ކޮވިޑް-19 އާ ގުޅިގެން މެދުކަނޑާލައިފައި އޮތް އިނގިރޭސި ޕްރިމިއަރ ލީގު އަލުން ފެށުމުގެ ކުރިން ކޮންމެ ހަފްތާ އަކު ދެ ފަހަރު ކްލަބްތަކުގެ ކުޅުންތެރިންނާއި، މުވައްޒަފުން ބައްޔަށް ޓެސްޓްކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި އެންމެ ފަހުން ކުރިއަށް ގެންދިޔަ ބުރުގައި ނެގި ހުރިހާ ސާމްޕަލެއްގެ ނަތީޖާ ނެގެޓިވް ވެއްޖެއެވެ.
މިއީ ޕްރިމިއަރ ލީގުގެ ކުޅުންތެރިންނާއި މުވައްޒަފުން ގަވައިދުން ބައްޔަށް ޓެސްޓްކުރަން ފެށިފަހުން ސާމްޕަލް ނެގި ހަވަނަ ފަހަރެވެ. މި މަހުގެ 4 އަދި 5 ވަނަ ދުވަހު ނެގި ހުރިހާ ސާމްޕަލެއް ނެގެޓިވް ވެފައިވާއިރު އެ ސާމްޕަލްތަކުގެ ޖުމްލަ އަދަދު 1،195 އަށް އަރައެވެ.
ޕްރިމިއަރ ލީގުގެ ކްލަބްތަކުގެ ކުޅުންތެރިންނާއި މުވައްޒަފުން ޓެސްޓްކުރުމަށް މިހާތަނަށް ކުރިއަށްގެންދިޔަ ހަ ބުރުގައި ޖުމްލަ 6،274 ސާމްޕަލް ނަގައިފައިވާއިރު އޭގެ ތެރެއިން 13 ސާމްޕަލް އެއް ވަނީ ޕޮޒިޓިވް ވެފައެވެ.
މިދިޔަ މާރޗް މަހުގެ 13 ވަނަ ދުވަހުން ފެށިގެން މެދުކަނޑާލައިފައި އޮތް އިނގިރޭސި ޕްރިމިއަރ ލީގުގެ ކުޅުން މި މަހުގެ 17 ވަނަ ދުވަހު ފަށާގޮތަށް އިނގިރޭސި އެފްއޭ އިން ވަނީ ނިންމައިފައެވެ. މިގޮތުން ފުރަތަމަ މެޗްގައި އެ ދުވަހުގެ ރޭ ރާއްޖޭގެ ގަޑިން 10 ޖަހާއިރު ބައްދަލުކުރާ ގޮތަށް ހަމަޖެހިފައިވަނީ އެސްޓަން ވިލާ އާއި ޝެފީލްޑް ޔުނައިޓެޑެވެ. އަދި އެ ރޭ ރާއްޖޭގެ ގަޑިން 12:15 ގައި ކުޅޭ މެޗްގައި ބައްދަލުކުރާ ގޮތަށް ހަމަޖެހިފައިވަނީ މެންޗެސްޓަރ ސިޓީ އާއްި އާސެނަލް އެވެ.
އިނގިރޭސި ޕްރިމިއަރ ލީގު ފަށަން ދިހަ ދުވަހަށް ގާތްވެފައި ވާއިރު މިވަގުތު ޓޭބަލްގެ އެއްވަނައިގައި 25 ޕޮއިންޓްގެ ލީޑަކާއެކު އޮތީ ލިވަޕޫލެވެ. މިވަގުތު ރެލިގޭޝަން ޒޯންގައި އޮތް ޓީމް ތަކަކީ އެސްޓަން ވިލާ އާއި ނޯވިޗް ސިޓީގެ އިތުރުން އޭއެފްސީ ބޯންމައުތެވެ. ޕްރިމިއަރ ލީގުގައި އަދި ބާކީ 92 މެޗް އެބައޮތެވެ.
ކޯވިޑް 19 އާ ގުޅިގެން ޔޫރަޕްގެ އެންމެ ބޮޑު ފަސް ލީގްގެ ކުޅުން ވެސް މެދުކަނޑާލިއިރު މިހާތަނަށް އަލުން ނުފަށަން ނިންމައި ސީޒަން ކެންސަލްކޮށްފައިވަނީ ހަމައެކަނި ފްރާންސް ގައެވެ. ޖަރުމަނު ލީގް މި މަހުގެ 16 ވަނަ ދުވަހު ފަށާފައިވާއިރު ސްޕެނިޝް ލީގުގެ ކުޅުން މި މަހުގެ 11 ވަނަ ދުވަހު ފަށާ ގޮތަށް ވަނީ ނިންމައިފައެވެ. އަދި، އިޓާލިއަން ލީގުގެ ކުޅުން ޖޫން 20 ގައި ފަށަން އިޓަލީގެ ސަރުކާރުން ވަނީ ހުއްދަ ދީފައެވެ.