ކޮވިޑް-19 ގެ ސަބަބުން މެދުކަނޑާލުމަށް ފަހު އަލުން ފެށި ސްޕެނިޝް ލީގުގައި ބާސެލޯނާއިން ކުޅުނު ފުރަތަމަ މެޗު ފަސޭހަކަމާއެކު ކާމިޔާބުކޮށްފި އެވެ. ރޭ ރަށުން ބޭރުގައި މަޔޯކާއާ ވާދަކޮށް ބާސެލޯނާ އިން މެޗު ކާމިޔާބުކުރީ 4-0 އިންނެވެ.
މެޗު ފަށައިގެން 66 ވަނަ ސިކުންތުގައި އާޓޫރޯ ވިޑާލް ޖަހައިދިން ގޯލުން ބާސެލޯނާ ވަނީ ލީޑު ނަގައިފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޓީމަށް ލީޑު ފުޅާކޮށްދިން ގޯލު ލިއޮނަލް މެސީގެ އެހީތެރިކަމާއެކު ޖެހީ ކުރިން އިނގިރޭސި ކްލަބް މިޑްލްސްބަރާ އަށް ކުޅުނު ޑެންމާކްގެ ފޯވާޑް މާޓިން ބްރައިތުވެއިޓް އެވެ. ބްރައިތުވެއިޓަކީ ބާސެލޯނާގެ އުސްމާން ޑެމްބެލޭ ދިގު މުއްދަތަކަށް ކުޅުމާއި ދުރަށް ދާން ޖެހުމުން ހާއްސަ ހުއްދައެއްގެ ދަށުން މިދިޔަ ފެބްރުއަރީ މަހު ބާސެލޯނާ އިން ގެނައި ކުޅުންތެރިއެކެވެ. ސްޕެނިޝް ލީގުން ދިން ހުއްދައާއެކު ބްރައިތުވެއިޓް ބާސެލޯނާ އަށް ބަދަލުވީ ސްޕެއިންގެ ލެގަނޭސް އިންނެވެ.
މެޗުގެ ދެ ވަނަ ހާފުގައި ބާސެލޯނާގެ ކޯޗު ކީކޭ ސެޓިއެން ވަނީ އޮންޓުއަން ގްރީޒްމަންގެ ބަދަލުގައި ލުއިސް ސުއަރޭޒް ކުޅެން އަރުވައިފަ އެވެ. މިއީ ޖެނުއަރީ މަހު ކުރި ކަނާތު ކަކުލުގެ ސާޖަރީ އަށް ފަހު 33 އަހަރުގެ ސުއަރޭޒް ބާސެލޯނާ އަށް ކުޅުނު ފުރަތަމަ މެޗެވެ. ބާސެލޯނާގެ ތިން ވަނަ ގޯލު ޖެހީ މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖޯޑީ އަލްބާ އެވެ. އެޓީމުގެ ފަހު ގޯލު މެޗުގެ ފަހު މިނެޓުގައި ޖެހީ މޮޅު ކުޅުމެއް ދެއްކި މެސީ އެވެ. މެސީ ވަނީ މި ސީޒަނުގެ ލީގުގައި 20 ގޯލު ޖަހައި 14 ގޯލު ޖަހަން އެހީތެރިވެދީފަ އެވެ. އަދި، މިއީ ލީގުގައި ޖެހިޖެހިގެން 20 ގޯލު މެސީ ޖެހި 12 ވަނަ ސީޒަނެވެ.
މޮޅާއެކު ބާސެލޯނާ ވަނީ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެކަމަކު މިރޭ ރާއްޖެ ގަޑިން 10:30 ގައި އެއިބާއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްގެން ރެއާލް މެޑްރިޑަށް އެއް ވަނައިގެ ފަރަގު ދެ ޕޮއިންޓަށް ކުޑަކުރެވޭނެ އެވެ. ލީގުގެ އެއް ވަނައިގައި ބާސެލޯނާ އަށް 61 ޕޮއިންޓް ލިބިފައިވާއިރު ރެއާލަށް ލިބިފައިވަނީ 56 ޕޮއިންޓެވެ. ތިން ވަނައިގައި 50 ޕޮއިންޓާއެކު ސެވިއްޔާ އޮތްއިރު ހަތަރު ވަނައިގައި ރެއާލް ސޮސިއެޑާޑަށް ލިބިފައިވަނީ 46 ޕޮއިންޓެވެ.