ފުރަތަމަ ސަފްޙާ / ޚަބަރު / ކުޅުންތެރިން އުފައްދަނީ ވިއްކާކަށް ނޫން: ބާސެލޯނާ

ކުޅުންތެރިން އުފައްދަނީ ވިއްކާކަށް ނޫން: ބާސެލޯނާ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 13 ޖޫން 2020

އެ ކްލަބުގެ އެކަޑެމީގައި ކުޅުންތެރިން އުފައްދަނީ އެހެން ކްލަބަކަށް ވިއްކާލައިގެން ފައިސާ ހޯދަން ނޫންކަމަށް ބާސެލޯނާގެ ޑިރެކްޓަރު ޒަވިއޭ ވިލަޔޯނާ ބުނެފި އެވެ. އޭނާ މިހެން ބުނީ އިނގިރޭސި ކްލަބް މެންޗެސްޓަރ ޔުނައިޓެޑުން ބާސެލޯނާގެ އަންސޫ ފާޓީ ހޯދުމަށް ކުރަމުން އަންނަ މަސައްކަތާއި ގުޅޭގޮތުން ކުޅިވަރު ނޫހަކަށް ދިން އިންޓަވިއުއެއްގަ އެވެ.

ރިޕޯޓުތައް ބުނާގޮތުން ޔުނައިޓެޑުން ވަނީ ސްޕެއިންގެ 17 އަހަރުގެ ފާޓީ ހޯދަން 111 މިލިއަން ޔޫރޯ ހުށަހަޅާފަ އެވެ. ފާޓީ ހޯދަން ޔުނައިޓެޑުން މަސައްކަތް ކުރަނީ އެޓީމުން އެންމެ ބޭނުންވާ ބޮރޫޝިއާ ޑޯޓްމަންޑުގެ އިނގިރޭސި ތަރި ޖޭޑޮން ސަންޗޯ ވިއްކާލުމަށް ކިޔާ އަގު ބޮޑުވުމުންނެވެ. ކުރިއަށް އޮތް އަހަރުތަކުގައި ކާމިޔާބީ ހޯދުމަށް ޔުނައިޓެޑުން މިހާރު އެންމެ އިސްކަން ދެނީ އެޓީމު އެޓޭކް ވަރުގަދަކުރާށެވެ.

ފާޓީ ހޯދަން ޔުނައިޓެޑުން މަސައްކަތް ކުރި ނަމަވެސް ބާސެލޯނާގެ ޑިރެކްޓަރު ބުނީ އެފަދަ އެއްވެސް މުއާމަލާތެއް ނުކުރާނެ ކަމަށާއި، ފާޓީ ވިއްކާލުމާ މެދު ނުވިސްނާ ކަމަށެވެ.

“އަންސޫ (ފާޓީ) އާ ގުޅޭގޮތުން އަހަރެމެން ދައްކާނެ އެއްވެސް ވާހަކައެއް ނެތް. އޭނާ ވިއްކާލުމާ ގުޅޭ އެއްވެސް ކަމެއް ނުކުރަން. އެކަޑެމީގެ ކުޅުންތެރިން ވިއްކާލައިގެން ލާރި ހޯދުމުގެ މަސައްކަތެއް މި ކްލަބުން ނުކުރާނެ. ފުރަތަމަ ޓީމުން ފުރުސަތު ހޯދާނެކަމަށް ބެލެވޭ ކުޅުންތެރިން ވިއްކާލުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅެން” އިންޓަވިއުގައި ވިލަޔޯނާ ބުނެފައިވެ އެވެ.

ބާސެލޯނާގެ ސީނިއާ ޓީމުން ފާޓީ އަށް ފުރުސަތު ލިބުނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ. ލިބުނު ފުރުސަތުގެ ބޭނުންހިފައި އޭނާ މިހާރު އަންނަނީ ބައެއް މެޗުތަކުގެ ފުރަތަމަ އެގާރައިގައި ވެސް ކުޅެމުންނެވެ. މި ސީޒަނުގައި ބާސެލޯނާ އަށް ކުޅެދިން 24 މެޗުގައި ފާޓީ ވަނީ ފަސް ގޯލު ޖަހައިފަ އެވެ. މީގެ ތެރޭގައި ލީގުގައި ކުޅުނު 16 މެޗުގައި ހަތަރު ގޯލު ޖަހައި އެއް ގޯލު ޖަހަން ފާޓީ ވަނީ މަގުފަހިކޮށްދީފަ އެވެ. އަދި، އޭނާ ވެފައިވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފް ވެސް ހޯދައިފަ އެވެ.

“ފާޓީ މި ކްލަބުގައި ހުރީ އުފަލުން. ކުރިއަށް އޮތް އަހަރުތަކުގައި އޭނާ ވާނެ ކްލަބުގެ ވަރަށް މުހިއްމު ކުޅުންތެރިއަކަށް” ފާޓީ ވިއްކާލުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭކަން ހާމަކުރަމުން ޑިރެކްޓަރު ބުންޏެވެ.

ބާސެލޯނާގެ ޑިރެކްޓަރު މިހެން ބުނިއިރު އެ ކްލަބުގެ ރައީސް ޖޯސެފް ބާޓޮމެއު ބުނެފައިވަނީ ދާދިފަހުން ކްލަބަކުން ހުށަހެޅި 100 މިލިއަން ޔޫރޯގެ ބިޑަކަށް އެ ކްލަބުން ނޫނެކޭ ބުނެފައިވާކަމަށެވެ. ބާސެލޯނާ އިން ފާޓީއާ އެކު ހަދާފައިވާ އެއްބަސްވުމުގައި ވާގޮތުން އެންމެ އަވަހަށް އަންނަ ޓްރާންސްފާ ބާޒާރުގައި އޭނާގެ އަގަކީ 170 މިލިއަން ޔޫރޯ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!