ފުރަތަމަ ސަފްޙާ / ޚަބަރު / މެސީ އާއި ސުއަރޭޒް އެކުގައި ނުކުންނަން ތައްޔާރުވެއްޖެ

މެސީ އާއި ސުއަރޭޒް އެކުގައި ނުކުންނަން ތައްޔާރުވެއްޖެ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 12 ޖޫން 2020

ކޮރޯނާވައިރަހާ ގުޅިގެން މެދުކަނޑާލި ސްޕެނިޝް ލީގު އަލުން ފަށައިގެން އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އިން ފުރަތަމަ ކުޅޭ މެޗްގައި އެ ޓީމްގެ އެންމެ ނުރައްކާތެރި ދެ ފޯވާޑުން ކަމަށްވާ އާޖެންޓީނާގެ ލިއޮނަލް މެސީ އާއި އުރުގުއޭގެ ލުއިސް ސުއަރޭޒް އެކުގައި ނުކުންނަން ތައްޔާރުވެއްޖެ އެވެ. މިދިޔަ މާޗް މަހު މެދުކަނޑާލި ސްޕެނިޝް ލީގް ރޭ އަލުން ފަށައިފައިވާ އިރު ބާސެލޯނާ އިން ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ރޭ ނުކުންނާނީ މަޔޯކާއާ ދެކޮޅަށެވެ.

ސުއަރޭޒް އަށް އެންމެފަހުން އަނިޔާވީ މިއަހަރުގެ ޖެނުއަރީ މަހު އެވެ. ސުއަރޭޒްގެ ކަނާތުފައިގެ ކަކުލަށް ލިބުނު އަނިޔާ އަކާއި ގުޅިގެން ހަތަރު މަސްދުވަހަށް ކުޅުމާ ދުރަށް ދާންޖެހުމުން މި ސީޒަނުގައި އަލުން އޭނާ އަށް ކުޅެވިދާނެ ކަމާ މެދު އޮތީ ސުވާލު އުފެދިފަ އެވެ. އެކަމަކު ކޮރޯނާވައިރަހާ ގުޅިގެން ސީޒަން މެދު ކަނޑާލުމާ ގުޅިގެން ސުއަރޭޒް އަށް އަނިޔާ އިން ރަގަޅުވާން ވަގުތު ލިބި މިހާރު އަންނަނީ ޓީމާއެކު ފަރިތަކުރަމުންނެވެ. މި ސީޒަނުގައި މިހާތަނަށް ސުއަރޭޒް ވަނީ 23 މެޗްގައި ކުޅެ 14 ގޯލް ބާސެލޯނާ އަށް ކާމިޔާބުކޮށްދީފަ އެވެ.

ބާސެލޯނާގެ ކެޕްޓަން މެސީ ގެ ފަޔަށް އެންމެ ފަހުން ލިބުނު އަނިޔާއިން ރަނގަޅުވެ މިދިޔަ ހަފްތާގައި އޭނާ ވެސް ވަނީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފަ އެވެ. މެސީގެ އަނިޔާ އާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ބާސެލޯނާގެ ކޯޗް ކީކޭ ސެޓިއެން ބުނެފައިވަނީ މެސީ މުޅިން ފިޓް ކަމަށާއި އޭނާގެ އެއްވެސް މައްސަލަ އެއް ނެތް ކަމަށެވެ. މެސީ އާ އެއްވަރަށް ސުއަރޭޒް ފިޓް ނުވިއަސް އޭނާއާ ގުޅޭގޮތުން ސެޓިއަން ދެއްކީ އުއްމީދީ ވާހަކައެކެވެ.

“އަހަރެމެން އުއްމީދުކޮށްގެން ތިބި ވަރަށްވުރެ ސުއަރޭޒްގެ ހާލަތު ރަގަޅު. އެކަމަކު ސުވާލަކީ އެހާ ގިނަ ދުވަހު ނުކުޅެ ހުރުމާއެކު ކިހާ ވަރަކަށްތޯ އަލުން ކުޅެން އޭނާ ތައްޔާރުވެފަ ހުރީ. އަދި މެޗެއް ފަށަން އޭނާ އަދި ހުރީ ތައްޔާރުވެފަތޯ.” ސެޓިއަން ބުނެފައިވެ އެވެ.

މާޗް މަހުގެ ކުރީކޮޅު ސްޕެނިޝް ލީގު މެދުކަނޑާލިއިރު ދެ ޕޮއިންޓްގެ ލީޑަކާ އެކު އެއް ވަނައިގައި އޮތީ ބާސެލޯނާ އެވެ. ދެ ވަނައިގައި ރެއާލް މެޑްރިޑް އޮތް އިރު ލީގުގައި މިއިން ކޮންމެ ޓީމަކަށް އަދި ބާކީ 11 މެޗް އެބަ އޮތެވެ.

ބާސެލޯނާ އިން ރަށުން ބޭރުގައި ޓޭބަލުގެ އެންމެ ފުލުން ތިން ވަނައިގައި އޮތް ޓީމާ ދެކޮޅަށް މާދަމާ ރޭ ކުޅޭ މެޗް ފަށާނީ ރާއްޖޭގެ ގަޑިން މެންދަމުން އަލިވެ 1 ޖަހާއިރު އެވެ. ރެއާލް މެޑްރިޑުން އެއިބާއާ ދެކޮޅަށް ނުކުންނާނީ އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 22:30 ގަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!