ކޮވިޑް-19 ގެ ސަބަބުން މިދިޔަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ނިޔާވި މަންމަގެ ހަނދާންތަކާއެކު އޭނާ ގުނަމުން ދަނީ އުނދަގޫ ދުވަސްތަކެއް ކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ގާޑިއޯލާގެ މަންމަ، ޑޮލޮރެސް ސަލާ ކަރިއޯ 82 އަހަރުގައި ކޮވިޑް ބައްޔާ ހަނގުރާމަކުރަނިކޮށް އޭޕްރީލް މަހު މަރުވީ ސްޕެއިންގެ ކެޓަލާން ގަ އެވެ. ގާޑިއޯލާގެ މަންމަ ދިރިއުޅުނީ ކެޓަލާންގެ މަންސެރާ ސަރަހައްދުގަ އެވެ. މަންމަ މަރުވިއިރު ގާޑިއޯލާ ވެސް އޭރު ހުރީ ސްޕެއިންގަ އެވެ.
“އަހަރެންގެ އަމިއްލަ ދިރިއުޅުމާ އެހެން މީހުންގެ އަމިއްލަ ދިރިއުޅުމާ އެއްވެސް ތަފާތެއް ނެތް. މަރުވި އެންމެންނަކީ ވެސް އެ އާއިލާތަކުގެ މުހިއްމު މެމްބަރުން. އެހެންވެ އާއިލާ ވަރުގަދަވެގެންދަނީ ވެސް. މިއީ އަހަރެންނަށް އުނދަގޫ ހާލަތެއް” މަންމަގެ ހަނދާންތައް އާކުރަމުން ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާގެ ސިޓީ މިހާރު ތައްޔާރުވަމުން އަންނަނީ 100 ދުވަހަށް ފަހު މިރޭ ފަށާ އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލާ ދެކޮޅަށް ކުޅޭ މެޗަށެވެ. އަމިއްލަ ދަނޑުގައި އާސެނަލާ ދެކޮޅަށް މި މެޗު ކުޅެން އެންމެ ފުރަތަމަ ހަމަޖެއްސީ މާޗް މަހުގެ 11 ވަނަ ދުވަހު އެވެ. ކޮވިޑް-19 ގެ ނުރައްކަލާހެދި އިނގިރޭސި ލީގުގެ ކުޅުން މެދުކަނޑާލީ އެހިސާބުންނެވެ. ލީގުގެ ކުޅުން މެދުކަނޑާލިތާ ދެތިން ދުވަސް ފަހުން އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. ގާޑިއޯލާ އޭރު ބުނީ ސަޕޯޓަރުން ދަނޑަށް ނުވައްދައި މެޗުތައް ކުރިއަށް ގެންދަން އޭނާ ސަޕޯޓް ނުކުރާ ކަމަށެވެ.
“އޭރު އެގޮތަށް ކޮމެންޓް ކުރީ އެއްވެސް މީހަކަށް މިކަމުގައި ވާނެގޮތެއް ނޭނގޭތީ. ޑޮކްޓަރުންނަށް ވެސް ދުނިޔޭގައި ހުރި އެންމެ މޮޅު ސައިންޓިސްޓު ވެސް އުއްމީދު ނުކުރޭ މި ހާލަތަށް” އާސެނަލާ ދެކޮޅަށް މިރޭ ކުޅޭ މެޗުގެ ކުރިން ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ ބުނީ އެންމެ މުހިއްމީ އެންމެންގެ ސިއްހަތު ކަމަށާއި އެކަމަކު ސްޕެއިން އެކޭ އެއްގޮތަށް ލީގުގެ ކުޅުން ކުރިއަށް ގެންދަން ނިންމުމުން އެގޮތަށް އަމަލުކުރާނެ ކަމަށެވެ.
“ކުޅުންތެރިންނަކީ ވެސް އިންސާނުން. އެމީހުން ވަރަށް އަވަހަށް މިކަމަށް ހޭނޭނެ” ގާޑިއޯލާ ބުންޏެވެ.
ސިޓީން ވަނީ މި ސީޒަނުގެ ލީގު ކަޕްގެ ޗެމްޕިއަންކަން މާޗް މަހު ހޯދައިފަ އެވެ. ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގްގެ މެޗުގައި އެޓީމުން ވަނީ ރަށުން ބޭރުގައި ރެއާލް މެޑްރިޑް ބަލިކޮށްފަ އެވެ. އަދި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދާފައިވާއިރު ލީގުގައި އެޓީމު އޮތީ ދެ ވަނައިގަ އެވެ.
ގާޑިއޯލާ މިރޭ އާސެނަލާ ދެކޮޅަށް ނުކުންނައިރު، އާސެނަލްގެ ކޯޗަކަށް ހުންނާނީ ގާޑިއޯލާގެ އެސިސްޓެންޓެއްގެ ގޮތުގައި ސިޓީގައި މަސައްކަތްކުރި އާޓެޓާ އެވެ. އާޓެޓާގެ އާސެނަލްގެ ކޯޗުކަމާ ހަވާލުވުމުން ސިޓީން މިހާރު އާ އެސިސްޓެންޓެއް ހަމަޖައްސައިފަ އެވެ.
ލީގުގެ ކުޅުން މެދުކަނޑާލިއިރު 25 ޕޮއިންޓުގެ ލީޑަކާއެކު އެއް ވަނައިގައި އޮތީ ލިވަޕޫލް އެވެ. ލީގު ޗެމްޕިއަންކަން ކަށަވަރުކުރަން ބާކީ އޮތް ނުވަ މެޗުން ލިވަޕޫލަށް ބޭނުންވަނީ ނުވަ ޕޮއިންޓެވެ. ދެ ވަނައިގައި އޮތް ސިޓީ އަށް 28 މެޗުން ލިބިފައިވަނީ 57 ޕޮއިންޓެވެ.
އިނގިރޭސި ފުޓްބޯޅަ އަލުން ފަށާނީ މިރޭ 10 ޖަހާއިރު އެސްޓަން ވިލާ އާއި ޝެފީލްޑް ޔުނައިޓެޑް ވާދަކުރާ މެޗުންނެވެ. ސިޓީ އާއި އާސެނަލް މެޗު ފަށާނީ ރޭގަނޑު 12:15 ގަ އެވެ.