ފްރެންޗް ކަޕްގެ ފައިނަލް މެޗަށް މަދު އަދަދެއްގެ ސަޕޯޓަރުން ވައްދަން މަސައްކަތް ކުރާނެކަމަށް ފްރާންސް ފުޓްބޯޅައިގެ ރައީސް ނޮއެލް ލީ ގްރައެޓް ވިދާޅުވެއްޖެ އެވެ.
“އެއީ (ސަޕޯޓަރުން ވެއްދުން) އަހަރެން ސަރުކާރުގައި އެދެން ބޭނުންވާ ކަމެއް. ސަރުކާރާ އަހަރެމެންނާ ގުޅުން އެބައޮތް. މަދު އަދަދެއްގެ ސަޕޯޓަރުން ކަޕް މެޗުތަކަށް ނޫނީ އަންނަ ސީޒަން އަލުން ފަށާއިރު ދަނޑަށް ވެއްދުމާ މެދު ސަރުކާރާއެކު މަޝްވަރާކުރާނަން” ފްރާންސް ފުޓްބޯޅައިގެ ރައީސް ވިދާޅުވި އެވެ.
ކޮވިޑް-19 ގެ ސަބަބުން އަންނަ ސެޕްޓެމްބަރު މަހުގެ ކުރިން ކުޅިވަރުގެ ބޮޑެތި ހަރަކާތްތައް ކުރިއަށް ނުގެންދަން ފްރާންސްގެ ސަރުކާރުން ނިންމުމުން ފްރާންސްގެ އެފްއޭ އިން ވަނީ ލީގާއި ދެވަނަ ޑިވިޝަނުގެ ލީގު ވެސް ކެންސަލްކޮށްފަ އެވެ. އޭޕްރީލް މަހުގެ ފަހުކޮޅު ލީގު ކުރިއަށް ނުގެންދަން ނިންމިއިރު ކޮވިޑް-19 ގައި ފްރާންސުން މިހާތަނަށް ވަނީ 29000 މީހުން މަރުވެފަ އެވެ.
ލީގު ކެންސަލް ކުރިއިރު ފްރާންސްގެ ކަޕް މެޗުތައް މިދިޔަ އޭޕްރީލް މަހު ވަނީ ފަސްކޮށްފަ އެވެ. ކަޕް ފައިނަލްތައް ކުޅޭނީ ކުރިއަށް އޮތް ސީޒަން ފެށުމުގެ ކުރިން އަންނަ އޮގަސްޓް މަހު އެވެ. ފްރެންޗް ކަޕް ފައިނަލުގައި ޕީއެސްޖީ އާއި ސައިންޓް-އެޓިއެން ވާދަކުރާއިރު ލީގު ކަޕް ފައިނަލުގައި ވާދަކުރާނީ ލިޔޯން އާއި ޕީއެސްޖީ އެވެ. މި މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ފްރާންސްގެ ޕެރިހުގެ ބޭރުގައި އޮންނަ 80000 ސަޕޯޓަރުންގެ ޖާގައިގެ ސްޓޭޑް ޑި ފްރާންސް ސްޓޭޑިއަމްގަ އެވެ.
ގްރައެޓް ވިދާޅުވީ ފްރެންޗް ކަޕް ފައިނަލަށް ސަޕޯޓަރުން ވައްދައިގެން ކުޅެން މަސައްކަތް ފެށި ނަމަވެސް ކެންސަލްކޮށްފައިވާ އެގައުމުގެ ލީގު އަލުން ނުފަށާނެ ކަމަށެވެ. ޖަރުމަނު ލީގު އަލުން ފަށައި، ސްޕެއިން އާއި އިނގިރޭސި ވިލާތް އަދި އިޓަލީން ލީގު ފަށަން ނިންމާފައިވާތީ ފްރާންސް ފުޓްބޯޅައިގެ ބައެއް ފަރާތްތަކުން އަންނަނީ ނިންމުން ބަދަލުކޮށް ލީގު އަލުން ކުޅެވޭނެ ގޮތެއް ހެދުމަށް އެދެމުންނެވެ.
“އަހަރެމެން ފޮލޯ ކުރާނީ ސަރުކާރުގެ ނިންމުންތަކަށް. ލީގު އަލުން ފެށުމާމެދު ކުރެވޭނެ ބަހުސެއް ނެތް. އެހެން ގައުމުތަކުގެ ކުޅުންތެރިންނަށް ވުރެ އަހަރެމެންގެ ކުޅުންތެރިން އެނބުރި އަންނާނީ މާބޮޑަށް ތައްޔާރުވެގެން. ފައިސާ އަށް ވުރެ މުހިއްމީ ސިއްހަތަށް ސަމާލުކަން ދިނުން” ކެންސަލްކުރި ފްރާންސްގެ ލީގު އަލުން ނުފަށާނެކަމުގެ ޔަގީންކަން ދެމުން ފްރާންސް ފުޓްބޯޅައިގެ ރައީސް ވިދާޅުވި އެވެ.