ޖެހިޖެހިގެން އަށް ވަނަ ފަހަރަށް ޖަރުމަނު ބުންޑަސްލީގާގެ ޗެމްޕިއަންކަން ހޯދުމާ ގާތަށް ބަޔާން މިއުނިކުން ޖެހިލައިފި އެވެ. ލީގުގައި ރޭ ރަށުން ބޭރުގައި ބަޔާން ލެވަކޫސަން 4-2 އިން ބަލިކުރި މެޗަށް ފަހު މި ސީޒަނުގެ ލީގު ކަށަވަރުކުރަން އެޓީމަށް ދެން ބޭނުންވަނީ ހަ ޕޮއިންޓެވެ.
ލީގުގައި ބަޔާންއާ އެންމެ ގާތުން ވާދަކުރަމުން އަންނަނީ ބޮރޫޝިއާ ޑޯޓްމަންޑެވެ. ރޭ ޑޯޓްމަންޑުން ވަނީ އަމިއްލަ ދަނޑުގައި އެމްރޭ ޗޭންގެ ގޯލުން 1-0 އިން ހާތާ ބާލިން ބަލިކޮށްފަ އެވެ. ބަޔާން އާއި ޑޯޓްމަންޑަށް ވެސް ލީގުގައި ބާކީ އޮތީ ހަތަރު މެޗެވެ. އެ ހަތަރު މެޗުން ބަޔާން ހަ ޕޮއިންޓް ހޯދުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ލީގުގައި ބަޔާން އަށް 30 މެޗުން 70 ޕޮއިންޓް ލިބިފައިވާއިރު އެ އަދަދަށް މެޗު ކުޅެގެން ޑޯޓްމަންޑަށް ދެ ވަނަ ލިބެނީ 63 ޕޮއިންޓާއެކު އެވެ.
ރޭގެ މެޗަށް ލެވަކޫސަނުން ނުކުތީ އަނިޔާގައި ހުރި އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ، ކާއި ހާވަޓްޒް ނުލަ އެވެ. އެކަމަކު މެޗުގެ ކުރީކޮޅު އާޖެންޓީނާގެ ފޯވާޑް ލޫކަސް އަލާރިއޯގެ ގޯލުން ލެވަކޫސަނުން ވަނީ ލީޑު ނަގައިފަ އެވެ. ލެވަކޫސަނުން ލީޑު ނެގި ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ބަޔާނުން ވަނީ ފުލުފުލުގައި ތިން ގޯލު ޖަހައި ނަތީޖާ އެޓީމު ކޮޅަށް އަނބުރާލައިފަ އެވެ. މި ގޯލުތައް އެޓީމަށް ޖަހައިދިނީ ކިންގްސްލީ ކޯމާން އާއި ލިއޮން ގޮރެޓްޒްކާ އަދި ސާޖް ގްނެބްރީ އެވެ. ރޭ ގްނެބްރީ ޖެހީ މި ސީޒަނުގައި އޭނާގެ 19 ވަނަ ލަނޑެވެ.
ބަޔާނަށް ލީޑު ފުޅާކޮށްދިން ގޯލު ދެ ވަނަ ހާފުގައި ބޮލުން ޖަހައިދިނީ ޕޮލެންޑްގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އެވެ. މިއީ މި ސީޒަނުގެ ލީގުގައި ލެވަންޑޯސްކީ ޖެހި 30 ވަނަ ގޯލެވެ. ޖަރުމަނު ލީގުގައި އެއް ސީޒަނުގައި 40 ގޯލު ޖަހައިގެން ރެކޯޑް ހަދާފައިވަނީ ކުރީގެ ތަރި ގާޑް މުލާ އެވެ. ލެވަންޑޯސްކީ މި ރެކޯޑާ އެއްވަރުކުރަން ބާކީ އޮތް ހަތަރު މެޗުގައި 10 ގޯލު ޖަހަން ޖެހޭނެ އެވެ. އެކަމަކު ރޭ ދެއްކި ރީނދޫ ކާޑާއެކު ލެވަންޑޯސްކީ ވަނީ ކުރިއަށް އޮތް ލީގު މެޗަށް ސަސްޕެންޑްވެފަ އެވެ. ލީގުގައި 30 ގޯލު ލެވަންޑޯސްކީ ހަމަކުރިއިރު މި ސީޒަނުގައި އޭނާ ވަނީ 44 ގޯލު މިހާތަނަށް ޖަހައިފަ އެވެ.
17/34 – With 17 years and 34 days @bayer04_en's Florian Wirtz is the youngest goalscorer in #Bundesliga history. Teen. #B04FCB pic.twitter.com/xuHcSEpFmk
— OptaFranz (@OptaFranz) June 6, 2020
ރޭގެ މެޗުގައި ލެވަކޫސަންގެ ފަހު ގޯލު ޖެހީ ބެންޗުން ކުޅެން އެރި ފްލޯރިއަން ވިޓްޒް އެވެ. އުމުރުން 17 އަހަރާއި 34 ދުވަހުގައި ވިޓްޒް ޖެހި ގޯލާއެކު އޭނާ ވެފައިވަނީ ބުންޑަސްލީގާގެ ތާރީހުގައި ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. މިއީ ޖަރުމަނަށް އުފަން ވިޓްޒް ލެވަކޫސަނަށް ޖަހައިދިން ފުރަތަމަ ގޯލެވެ.