ފުރަތަމަ ސަފްޙާ / ޚަބަރު / ބަޔާން މިއުނިކުން ޖަރުމަނު ލީގު ކާމިޔާބުކޮށްފި، އުފާފާޅުކުރީ ފަޅު ދަނޑެއްގައި

ބަޔާން މިއުނިކުން ޖަރުމަނު ލީގު ކާމިޔާބުކޮށްފި، އުފާފާޅުކުރީ ފަޅު ދަނޑެއްގައި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 17 ޖޫން 2020

ރޭ ރަށުން ބޭރުގައި ވާޑާ ބްރެމެން އަތުން 1-0 އިން ހޯދި މޮޅާއެކު ބަޔާން މިއުނިކުން ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން އަށް ވަނަ ފަހަރަށް ހޯދައިފި އެވެ. މި ކާމިޔާބީއާ އެކު ބަޔާން ވަނީ މީގެ ކުރިން ޖެހިޖެހިގެން އަށް ސީޒަނުގައި ލީގު ޗެމްޕިއަންކަން ކަށަވަރުކުރި އިޓަލީގެ ޔުވެންޓަސްގެ ރެކޯޑާ ހަމަކޮށްފަ އެވެ.

2013 އިން ފެށިގެން މި ސީޒަނުގެ ނިޔަލަށް ބަޔާނުން ޗެމްޕިއަންކަން ކަށަވަރުކުރިއިރި މިއީ ޖަރުމަނު ފުޓްބޯޅައިގެ ތާރީހުގައި އެޓީމުން ލީގުގެ ޗެމްޕިއަންކަން ހޯދި 30 ވަނަ ފަހަރެވެ. ބަޔާނަށް ވުރެ ގިނައިން ލީގު ޗެމްޕިއަންކަން ހޯދާފައިވާ ޔޫރަޕްގެ ކްލަބްތަކަކީ ޔުވެންޓަސް އާއި ރެއާލް މެޑްރިޑް އެވެ. ޔުވެންޓަސް އިން އިޓާލިއަން ލީގު 35 ފަހަރު ކާމިޔާބުކޮށްފައިވާއިރު ރެއާލުން ވަނީ 33 ފަހަރު ސްޕެނިޝް ލަލީގާ ކާމިޔާބުކޮށްފަ އެވެ.

ވަކިވަކި ކުޅުންތެރިންގެ ރެކޯޑަށް ބަލާއިރު ކުރިން ފްރޭންކް ރިބެރީ ބަޔާންއާ އެކު ހަދާފައިވާ ރެކޯޑާ، އެޓީމުގެ ޑޭވިޑް އަލާބާ އާއި ތޯމަސް މުލާ ވަނީ އެއްވަރުކޮށްފަ އެވެ. މިދިޔަ ސީޒަނަށް ފަހު ރިބެރީ ބަޔާން ދޫކޮށްލީ އެ ކްލަބާއެކު ނުވަ ފަހަރު ލީގު ކާމިޔާބުކޮށްފަ އެވެ. ރޭ ޗެމްޕިއަންކަން ކަށަވަރުވުމުން އަލާބާ އާއި މުލާ އަށް މިހާރު ވަނީ ލީގު ޗެމްޕިއަންކަން ނުވަ ފަހަރު ލިބިފަ އެވެ.

ރޭ ރަށުން ބޭރުގައި ބްރެމެން އަތުން ބަޔާން މޮޅުކޮށްދީ ލީގު ކަށަވަރުކޮށްދިނީ ޕޮލެންޑްގެ ފޯވާޑް ރޮބާޓް ލެވޮންޑޮސްކީ އެވެ. މިއީ، މި ސީޒަނުގެ ލީގުގައި ލެވޮންޑޮސްކީ ބަޔާނަށް ޖަހައިދިން 31 ވަނަ ގޯލެވެ. މީގެ ކުރިން ޖަރުމަނުން ބޭރުގެ ކުޅުންތެރިއަކު މި އަދަދަށް ގޯލު ހަމަކުރީ 17-2016 ސީޒަނުގަ އެވެ. އެއީ ކުރިން ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެ މިހާރު އާސެނަލްގެ ކުރި ބަލަހައްޓަމުން އަންނަ ގޭބޮންގެ ފޯވާޑް ޕިއޭ-އެމެރިކް އޮބާމިޔަން އެވެ.

ގޯލު ޖެހުމަށް ފަހު ލޮވޮންޑޮސްކޯ އުފާފާޅުކުރަނީ. ލީގު ކާމިޔާބުކުރުމުގައި ހިއްސާ ބޮޑު

ފުރަތަމަ ހާފުގައި ބަޔާނުން ނެގި ލީޑާއެކު އެޓީމުން ވަނީ މެޗުގެ ބާކީ ބައިގައި ލީޑު ހިފަހައްޓައިފަ އެވެ. އެކަމަކު މެޗު ނިމެން 10 ވަރަކަށް މިނެޓަށް ވެފައިވަނިކޮށް ޒުވާން ޑިފެންޑަރު އަލްފޮންސޯ ޑޭވީސް އަށް ރަތް ކާޑު ދެއްކުމުން މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ 10 ކުޅުންތެރިންނާއެކު އެވެ. މެޗުގައި ބަޔާނަށް މާމޮޅު ކުޅުމެއް ނުދެއްކުނުއިރު ބްރެމެން އިން ދިޔައީ ރެލިގޭޝަނުން ސަލާމަތްވާން ކުރާ މަސައްކަތުގައި ނަތީޖާ ނެރެން މަސައްކަތްކުރަމުންނެވެ.

ލީގުގެ ޗެމްޕިއަންކަން ބަޔާން ކަށަވަރުކުރީ ބާކީ ދެ މެޗު އޮއްވަ އެވެ. 10 ޕޮއިންޓް ފަހަތުން ދެ ވަނައިގައި އޮތް ޑޯޓްމަންޑަށް ލީގުގައި އަދި ބާކީ ތިން މެޗު އެބައޮތެވެ. 32 މެޗުން ބަޔާނަށް 76 ޕޮއިންޓް ލިބިފައިވާއިރު 31 މެޗުން ޑޯޓްމަންޑަށް ލިބިފައިވަނީ 66 ޕޮއިންޓެވެ. ރޭ ބަލިވި ބްރެމެން އޮތީ 32 މެޗުން ލިބުނު 28 ޕޮއިންޓާއެކު ފަހަތުން ދެ ވަނައިގަ އެވެ.

ބަޔާނުން މިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަންކަން ކަށަވަރުކުރީ އަމިއްލަ ދަނޑުގައި 75000 އަމިއްލަ ސަޕޯޓަރުން ކުރިމަތީ އެއިންޓްރަކް ފްރެންކްފާޓް 5-1 އިން ބަލިކޮށްގެންނެވެ. އެކަމަކު، ރޭ ބްރެމެންގެ ދަނޑުގައި އެޓީމުން ލީގު ކާމިޔާބުކުރިއިރު ސަޕޯޓަރުން ނެތުމުން ފެނުނީ ފަޅުކަމެވެ. ބަޔާންގެ ކުޅުންތެރިން ދަނޑުމަތީގައި އުފާފާޅުކުރީ ކްލަބުގެ ސްޓޭޑިއަމްގައި ތިބި ކްލަބުގެ މަދު އަދަދެއްގެ މެމްބަރުންނާއެކު އެވެ. މުޅި ދަނޑުން ވެސް ފެނުނީ ފަޅުކަމެވެ.

“މިދިޔަ މަސްތަކުގައި އަހަރެމެން ކުޅުނީ މޮޅު ފުޓްބޯޅަ އެއް. ޓީމުގެ ފަރާތުން ޖޯޝު ފެނުނު، ރޫހު ފެނުނު” ކުޅުންތެރިއެއްގެ ގޮތުގައި ބަޔާންއާ އެކު ހަތަރު ފަހަރު ޖަރުމަނު ލީގު ކާމިޔާބުކޮށްފައިވާ ބަޔާންގެ ކޯޗު ހަންސީ ފްލިކް މެޗަށް ފަހު ބުންޏެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!