ފުރަތަމަ ސަފްޙާ / ޚަބަރު / ސްޕެނިޝް ލީގު އަލުން ފެށި މެޗުން ސެވިއްޔާ މޮޅުވެއްޖެ

ސްޕެނިޝް ލީގު އަލުން ފެށި މެޗުން ސެވިއްޔާ މޮޅުވެއްޖެ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 12 ޖޫން 2020

ކޮވިޑް-19 އާއި ގުޅިގެން މެދުކަނޑާލި ސްޕެނިޝް ލީގުގެ ކުޅުން ރޭ އަލުން ފެށި އިރު ފުރަތަމަ މެޗުގައި ރެއާލް ބެޓިސްއާ ވާދަކޮށް ސެވިއްޔާ މޮޅުވެއްޖެ އެވެ. އަމިއްލަ ދަނޑުގައި ސަޕޯޓަރުން ނެތި ފަޅަށް އޮތް ދަނޑުގައި ސެވިއްޔާ އިން ބެޓިސް ބަލިކުރީ 2-0 އިންނެވެ.

ސްޕެނިޝް ލީގުގެ ކުޅުން މެދުކަނޑާލީ މާޗް 10 ވަނަ ދުވަހު އެވެ. އަލުން ކުޅުން މި ފެށީ ތިން މަސްދުވަހުގެ ދިގު މެދުކެނޑުމަކަށް ފަހު އެވެ. ރޭގެ މެޗަކީ ސެވިލް އަށް ނިސްބަތްވާ މި ދެ ކްލަބުގެ ޑާބީ މެޗެކެވެ. ސަޕޯޓަރުންނާއެކު މި މެޗު މީގެ ކުރިން ވެގެންދަނީ ފޯރިގަދަ މެޗަކަށެވެ.

ކޮވިޑް-19 ގެ ހާލަތު ރަނގަޅުވާން ފެށުމުން ޔޫރަޕްގެ ލީގުތަކުގެ ތެރެއިން އެންމެ ފުރަތަމަ ފެށީ ޖަރުމަނު ލީގެވެ. ޖަރުމަނު ލީގުގައި ސަޕޯޓަރުން ވެއްދުން މަނާކޮށް ކުޅުންތެރިންނަށް ހިތްވަރުދޭން ބޭނުންކުރީ ސަޕޯޓަރުންގެ އަޑެވެ. އެކަމަކު ސްޕެއިންގައި ރޭ އަލުން ކުޅުން ފެށި މެޗުން ފެނުނީ ތަފާތު މަންޒަރެކެވެ. ސަޕޯޓަރުންނަށް ދަނޑަށް ނުވަދެވޭތީ ދެ ކްލަބުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ދަނޑު ބޭރަށް އެއްވެފަ އެވެ. ބައެއް ސަޕޯޓަރުން ތިބީ ކްލަބުގެ ޖާޒީގައި ބެނާތައް ވެސް ހިފައިގެންނެވެ. މެޗު ފެށިއިރު ކޮވިޑް-19 އާއި ގުޅިގެން މަރުވި މީހުންގެ ހަނދާނުގައި އެއް މިނެޓުގެ ސްކޫތެއް ވަނީ ގެނެސްފަ އެވެ. އަދި، ސްޕެއިންގެ ޓޫރިޒަމް އިޝްތިހާރު ކުރުމުގެ ހަރަކާތްތައް ވެސް މެޗުގައި ކުރިއަށް ގެންގޮސްފައިވެ އެވެ.

ރޭގެ މެޗުން ސެވިއްޔާ މޮޅުވިއިރު ތަފާތަކަށްވީ އާޖެންޓީނާގެ 25 އަހަރުގެ ފޯވާޑް ލޫކަސް އޮކަމްޕޮސް އެވެ. ފުރަތަމަ ހާފުގައި އޮކަމްޕޮސް ފޮނުވާލި ހަމަލާ ބެޓިސްގެ ގޯލުގެ ދަނޑިއަށް އަމާޒުވިއިރު ދެ ވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން އޭނާ ވަނީ ސެވިއްޔާ އަށް ލީޑު ނަގައިދީފަ އެވެ. މިއީ ލީގުގައި އޮކަމްޕޮސް ސެވިއްޔާ އަށް ކުޅުނު 23 މެޗުގައި ޖަހައިދިން 11 ވަނަ ގޯލެވެ. ސެވިއްޔާގެ ދެ ވަނަ ގޯލު އޮކަމްޕޮސް ދިން ޕާހަކުން ޖެހީ ފެނާންޑޯ އެވެ.

ރޭގެ މޮޅާއެކު ސެވިއްޔާ ވަނީ ތިން ވަނަ މަގާމުގައި 50 ޕޮއިންޓް ހަމަކޮށް ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑާ ހަ ޕޮއިންޓާ ގާތަށް ޖެހިލާފަ އެވެ. ލީގުގެ އެއް ވަނައިގައި އޮތީ 58 ޕޮއިންޓް ހޯދާފައިވާ ބާސެލޯނާ އެވެ.

ސްޕެނިޝް ލީގުގައި ބާސެލޯނާ ކުޅޭ މެޗުގައި މާދަމާ ރޭ ރާއްޖެ ގަޑިން އެކެއް ޖަހާއިރު ނުކުންނާނީ މަޔޯކާއާ ދެކޮޅަށެވެ. ރެއާލް މެޑްރިޑުން އެއިބާއާ ދެކޮޅަށް ނުކުންނާނީ އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 22:30 ގަ އެވެ.

ކޮވިޑް-19 އަށް ފަހު ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގެ ތެރެއިން އިނގިރޭސި ޕްރިމިއާ ލީގާއި އިޓާލިއަން ލީގު ކުރިއަށް އޮތް ހަފްތާގައި ފަށާނެ އެވެ. ބުދަ ދުވަހު އިނގިރޭސި ލީގުގެ ކުޅުން ފަށާއިރު އިޓާލިއަން ލީގުގެ ކުޅުން އަލުން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހު އެވެ. ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރެއިން ފްރެންޗް ލީގުން ވަނީ އެއް ވަނައިގައި އޮތް ޕީއެސްޖީ އަށް ޗެމްޕިއަންކަން ދިނުމަށް ފަހު ކެންސަލްކޮށްފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!