އަންނަ އޮކްޓޯބަރު މަހު އަލުން ފަށަން ހަމަޖައްސާފައިވާ ވޯލްޑްކަޕް އަދި އޭޝިއަން ކޮލިފިކޭޝަން މެޗްތަކަށް ތައްޔާރުވާން އެކުލަވައިލާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމްގެ ސްކޮޑް އަދި ފައިނަލް ނުކުރާ ކަމަށާއި، އިތުރު ކުޅުންތެރިން އަދި ސްކޮޑްގައި ކޯޗް ހިމަނާނެ ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކެޓްރީ ޙުސައިން ޖަވާޒް (ޖަވާ) ވިދާޅުވެއްޖެ އެވެ.
މިއަހަރުގެ މާރޗް މަހު ކުޅޭގޮތަށް ކުރިން ހަމަޖެހިފައި އޮތް ކޮލިފިކޭޝަން މެޗްތަކަށް ތައްޔާރުވާން މިދިޔަ ފެބްރުއަރީ މަހު އެކުލަވާލި ސްކޮޑްގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން ބައެއް ކުޅުންތެރިން ބާކީކުރިކަމުގެ މައުލޫމާތު “ފަހުމިނެޓް” އަށް ލިބުމާ ގުޅިގެން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޖަވާ ވަޓްސްއެޕް މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ ސްކޮޑް އަދި ފައިނަލް ނުކުރާ ކަމަށާއި، ބައެއް ކުޅުންތެރިން އިތުރުކުރުމަށްފަހު ދެ ދުވަހެއްގެ ތެރޭގައި ކޯޗް ސްކޮޑް ފައިނަލްކުރާނެކަމަށެވެ،
ކޮލިފައިން މެޗްތަކަށް ތައްޔާރުވުމަށް އެކުލަވާލި ސްކޮޑް އަދި އެފްއޭއެމުން މީޑިއާ އާ ހިއްސާކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް އިތުބާރުހުރި ގޮތަކަށް މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފަހުން އެކުލަވާލި ސްކޮޑްގައި ރާއްޖޭގައި މިވަގުތު ތިބި އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ހިމެނޭ ހަސަން ނާއިޒް (ދާދު) އާއި، އިތުބާރު މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ ވަހީދު) އާއި، މިފަހަރުގެ ސީޒަންގައި ޓީސީގައި މޮޅުކުޅުމެއް ދެއްކި އިޝާން އިބްރާހިމް (ސައްޓު) ނުހިމެނެ އެވެ.
ގައުމީ ޓީމްގެ ސްކޮޑް އަދި ފައިނަލް ނުކުރާ ކަމަށް ޖަވާ ރޭ ވިދާޅުވި ނަމަވެސް އެފްއޭއެމުން ސިލްސިލާކޮށް ކުރިއަށް ގެންދާ ލެޓްސް ޓޯކް ޝޯ ގައި ރޭ ވާހަކަދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެފައިވަނީ ދާދި ފަހުން ގައުމީ ކޯޗުންނާއެކު ބޭއްވި ބައްދަލުވުވުމެއްގައި ސްކޮޑް ފައިނަލްކުރި ކަމަށް ކޯޗުން ބުނެފައިވާ ކަމަށެވެ.
މާރޗް މަހު ކުޅޭގޮތަށް ކުރިން ހަމަޖެހިފައި އޮތް މެޗްތަކަށް ތައްޔާރުވުމަށް މިއަހަރުގެ ކުރީކޮޅު ފުރަތަމަ އެކުލަވާލި ސްކޮޑަށް ފަހުން ބައެއް ބަދަލުތައް ގެނައެވެ. އެފަހަރު އެކުލަވާލި ސްކޮޑްވެސް އެފްއޭއެމުން ރަސްމީކޮށް އިއުލާންކުރުމުގެ ކުރިން މީޑިއާގައި ސްކޮޑާއި ގުޅޭ މައުލޫމާތު އާއްމުވުމާއެކު އެފްއޭއެމަށް އަމާޒުވި ބައެއް ފާޑުކިޔުންތަކާއެކު ރަސްމީކޮށް ސްކޮޑާއި ގުޅޭ މައުލޫމާރު މީޑިއާ އާ ހިއްސާކޮށްފައިވަނީ ބަދަލުތަކާ އެކު އެވެ.
އެފަހަރު އެންމެ ބޮޑަށް އެފްއޭއެމަށް ފާޑުކިޔުން އަމާޒުވީ ނިމިގެންދިޔަ ސީޒަންގައި ޓީސީ ގައި މޮޅު ކުޅުމެއް ދެއްކި އިސްމާއިލް އީސާ (މެސީ) އާއި އިޝާން އިބްރާހިމް (ސައްޓު) ފުރަތަމަ އެކުލަވާލި ސްކޮޑްގައި ހިމެނިފައި ނުވުމުންނެވެ. ފަހުން އެ ދެކުޅުންތެރިން ސްކޮޑްގައި ހިމެނިގެން ޓީމާއެކު ފަރިތަކޮށްފައިވާއިރު ސައްޓު އަށް މިފަހަރު އެކުލަވާލި ސްކޮޑުން ޖާގަ ނުލިބުނު ނަމަވެސް މިފަހަރުގެ ސްކޮޑުން މެސީ ބާކީ އެއް ނުވެއެވެ. މީގެ އިތުރުން މިއަހަރު އޮތް ދެވަނަ ޑިވިޝަންގެ ފުޓްބޯޅަ މުބާރާތުގައި ދެއްކި މޮޅު ކުޅުމާއެކު ގައުމީ ޓީމުގެ ސްކޮޑުން ޖާގަ ލިބުނު ބ. ގޮއިދޫ އަށް އުފަން އާދަމް ނިޒާމް (ކިތުނާ) ގެ ނަން މިފަހަރު އެކުލަވާލި ސްކޮޑްގައި ވެސް ހިމެނިފައިވެއެވެ.
އެންމެ ފަހުން އޮތް ސާފް ޗެމްޕިއަންޝިޕުން ރާއްޖެއަށް ރަން މެޑަލް ހޯދައި ދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ދާދު އާއި އިއްބެ ވަހީދު އަށް މިފަހަރު އެކުލަވާލި ސްކޮޑުން ޖާގަ ލިބިފައި ނުވާ އިރު އެ ކުޅުންތެރިން މިހާރު ތިބީ ކުރިން ލިބުނު އަނިޔާއިން މުޅިން ރަގަޅުވެފައި ކަމަށް މި ނޫހަށް އެނގިފައިވެއެވެ.
ވޯލްޑްކަޕް ކޮލިފައިން ގައި ރާއްޖެއިން ދެން އެންމެ އަވަހަށް ކުޅެންޖެހޭ މެޗްގައި އަންނަ އޮކްޓޯބަރު މަހުގެ އަށް ވަނަ ދުވަހު ނުކުންނާނީ ޗައިނާ އާ ދެކޮޅަށެވެ. މި މެޗަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމްގެ ފަރިތަކުރުންތައް އަންނަ މަހުގެ ތެރޭގައި ފަށާ ގޮތަށް އެފްއޭއެމުން ވަނީ ނިންމައިފައެވެ.