ކޯޗު ޒިނެދިން ޒިދާން ރެއާލް މެޑްރިޑަށް އިރުޝާދުދިން 200 ވަނަ މެޗުގައި ރޭ އެޓީމުން ގެޓާފޭ ބަލިކޮށްފި އެވެ. ކޮވިޑް-19 ގެ މެދުކެނޑުމަށް ފަހު އަލުން ފެށި ސްޕެނިޝް ލީގުގައި ރޭ ގެޓާފޭއާ ވާދަކޮށް ރެއާލުން މެޗު ކާމިޔާބުކުރީ 3-1 އިންނެވެ.
ޒިދާން އަކީ ރެއާލްގެ ތާރީހުގައި އެޓީމަށް 200 މެޗު ހަމަކުރި ތިން ވަނަ ކޯޗެވެ. ކުރީގެ ކޯޗު ވިސެންޓޭ ޑެލް ބޮސްކޭ 246 މެޗުގައި ރެއާލަށް އިރުޝާދުދީފައިވާއިރު މިގުއެލް މުނޯޒް ވަނީ 605 މެޗުގައި ރެއާލަށް ކޯޗުކޮށްދީފަ އެވެ. މިއީ، ޒިދާން ރެއާލްގެ ކޯޗުކަން ކުރާ ދެ ވަނަ ފަހަރެވެ. 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ރެއާލާ ހަވާލުވުމަށް ފަހު 2018 ވަނަ އަހަރުގެ މެއި މަހު އިސްތިއުފާ ދިނުމާއި ހަމައަށް ޒިދާން ވަނީ ރެއާލަށް ޖެހިޖެހިގެން ތިން ސީޒަނުގައި ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފަ އެވެ. އަލުން ރެއާލްގެ ކޯޗުކަމާ ޒިދާން ހަވާލުވީ މިދިޔަ އަހަރު އެވެ. ރެއާލަށް ޒިދާން ކޯޗުކޮށްދިން 200 މެޗުގެ ތެރެއިން 132 މެޗު ކާމިޔާބުކުރިއިރު 42 މެޗުން އެއްވަރުވެ 26 މެޗުން ވަނީ ބަލިވެފަ އެވެ. މި މުއްދަތުގައި އޭނާ ވަނީ ރެއާލަށް 10 ތަށި ކާމިޔާބުކޮށްދީފަ އެވެ.
ރެއާލްގެ ރަސްމީ ސްޓޭޑިއަމްގައި މަރާމާތުގެ ގިނަ މަސައްކަތްތަކެއް ކުރާތީ މި ސީޒަނުގެ ބާކީ ހޯމް މެޗުތައް އެޓީމުން ކުޅޭނީ އެސްޓާޑިއޯ އަލްފްރެޑޯ ޑި ސްޓެފާނޯ ސްޓޭޑިއަމްގަ އެވެ. 6000 ސަޕޯޓަރުންގެ ޖާގައިގެ މި ދަނޑަކީ ރެއާލްގެ ބީ ޓީމުގެ ރަސްމީ މެޗުތައް ކުޅޭ ދަނޑެވެ. ރޭގެ މެޗަކީ ސީނިއާ ޓީމުން ލަލީގާގެ މެޗެއް އެ ދަނޑުގައި ކުޅުނު ފުރަތަމަ ފަހަރެވެ.
މެޗުގެ ފުރަތަމަ އެގާރައިގައި ކޯޗު ޒިދާން ވަނީ މިދިޔަ ފެބްރުއަރީ މަހު ކުރި ސާޖަރީއަށް ފަހު އަލުން ކުޅުމުގެ ތެރެއަށް އައިސްފައިވާ އެޑެން ހަޒާޑް ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ. މެޗުގައި ރެއާލްގެ ފުރަތަމަ ގޯލު ހަތަރު ވަނަ މިނެޓުގައި ޓޮނީ ކްރޫސް ޖެހިއިރު ހަޒާޑްގެ އެހީތެރިކަމާއެކު 30 ވަނަ މިނެޓުގައި ދެ ވަނަ ގޯލު ޖެހީ ކެޕްޓަން ސާޖިއޯ ރާމޯސް އެވެ. އޭގެ ހަތް މިނެޓު ފަހުން ރެއާލްގެ ތިން ވަނަ ގޯލު ޖެހީ ޑިފެންޑަރު މާސެލޯ އެވެ. ދެ ވަނަ ހާފުގައި މޮޅު ކުޅުމެއް ދެއްކި ގެޓާފޭގެ ހަމައެކަނި ގޯލު މެޗުގެ 60 ވަނަ މިނެޓުގައި ޖަހައިދިނީ ޕެޑްރޯ ބިގާސް އެވެ.
މޮޅާއެކު ރެއާލް ވަނީ އެއް ވަނައިގައި އޮތް ބާސެލޯނާއާ ދެ ޕޮއިންޓަށް ކައިރިކޮށްފަ އެވެ. ސްޕެނިޝް ލީގުގައި ކޮންމެ ޓީމަކަށް ވެސް ބާކީ އޮތީ 10 މެޗެވެ.