އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ތާރީހުގައި މިހާތަނަށް ޖަހާފައިވާ ސޯލޯ ގޯލްތަކުގެ ތެރެއިން އެންމެ ހިތްގައިމު ފަސް ގޯލްގެ ތެރޭގައި ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ޖަހައިފައިވާ ގޯލެއް ހިމަނައިފި އެވެ.
އޭއެފްސީގެ ހަބަރުތައް ގެނެސްދޭ ރަސްމީ ވެބްސައިޓް ކަމަށްވާ އޭއެފްސީ ޑޮޓްކޮމް އިން އެކި ހަފްތާތަކަށް ބަހާލައިގެން “ފައިވް އޮފް ދަ ބެސްޓް” ގެ ނަމުގައި ކުރިއަށްގެންދާ ސީރީޒްގެ މި ހަފްތާގެ ބައި އޭއެފްސީ ކަޕްގައި ޖެހި އެންމެ ހިތްގައިމު ސޯލޯ ފަސް ގޯލަށް ހާއްސަކޮށްފައިވާ އިރު އެ ގޯލްތަކުގެ ތެރޭގައި ހިމަނާފައިވާ ދަގަނޑޭގެ ގޯލަކީ 2013 ވަނަ އަހަރު އޮތް އޭއެފްސީ ކަޕް ގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޖާޒީގައި އިންޑޮނީޝިއާގެ ޕެރްސިބޯ ކޮޅަށް ދަގަނޑޭ ވައްދާލި ގޯލެވެ. ދަގަނޑޭ އަކީ މިހާތަނަށް އޭއެފްސީ ކަޕްގައި އެންމެ ގިނަ ގޯލްޖެހި ދިހަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ.
Vote for @AliAshfaq07 goal in the AFC's 5 of the Best AFC Cup Solo goals poll, before 1pm on 18 June 2020! ✅????https://t.co/DkLU2Lt9P2 pic.twitter.com/1MJVrNCTu5
— Fahuminet (@fahuminet) June 13, 2020
އެފްސީ ކަޕްގެ އެންމެ ހިތްގައިމު 5 ގޯލުގެ ތެރޭގައި ދެން ހިމެނެނީ 2013 ވަނަ އަހަރު އޭއެފްސީ ކަޕްގައި ލުބުނާންގެ ސޮފާ އެފްސީގެ ހައިދަރު އަލީ ޖެހި ގޯލާއި، 2014 ވަނަ އަހަރު އިންޑިއާގެ ޗާޗިލް ބްރަދާސްގެ ފޯވާޑް ބަލްވަންޓް ސިންހް ޖެހި ގޯލާއި، 2015 އިންޑޮނީޝިއާގެ ޕަސިޕޫރާ ޖަޔަޕޫރްގެ ބޯޒް ސޮލޯސާ ޖެހި ގޯލްގެ އިތުރުން 2018 ވަނަ އަހަރު މިޔަންމާގެ ޔަންގޮން ޔުނައިޓެޑްގެ ނައިޖީރިއާ ފޯވާޑް އިމަނުއެލް އަޒޫ ޗޮކުވޫ ޖެހި ގޯލެވެ.
އޭއެފްސީ ކަޕްގައި މިހާތަނަށް ފެނުނު އެންމެ މޮޅު ސޯލޯ ފަސް ގޯލްގެ ތެރެއިން އެންމެ މޮޅު ގޯލް ހޮވާގޮތަށް އޭއެފްސީ ޑޮޓްކޮމް އިން ނިންމާފައިވާއިރު އެ ވެބްސައިޓުން އެންމެ މޮޅު ގޯލް ހޮވަން ނިންމައިފައިވަނީ ގޯލް ޖަހައިފައިވާ ކުޅުންތެރިޔާއަށް ލިބޭ ވޯޓުގެ އަދަދަށް ބަލައިގެންނެވެ. މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު 1 ޖެހުމާއި ހަމައަށް ވޯޓްދިނުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާއިރު މިވަގުތު ވޯޓްގެ އެންމެ ކުރީގައި އޮތީ ދަގަނޑޭ އެވެ. މިހާތަނަށް ވޯޓްދީފައިވާ މީހުންގެ 45 އިންސައްތަ ވޯޓް ދަގަނޑޭ އަށް ލިބިފައިވާ އިރު އޭނާއާ އެންމެ ގާތުން ވާދަކުރަނީ އިންޑިއާގެ ބަލްވަންޓް ސިންގެވެ. ބަލްވަންޓް ސިންގަށް މިހާތަނަށް ލިބިފައިވަނީ ވޯޓްލީ މީހުންގެ 35 އިންސައްތަ ވޯޓެވެ.