ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިއަން ބަޔަކު ބަލަމުން އަންނަ އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން ކޮވިޑް-19 އަށް މެދުކަނޑާލުމަށް ފަހު މިރޭ އަލުން ފަށާނެ އެވެ. މިއީ، ދުނިޔޭގެ އެންމެ މަގްބޫލު އެއް ލީގު ބަލަން ކެތްމަދުވެފައި ތިބި ފުޓްބޯޅަ ސަޕޯޓަރުންނަށް ލިބިގެންދިޔަ އުފާވެރި ހަބަރެކެވެ.
މުޅި ދުނިޔޭގެ ކުޅިވަރު ހަރަކާތްތައް މެދުކަނޑާލީ ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެ ބައެއް ގައުމުތަކުން އެތައް ހާސް ބަޔަކު މަރުވަމުން ދިއުމާއި ގުޅިގެންނެވެ. ކޮވިޑް-19 އަށް މެދުކަނޑާލުމަށް ފަހު ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރެއިން އަލުން ފެށި ފުރަތަމަ ލީގަކީ ޖަރުމަނު ލީގެވެ. އަދި، ސްޕެއިން ލީގު މިހާރު ފަށާފައިވާއިރު އިޓާލިއަން ލީގު މި މަހުގެ 20 ވަނަ ދުވަހު ފަށާގޮތަށް ވަނީ ތާވަލްކޮށްފަ އެވެ. މަޝްހޫރު ލީގުތަކުގެ ތެރެއިން ސަރުކާރުގެ އެންގުމަށް އަމަލުކުރުމުގެ ގޮތުން ފްރެންޗް ލީގު ވަނީ ކެންސަލްކޮށްފަ އެވެ. އަދި، ނެދަލެންޑްސް އާއި ބެލްޖިއަމުން ވެސް ވަނީ ލީގު ކެންސަލްކޮށްފަ އެވެ.
އިނގިރޭސި ޕްރިމިއާ ލީގު މިރޭ ފަށާނީ 100 ދުވަހުގެ މެދުކެނޑުމަކަށް ފަހު އެވެ. ފުރަތަމަ މެޗުގައި ރާއްޖެ ގަޑިން މިރޭ 10 ޖަހާއިރު އެސްޓަން ވިލާ އާއި ޝެފީލްޑް ޔުނައިޓެޑް ވާދަކުރާއިރު 12:15 ގައި ފަށާ މެޗުގައި މެންޗެސްޓަރ ސިޓީން އަމިއްލަ ދަނޑުގައި ނުކުންނާނީ އާސެނަލާ ދެކޮޅަށެވެ. ލީގުގެ ބާކީ 92 މެޗުގެ ކުޅުން ކުރިއަށްދާނީ ޖުލައި 26 ވަނަ ދުވަހުގެ ނިޔަލަށެވެ. ކުރިއަށް އޮތް 40 ދުވަހު ގާތްގާތުގައި މެޗުތައް ކުޅޭނީ ސަޕޯޓަރުންނަށް ނުވަދެވޭ ގޮތަށެވެ.
ފުރަތަމަ ހަފްތާގެ މެޗުތައް ފެށުމުގެ ކުރިން ކޮވިޑް-19 ގައި ދުނިޔެ ދޫކުރި މީހުންގެ ހަނދާނުގައި ސުކޫތެއް ގެނައުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި، ފްރަންޓްލައިންގައި މަސައްކަތްކުރާ ހެލްތު ޕްރޮފެޝަނަލްސްގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެ ކުޅުންތެރިއެއްގެ ޖާޒީގެ ކުރިމަތީގައި “ހިތެއް” ގެ ޑިޒައިނަށް ބެޖެއް ހަރުކުރާނެ އެވެ.
ފުރަތަމަ މެޗުތަކުން ދެން ފެންނާނެ އެންމެ ބޮޑު ބަދަލަކީ ކުޅުންތެރިންގެ ނަމުގެ ބަދަލުގައި “ބްލެކް ލައިވްސް މެޓަރ” ޖާޒީގައި ފަހަތުގައި ޖަހާފައި ހުރުމެވެ. ފުރަތަމަ 12 މެޗުގައި ޓީމުތަކުގެ ޖާޒީގައި މި ލިޔުންކޮޅު ބޭނުންކުރަން ނިންމީ އެމެރިކާގެ ފުލުހުން މަރާލި ކަޅު ނަސްލުގެ ޖޯޖް ފްލޮއިޑްގެ ހަނދާން އާކުރުމުގެ ގޮތުންނެވެ.
އިނގިރޭސި ސަރުކާރުން އެގައުމުގައި ކުޅިވަރު ހަރަކާތްތައް ފެށުމުގެ ހުއްދަ ދިނީ ޖޫން އެއް ވަނަ ދުވަހުން ފެށިގެންނެވެ. ސަރުކާރުގެ މި ނިންމުމާއެކު އިނގިރޭސި ލީގު އަލުން ފަށަން ނިންމައި ޓީމުތަކުން އަންނަނީ ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ. ފަރިތަކުރުންތައް ކުރިއަށްގެންދަނީ އިނގިރޭސި ލީގުން އެކުލަވާލި ހާއްސަ ޕްރޮޓޮކޯލްގެ ދަށުންނެވެ. އަދި، ލީގުން ނިންމާފައިވަނީ ހުރިހާ ޓީމެއްގެ މެމްބަރުން ކޮންމެ ދެ ހަފްތާއަކުން އެއް ފަހަރު ކޮވިޑް-19 އަށް ޓެސްޓް ކުރުމަށެވެ. މިހާތަނަށް ކުޅުންތެރިން ޓެސްޓްކުރުމުގެ އަށް ބުރެއް ކުރިއަށް ގެންގޮސްފައިވާއިރު 8689 ސާމްޕަލުން ޕޮޒިޓިވް 16 ކޭސް ވަނީ ފެނިފަ އެވެ. ލީގު އަލުން ފަށާއިރު ކޮންމެ ޓީމަކަށް ވެސް މެޗެއްގައި ފަސް ބަދަލު ގެނެވޭނެ އެވެ.
ލީގުގެ 16 ޓީމަކަށް ބާކީ ނުވަ މެޗު އޮތްއިރު ހަތަރު ޓީމަކަށް ބާކީ 10 މެޗު އެބައޮތެވެ. ލީގުގެ އެއް ވަނައިގައި 25 ޕޮއިންޓުގެ ލީޑަކާއެކު އޮތީ ލިވަޕޫލް އެވެ. ބާކީ އޮތް ނުވަ މެޗުން ހަ ޕޮއިންޓް ހޯދައިގެން ލިވަޕޫލަށް ލީގު ޗެމްޕިއަންކަން ކަށަވަރުކުރެވޭނެ އެވެ. މިއީ، 30 އަހަރަށް ފަހު ލިވަޕޫލުން ލީގު ޗެމްޕިއަންކަން ހޯދާނެ ފުރަތަމަ ފަހަރެވެ.
ލިވަޕޫލަށް 29 މެޗުން 82 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނައިގައި އޮތް ސިޓީ އަށް 28 މެޗުން ލިބިފައިވަނީ 57 ޕޮއިންޓެވެ. ތިން ވަނައިގައި 53 ޕޮއިންޓާއެކު ލެސްޓަ ސިޓީ އޮތްއިރު 48 ޕޮއިންޓާއެކު ހަތަރު ވަނައިގައި އޮތީ ޗެލްސީ އެވެ. 45 ޕޮއިންޓާއެކު ފަސް ވަނައިގައި އޮތީ މެންޗެސްޓަރ ޔުނައިޓެޑެވެ. ހަ ވަނައިގައި އޮތް ވުލްވްސް އާއި ހަތް ވަނައިގައި އޮތް ޝެފީލްޑް ޔުނައިޓެޑަށް ލިބިފައިވަނީ 43 ޕޮއިންޓެވެ. 41 ޕޮއިންޓާއެކު ޓޮޓެންހަމް ހޮޓްސްޕާސް އަށް ވަނައިގައި އޮތްއިރު ނުވަ ވަނައިގައި އޮތް އާސެނަލަށް ލިބިފައިވަނީ 40 ޕޮއިންޓެވެ. ރެލިގޭޝަނުން ސަލާމަތްވުމަށް އެންމެ ބޮޑަށް މަސައްކަތްކުރަނީ ފުލުގައި އޮތް ނޯވިޗް ސިޓީ އާއި 19 ވަނައިގައި އޮތް އެސްޓަން ވިލާ އަދި 18 ވަނައިގައި އޮތް ބޯންމައުތެވެ.