އޭޝިއަން ފުޓްބޯލް ކޮންއޭފެޑެރޭޝަން (އޭއެފްސީ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ތާރީހުގައި މިހާތަނަށް ޖަހާފައިވާ ސޯލޯ ގޯލްތަކުގެ ތެރެއިން އެންމެ ހިތްގައިމު ފަސް ގޯލްގެ ތެރޭގައި ހިމެނުނު ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ)ގެ ގޯލަށް އެންމެ ގިނަ ވޯޓް ލިބިއްޖެ އެވެ.
އޭއެފްސީގެ ހަބަރުތައް ގެނެސްދޭ ރަސްމީ ވެބްސައިޓް ކަމަށްވާ އޭއެފްސީ ޑޮޓްކޮމް އިން އެކި ހަފްތާތަކަށް ބަހާލައިގެން “ފައިވް އޮފް ދަ ބެސްޓް” ގެ ނަމުގައި ކުރިއަށްގެންދާ ސީރީޒްގެ ނިމިގެން މިދާ ހަފްތާގެ ބައި އޭއެފްސީ ކަޕްގައި ޖެހި އެންމެ ހިތްގައިމު ސޯލޯ ފަސް ގޯލަށް ހާއްސަކޮށްފައިވާ އިރު އެ ގޯލްތަކުގެ ތެރޭގައި ހިމަނާފައިވާ ދަގަނޑޭގެ ގޯލަކީ 2013 ވަނަ އަހަރު އޮތް އޭއެފްސީ ކަޕް ގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޖާޒީގައި އިންޑޮނީޝިއާގެ ޕެރްސިބޯ ކޮޅަށް ދަގަނޑޭ ވައްދާލި ގޯލެވެ. ދަގަނޑޭ އަކީ މިހާތަނަށް އޭއެފްސީ ކަޕްގައި އެންމެ ގިނަ ގޯލްޖެހި ދިހަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ.
އެފްސީ ކަޕްގެ އެންމެ ހިތްގައިމު 5 ގޯލުގެ ތެރޭގައި ހިމެނުނު ދަގަނޑޭގެ ގޯލަށް ވޯޓްލީ 14 ހާހަށްވުރެ ގިނަ މީހުންގެ ތެރެއިން 54 އިންސައްތަ މީހުން ވޯޓްދީފައިވާއިރު ދަގަނޑޭ އާ އެންމެ ގާތުން ވާދަކޮށްފައިވަނީ އިންޑިއާގެ ބަލްވަންޓް ސިންގެވެ. ބަލްވަންޓް ސިންގަށް ލިބިފައިވަނީ ވޯޓްލީ މީހުންގެ 22 އިންސައްތަ ވޯޓެވެ. ދަގަނޑޭ އާއި ބަލްވަންޓް ޖެހި ގޯލްތަކުގެ އިތުރުން އެންމެ މޮޅު ސޯލޯ ގޯލަށް ވާދަކޮށްފައިވަނީ 2013 ވަނަ އަހަރު އޭއެފްސީ ކަޕްގައި ލުބުނާންގެ ސޮފާ އެފްސީގެ ހައިދަރު އަލީ ޖެހި ގޯލާއި، 2015 އިންޑޮނީޝިއާގެ ޕަސިޕޫރާ ޖަޔަޕޫރްގެ ބޯޒް ސޮލޯސާ ޖެހި ގޯލްގެ އިތުރުން 2018 ވަނަ އަހަރު މިޔަންމާގެ ޔަންގޮން ޔުނައިޓެޑްގެ ނައިޖީރިއާ ފޯވާޑް އިމަނުއެލް އަޒޫ ޗޮކުވޫ ޖެހި ގޯލެވެ.