ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަނުގައި ޗައިނާއާ ދެކޮޅަށް އަންނަ އޮކްޓޫބަރު މަހުގެ އަށް ވަނަ ދުވަހު ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ނުކުންނާނެ އެވެ. އޭއެފްސީން މިއަދު ވަނީ ކޮވިޑް-19 ގެ ސަބަބުން ފަސްކުރި އޭޝިއާ ސަރަހައްދުގެ މެޗުތައް އަންނަ އޮކޫބަރު މަހާއި ނޮވެމްބަރު މަހު ކުޅޭ ގޮތަށް ހަމަޖައްސައިފަ އެވެ.
ރާއްޖެ ހިމެނޭ ގޮތަށް ކޮލިފައިންގެ ހުރިހާ މެޗެއްގެ ޝެޑިއުލް އޭއެފްސީން މިހާރު ވަނީ ނެރެފަ އެވެ. އޭޝިއާ ސަރަހައްދުގެ ގްރޫޕް އޭގައި ރާއްޖެ ހިމެނޭއިރު ބާކީ އޮތީ ތިން މެޗެވެ. ޗައިނާއާ ދެކޮޅަށް އޮކްޓޫބަރު އަށް ވަނަ ދުވަހު ރަށުން ބޭރުގައި ކުޅޭއިރު އެ މަހުގެ 13 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ސީރިއާ ދެކޮޅަށް ރާއްޖެ ނުކުންނާނެ އެވެ. ކޮލިފައިންގެ ފަހު މެޗުގައި ނޮވެމްބަރު 17 ވަނަ ދުވަހު ރަށުން ބޭރުގައި ރާއްޖެ ކުޅޭނީ ފިލިޕީންސާ އެވެ.
ޗައިނާގައި މިދިޔަ ޑިސެމްބަރު މަހު ފެތުރެންފެށި ކޮރޯނާވައިރަހުގެ ސަބަބުން ޗައިނާގެ ދަނޑުގައި ރާއްޖެއާ ދެކޮޅަށް ކުޅެން އޮތް މެޗު ސަޕޯޓަރުން ނުވައްދައި މިދިޔަ މާޗް މަހު އެންމެ ފުރަތަމަ ކުޅެން ނިންމީ ތައިލެންޑުގެ ބުރިރަމް ޕްރޮވިންސްގެ ޗޭންގް އެރީނާ ސްޓޭޑިއަމްގަ އެވެ. އަދި، ރާއްޖެ ހިމެނޭ ގްރޫޕުގައި ގުއާމާއި ޗައިނާ ވާދަކުރަން އޮތް މެޗު ވެސް އޭރު ވަނީ ތައިލެންޑަށް ބަދަލުކޮށްފަ އެވެ. އެކަމަކު އެ ތާރީހުތަކުގައި ވެސް މެޗުތައް ނުކުޅެ ފަސްކުރީ ކޮވިޑް-19 ގެ ސަބަބުންނެވެ. ކޮލިފައިންގައި ގަލޮޅު ދަނޑުގައި ޗައިނާ އިން ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފަ އެވެ.
މެޗުތައް އަލުން ޝެޑިއުލް ކުރުމަށް ފަހު އޭއެފްސީން ބުނީ ސަލާމަތީ ހުރިހާ ކަމަކަށް ވިސްނައި ހާލަތު އަބަދުވެސް ބަލަމުން ގެންދާނެ ކަމަށެވެ. ހާއްސަކޮށް ކޮވިޑް-19 އާއި ގުޅިގެން އެކި ގައުމުތަކުގެ ހާލަތަށް އަންނަ ބަދަލަށް ބަލައި ސަރުކާރުތަކުގެ ނިންމުންތަކަށް ސަމާލުކަން ދޭނެކަމަށް އޭއެފްސީން ވަނީ ބުނެފަ އެވެ.
ޗައިނާއާ ދެކޮޅަށް ނުކުންނައިރު ރާއްޖޭގެ ޓީމުގެ ކޯޗުގެ ގޮތުގައި ހުންނާނީ ނެދަލެންޑްސްގެ މާޓިން ކޫޕްމަން އެވެ. އޭނާގެ އެސިސްޓެންޓުންގެ ގޮތުގައި ތިބޭނީ ނެދަލެންޑްސްގެ ރެނޭ ހިންޑިންކާއި ރާއްޖޭގެ ކާމިޔާބު ކޯޗު އަލީ ސުޒޭން އެވެ. އާ މެނޭޖްމަންޓާއެކު ގައުމީ ފުޓްބޯޅަ ޓީމުން ވަނީ މާޗް މަހު ޗައިނާއާ ދެކޮޅަށް އޮތް މެޗާއި ސީރިއާ މެޗަށް ޕްރެކްޓިސްތައް ކޮށްފަ އެވެ. އެހެންނަމަވެސް މެޗުތައް ފަސްކުރުމުން ޕްރެކްޓިސް ވަނީ މެދުކަނޑާލާފަ އެވެ.
ރާއްޖެ ހިމެނޭ ގްރޫޕުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓް ހޯދާފައިވާ ސީރިއާ އެވެ. ދެ ވަނައިގައި އޮތް ޗައިނާ އާއި ތިން ވަނައިގައި އޮތް ފިލިޕީންސަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ހަ ޕޮއިންޓާއެކު ރާއްޖެ ހަތަރު ވަނައިގައި އޮތްއިރު ފުލުގައި އޮތް ގުއާމަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. މި ގްރޫޕުގައި ޗައިނާ ނޫން ހުރިހާ ގައުމަކުން ވަނީ ފަސް މެޗު ކުޅެފަ އެވެ. މިފަހަރު ކޮލިފައިންގައި ރާއްޖޭގެ އަމާޒަކީ 2023 ވަނަ އަހަރުގެ އޭޝިއަން ކަޕުން ފުރުސަތު ހޯދުމެވެ.