ކޮރޯނާވައިރަހާ ގުޅިގެން މެދުކަނޑާލާފައި އޮތް އިނގިރޭސި ޕްރިމިއަރ ލީގު މި މަހުގެ 17 ވަނަ ދުވަހު ފަށާގޮތަށް އިނގިރޭސި އެފްއޭ އިން ނިންމުމާ ގުޅިގެން އެކަމަށް ތައްޔާރުވުމުގެ ގޮތުން މެންޗެސްޓަރ ޔުނައިޓެޑުން ޗެމްޕިއަންޝިޕްގައި މިހާރު ކުޅެމުން އަންނަ ވެސްޓް ބްރޮމްއާ ކުޅުނު ރަހްމަތްތެރިކަމުގެ އެއް މެޗުން ޔުނައިޓެޑް ބަލިވެއްޖެ އެވެ. ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި އިއްޔެ ކުޅުނު މި މެޗުން 1-2 އިން ޔުނައިޓެޑް ބަލިވިއިރު ޔުނައިޓެޑްގައި މިވަގުތު ހުރި އެންމެ އަގުބޮޑު ކުޅުންތެރިޔާ ފްރާންސްގެ ޕައުލް ޕޮގްބާ އާއި މިދިޔަ ފިނި މޫސުމުގެ ޓްރާންސްފަރ ބާޒާރުގައި ޔުނައިޓެޑަށް ގެނައި ޕޯޗްގަލްގެ ތަރި ބްރޫނޯ ފެނާންޑޭޒް ވަނީ އެކުގައި ކުޅެފަ އެވެ. މިއީ މި ދެކުޅުންތެރިން މެޗެއްގައި އެކުގައި ކުޅުނު ފުރަތަމަ ފަހަރެވެ.
އަންނަ ބުދަ ދުވަހު އަލުން ފަށާ އިނގިރޭސި ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މެންޗެސްޓަރ ޔުނައިޓެޑުން ވެސްޓް ބްރޮމް އާ ދެކޮޅަށް ދެ މެޗް ކުޅެފައިވާ އިރު ދެ ވަނަ އަށް ކުޅުނު މެޗް 1-3 އިން ކާމިޔާބުކުރީ ޔުނައިޓެޑެވެ.
ސަޕޯޓަރުން ނުވައްދައި ކުޅުނު ރަހްމަތްތެރިކަމުގެ މި ދެ މެޗްގައި ޔުނައިޓެޑުން ނެރެފައިވަނީ ތަފާތު ދެ ޓީމެކެވެ. ވެސްޓް ބްރޮމް އަތުން ޔުނައިޓެޑް ބަލިވި މެޗްގައި ޔުނައިޓެޑުން ޖެހި ހަމައެކަނި ގޯލް ފެނާންޑޭޒް ކާމިޔާބުކޮށްދީފައިވާ އިރު އެ މެޗުގައި ޔުނައިޓެޑަށް ލިބުނު ޕެނަލްޓީއެއް ފެނާންޑޭޒް އަތުން ވަނީ ބޭކާރުވެފަ އެވެ. މި މެޗްގައި ފެނާންޑޭޒް އާއި ޕޮގްބާގެ އިތުރުން ޔުނައިޓެޑްގެ އެންމެ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މާކަސް ރަޝްފޯޑް އާއި އެންތަނީ މާޝިއަލްގެ އިތުރުން ޑެނިއެލް ޖޭމްސް، އެރިކް ބާއީ އަދި ނިމެންޔާ މަޓިޗް ކުޅެފައިވެ އެވެ.
ވެސްޓް ބްރޮމްގެ މައްޗަށް ޔުނައިޓެޑުން ކުރި ހޯދި މެޗްގައި ޔުނައިޓެޑުން ޖެހި ތިން ގޯލްގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދީފައިވަނީ އަންދްރައެސް ޕެރޭރާ އެވެ. ޔުނައިޓެޑުން ޖެހި ތިން ވަނަ ގޯލް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޓަހިތު ޗޮންގް އެވެ. މި މެޗްގައި ކުޅުނު ޔުނައިޓެޑްގެ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ހެރީ މެގުއާ، ލޫކް ޝޯ، ވިކްޓަރ ލިންޑެލޯފް، އާރޮން ވަން ބިސާކާ އަދި ޑޭވިޑް ޑެހެއާ ހިމެނެ އެވެ. މީގެ އިތުރުން މި މެޗްގައ އޮޑިއޮން އިގާލޯ އާއި، ޖެސީ ލިންގާޑްގެ އިތުރުން ހުއާން މަޓާ އަދި ފްރެޑް ވެސް ކުޅެފައިވެ އެވެ.
އިނގިރޭސި ޕްރިމިއަރ ލީގު އަލުން ފަށާއިރު ޔުނައިޓެޑް ކުޅޭ ފުރަތަމަ މެޗްގައި މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ނުކުންނާނީ ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށެވެ. ކޮރޯނާވައިރަހާ ގުޅިގެން މާޗް މަހުގެ ކުރީކޮޅު ސީޒަން މެދުކަނޑާލި އިރު ޔުނައިޓެޑް އޮތީ ރަނގަޅު ފޯމެއްގައެވެ. ބެލެވޭ ގޮތުގައި އަންނަ ހުކުރު ދުވަހުގެ ރޭ ޔުނައިޓެޑުން ޓޮޓެންހަމް އާ ދެކޮޅަށް ނުކުންނަ މެޗްގައި ޕޮގްބާ އާއި ފެނާންޑޭޒް އެކުގައި ކުޅެން ނުކުންނާނެ އެވެ. ފެނާންޑޭޒް ޔުނައިޓަޑަށް ބަދަލުވި ފަހުން ޕޮގްބާ ހުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގަ އެވެ.