މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން، 2018 ޑިސެމްބަރު 11 ވަނަ ދުވަހު ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ގއ. ކޮނޑޭ އަށް ކުރެއްވި ޒިޔާރަތުގައި ފެނިވަޑައިގަތީ ކުޑަކުދިންތަކެއް އަމިއްލަ އަށް ކުރަހާފައިވާ ދަނޑެއްގައި ކުޅެން އަރާ ތިބި މަންޒަރެވެ. އެދުވަހު ކުޑަ ދެކުއްޖަކު ތިބީ ރަށުގައި ހުސްކޮށް އޮތް ތަނެއްގައި އަމިއްލައަށް ދޮންވެލިން ޕިޗެއް ކުރަހައިގެން ފުޓްބޯޅަ ކުޅެން ތައްޔާރުވެގެންނެވެ.
މިނިސްޓަރު މަހުލޫފް އެދުވަހު ކޮނޑޭ އަށް ވަޑައިގެންނެވީ އެ އަތޮޅުގައި ބާއްވާ އެންމެ ދުވަސްވީ އެއް މުބާރާތް ކަމަށްވާ “ކިއްސަރު ކަޕް” ފުޓްސަލް މުބާރާތް ފައްޓަވައިދެއްވުމަށެވެ. ޒުވާނުންނާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި މިނިސްޓަރުގެ ކިބައިން ޒުވާނުން އެންމެ ބޮޑަށް އެދުނީ އެރަށުގައި ޓާފް ފުޓްސަލް ދަނޑެއް އެޅޭނެ މަގެއް ފަހިކޮށްދެއްވުމަށެވެ. އެދުވަހު މިނިސްޓަރު އެރަށުގެ ޒުވާނުންނަށް ދެއްވީ އުއްމީދީ ޖަވާބެކެވެ.

ކޮނޑޭގެ ކުޑަ ދެކުއްޖަކު އަމިއްލަ އަށް ކުރެހި ދަނޑުގައި. އެރަށުގައި މިހާރު ވަނީ ޓާފް ފުޓްސަލް ދަނޑެއް ތަރައްގީކޮށްފައި
“އިރާދަކުރެއްވިއްޔާ ޒުވާނުން އެދޭ ގޮތަށް ދަނޑުގެ މަސައްކަތް ގެންދެވޭނެ މަގެއް ހޯދައިދޭނަން” ދަތުރަށް ފަހު ސޯޝަލް މީޑިއާގައި އެރަށުގެ ޒުވާނުންނަށް ދޫކޮށްލި މެސެޖުގައި 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު މިނިސްޓަރު ވިދާޅުވީ މިހެންނެވެ.
އޭގެ ގާތްގަނޑަކަށް ދޮޅު އަހަރެއްހާ ދުވަސް ފަހުން އެރަށުގައި މިހާރު ވަނީ ޓާފް ފުޓްސަލް ދަނޑެއް ތަރައްގީކޮށްފަ އެވެ. އެރަށުގެ ޒުވާނުންގެ އެންމެ ބޮޑު އެދުން ފުރިހަމަވުމާއެކު އިއްޔެ މިނިސްޓަރު ވަނީ އެކަމުގެ އުފާވެރިކަން ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފަ އެވެ.
Back in 2018 these kids from GA. Kondey were playing in a small self made pitch and their dream was to play in a truf pitch. Today, it fills me with joy that their dreams have come true and they’re playing in a beautiful pitch. pic.twitter.com/NBPxj7YZ3E
— Ahmed Mahloof (@AhmedMahloof) June 11, 2020
މިނިސްޓަރުގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ 2018 ވަނަ އަހަރު ކޮނޑޭ އަށް ކުރެއްވި ޒިޔާރަތުގައި ކުޑަކުދިންތަކެއް އަމިއްލައަށް ފުޓްބޯޅަ ޕިޗެއް ހަދައިގެން ކުޅެން ތިބި މަންޒަރާއެކު އެކުދިންގެ އުއްމީދަކީ ޓާފް ޕިޗެއް އެރަށަށް ލިބުން ކަމަށް އެނގިވަޑައިގެންނެވި ކަމަށެވެ.
“މިއަދު އަހަރެންނަށް ހިތްހަމަޖެހުން ލިބުނީ އެކުދިންގެ ހުވަފެން ހަގީގަތަކަށް ވީމަ. އެކުދިން މިހާރު އެ ކުޅެނީ ހިތްގައިމު ދަނޑެއްގައި” ފޮޓޯތަކާއެކު ހިއްސާކުރި ޕޯސްޓުގައި މަހުލޫފް ވިދާޅުވެފައިވެ އެވެ. މަހުލޫފްގެ އުއްމީދީ ޖަވާބާއެކު އެރަށުގެ ފުޓްސަލް ދަނޑު ތަރައްގީކުރުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް ކައުންސިލުން މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.
ރާއްޖޭގައި ގިނަ ފުޓްސަލް ދަނޑުތަކެއް މިހާރު ވަނީ ތަރައްގީކޮށްފަ އެވެ. އެކަމަކު ކޮނޑޭގެ ފުޓްސަލް ދަނޑު ފެނުމުން މަހުލޫފަށް ތަފާތު އިހުސާސެއް ކުރެއްވުނީ އެރަށުން ކުރިން ފެނުނު މަންޒަރު ބަދަލުކޮށްލެވުމުންނެވެ.

ކޮނޑޭގައި ތަރައްގީކުރި ފުޓްސަލް ދަނޑު. މި ދަނޑުން މިނިސްޓަރަށް ކުރެއްވެވުނީ އުފާވެރި އިހުސާސެއް
ފުޓްސަލްގެ ބޮޑު މުބާރާތެއް ކޮންމެ އަހަރަކު ވެސް ކޮނޑޭގައި ބާއްވާއިރު އެރަށުން ވަނީ ކުރިން ބޭއްވި މިނިވަން ޗެމްޕިއަންޝިޕްގައި 2018 ވަނަ އަހަރުގެ އަތޮޅު ޗެމްޕިއަންކަން ހޯދައިފަ އެވެ. އެކަމަކު އެއަހަރުގެ ޒޯން ފައިނަލުގައި އެރަށް ވަނީ ގއ. ހޯޑެއްދޫ އަތުން ބަލިވެފަ އެވެ.
ފުޓްސަލް ދަނޑާއެކު ކޮނޑޭގެ ޒުވާނުންނަށް ލިބުނީ ބޮޑު ހިތްހަމަޖެހުމެކެވެ. އެރަށުގެ ކިއްސަރު ޖަމިއްޔާއިން 2004 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ފުޓްސަލް މުބާރާތް ދެން އޮންނާނީ ހިތްގައިމު ޓާފް ފުޓްސަލް ދަނޑުގަ އެވެ.