ރޭ އަލުން ފެށި އިނގިރޭސި ޕްރިމިއަރ ލީގުގައި އާސެނަލް އާއި މެންޗެސްޓަރ ސިޓީ ވާދަކުރި މެޗް ސިޓީން ފަސޭހަކަމާއެކު ކާމިޔާބުކޮށްފިއެވެ. އެންމެ ފަހުގެ ޗެމްޕިއަން ސިޓީން އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗްގައި އާސެނަލްގެ މައްޗަށް ކުރި ހޯދީ 0-3 އިންނެވެ.
ރޭގެ މެޗްގައި މެންޗެސްޓަރ ސިޓީންޖެހި ފުރަތަމަ ލަނޑު މެޗްގެ ފުރަތަމަ ހާފް ނިމިނިމި އޮއްވައި އެ ޓީމަށް ކާމިޔާބުކޮށްދިނީ އިނގިރޭސި ފޯވާޑް ރަހީމް ސްޓާލިންގ އެވެ. މިއީ އާސެނަލްގެ ޑިފެންޑަރު ޑޭވިޑް ލުއިޒް އަށް އެ ޓީމްގެ ޑިފެންސްގެ ތެރެއިން ބޯޅަ ރަގަޅަށް ސާފުކޮށްނުލެވުމުގެ ފައިދާ ނަގައިގެން ސްޓާލިންގ ކާމިޔާބުކުރި ލަނޑެކެވެ.
ސީޓީން ކާމިޔާބުކުރި ދެވަނަ ލަނޑަކީ ވެސް ފުރަތަމަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ލުއިޒް ހެދި ގޯހަކުން ލިބުނު ފުރުސަތެއްގައި އެ ޓީމުން ޖެހި ގޯލެކެވެ. މެޗްގެ 51 ވަނަ މިނެޓްގައި އާސެނަލްގެ ޕެނަލްޓީ އޭރިޔާގެ ތެރެއިން ސިޓީގެ ރިޔާދް މާރޭޒް އަށް ލުއިޒް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނެލްޓީ ވަރަށް ހަމަޖެހިލައިގެން ހުރެ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ސިޓީ އަށް ލީޑް ފުޅާކޮށްދިނީ ބެލްޖިއަމްގެ ތަރި ކެވިން ޑި ބްރޫނޭ އެވެ. މާރޭޒް އަށް ކުރި ފައުލާ ގުޅިގެން ލުއިޒް އަށް ރަތް ކާޑް ދައްކައި ދަނޑުން ފޮނުވާލައިފައިވެ އެވެ.
ސިޓީގެ ފަހު ލަނޑަކީ މެޗްގެ އިތުރު ވަގުތުގައި އެ ޓީމްގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އާސެނަލްގެ ގޯލާއި އަމާޒުކޮށް ފޮނުވާލި ބޯޅައެއް އެ ޓީމްގެ ގޯލްކީޕަރު ދިފާއުކޮށް ކުޅުމުގެ ތެރެއަށް ފޮނުވާލި ވަގުތު އަލުން އެ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އިނިގިރޭސި ވިލާތުގެ ޒުވާން މިޑްފީލްޑަރު ފިލް ފޯޑެން ކާމިޔާބުކޮށްދިން ލަނޑެކެވެ.
މެންޗެސްޓަރ ސިޓީން ރޭގެ މުޅި މެޗް ޑޮމިނޭޓްކޮށްގެން ކުޅެފައިވާއިރު އެޓީމަށް ލަނޑުގެ އަދަދު އިތުރު ކުރަން ގިނަ ފުރުސަތު ތަކެއް ލިބި ބޭކާރުވެސް ވެފައިވެ އެވެ. މިގޮތުން ޑި ބްރޫނޭ އާއި ސްޓާލިންގ ގެ އިތުރުން ޑޭވިޑް ސިލްވާ ފޮނުވާލި ތިން ހަމަލާއެއް އާސެނަލްގެ ގޯލްކީޕަރު ބާންޑް ލިނޯ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ރޭގެ މެޗްގެ ފުރަތަމަ ހާފްގައި އާސެނަލްގެ ނުރައްކާތެރި ފޯވާޑް އެމެރިކް އައުބަމަޔަންގް ހަމަލާ އުފެއްދުމަށްޓަކައި ކޮންމެވެސް ވަރަކަށް މަސައްކަތްކޮށްފައިވީ ނަމަވެސް އެ ޓީމްގެ ފަރާތުން މާ ނުރައްކާތެރި ހަމަލާތަކެއް ސިޓީގެ ގޯލަށް ފޮނުވާލެވޭ ވަރު ކުރެވިފައެއް ނުވެއެވެ. އާސެނަލްގެ ފޯވާޑް އެލެގްޒެންޑަރ ލަކާޒޭ ބެންޗްގައި ބައިންދައިގެން ރޭގެ މެޗް އެޓީމުން ފެށިއިރު މެޗަށް ނެގި 20 ކުޅުންތެރިންގެ ސްކޮޑްގައި ޖަރުމަނުގެ މަސުތު އޮޒިލް ހިމެނިފައެއްވެސް ނުވެއެވެ.
ރޭގެ މެޗްގައި ސިޓީއަށް ކުރިމަތިވި ހަމައެކަނި ނުތަނަވަސްކަމަކަށް ވީ އެ ޓީމްގެ ޑިފެންޑަރު ސްޕެއިންގެ އެރިކް ގާސިއާ އާއި ގޯލްކީޕަރު އެޑަސަން އާ ދެ ކުޅުންތެރިން ޖެހުމުގެ ސަބަބުން ގާސިއާ އަށް ލިބުނު އަނިޔާ އެވެ. މެޗްގެ ފަހު ހާފްގައި ގާސިއާ ސްޓްރެޗަރ ގައި ދަނޑުން ބޭލީ އެތައް އިރެއް ވަންދެން ދަނޑުމަތީގައި ފަރުވާދިނުމަށްފަހު އެވެ.
ރޭގެ މެޗުން ބަލިވުމާއެކު ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމަށް އާސެނަލުން ކުރަމުން އަންނަ މަސައްކަތަށް އަނެއްކާވެސް އިތުރު ހުރަސްތަކެއް ކުރިމަތިވީ އެވެ. 40 ޕޮއިންޓާއެކު ޓޭބަލްގެ ނުވަ ވަނައިގައި މިވަގުތު އާސެނަލް އޮތްއިރު ހަތަރު ވަނައިގައި އޮތް ޗެލްސީ އާ އެ ޓީމާއި ދެމެދު އަށް ޕޮއިންޓްގެ ތަފާތެއް އެބަ ހުއްޓެވެ. ރޭގެ މެޗް ސިޓީން ކާމިޔާބުކުރުމާއެކު ޓޭބަލްގެ ދެވަނައިގައި އެ ޓީމުން ދަމަހައްޓަމުން އަންނަ މަގާމް އިތުރަށް ވަރުގަދަވުން ފިޔަވައި އިތުރު އުފަލެއް ސިޓީއަކަށް އަދި ނެތެވެ. އެކަމަކު ސިޓީން ހޯދި މޮޅާއެކު 30 އަހަރަށްފަހު ލިވަޕޫލުން ލީގު ހޯދަން ކުރަމުން އަންނަ އިންތިޒާރު ނިމުމަކަށް ގެންނަން ބޭނުންވާ ހަ ޕޮއިންޓަށް ބަދަލެއް ނައިސް އަދި އެބައޮތެވެ.
ރޭގެ މެޗްގައި ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ކެމްޕޭންކުރުމުގެ ގޮތުން ދެ ޓީމްގެ ކުޅުންތެރިންވެސް ނުކުތީ ޖޯޒީގެ ފުރަގަހުގައި ކުޅުންތެރިޔާގެ ނަމުގެ ބަދަލުގައި “ބްލެކް ލައިވްސް މެޓާސް” މި އިބާރާތް ޖަހައިގެންނެވެ.