމަލާތަކެއް ވެލެންސިއާގެ ގޯލާ އަމާޒުކޮށް ހަޒާޑް ފޮނުވާލައިފައިވާއިރު އެ ހަމަލާތައް ލަނޑަކަށް ބަދަލުކުރުމުގައި އެންމެ ބޮޑު ހުރަހަކަށްވީ ރޭގެ މުޅި މެޗްގައިވެސް މޮޅު ކުޅުމެއް ދެއްކި ވެލެންސިއާގެ ގޯލްކީޕަރު ޖެސްޕާ ސިލެސެން އެވެ.

ރެއާލް މެޑްރިޑްގެ ރަސްމީ ދަނޑު މަރާމާތަށް ބަންދުކޮށްފައި ހުރުމުގެ ސަބަބުން އެ ޓީމްގެ ފަރިތަކުރުންތަކަށް ބޭނުންކުރާ ދަނޑުގައި ރޭ ކުޅުނު މެޗްގައި ރެއާލް އިން ލީޑް ނެގުމުގެ ކުރިން ވެލެންސިއާ އިން ރެއާލްގެ ގޯލަށް ބޯޅައެއް ވައްދާލި އެވެ. އެކަމަކު ވެލެންސިއާގެ ފޯވާޑް ރޮޑްރިގޯ މެޗްގެ 21 ވަނަ މިނެޓްގައި ވައްދާލި އެ ބޯޅަ ގޯލަކަށް ނުވީ ވީއޭއާރު ބެލުމެއްފަހު އެއީ އޮފްސައިޑް މަގާމެއްގައި ހުރެ ވައްދާލި ބޯޅަ އެއްކަމަށް ރެފްރީ ނިންމުމުންނެވެ.

ރޭގެ ނަތީޖާ އާއެކު ރެއާލް މެޑްރިޑުން ވަނީ ޓޭބަލްގެ އެއްވަނައިގައި އޮތް ބާސެލޯނާ އާ ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފަ އެވެ. ލީގުގައި ދެން އެންމެ އަވަހަށް ރެއާލް އިން ކުޅެންޖެހޭ މެޗްގައި އަންނަ އާދީއްތަ ދުވަހު ރަށުން ބޭރުގައި ނުކުންނާނީ ރެއާލް ސޮސިއެޑާޑް އާ ދެކޮޅަށެވެ. ބާސެލޯނާ އިން ދެން އެންމެ އަވަހަށް ކުޅޭ މެޗްގައި ސެވިއްޔާ އާ ދެކޮޅަށް ރަށުން ބޭރުގައި މިރޭ ވާދަ ކުރާނެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!