ފުރަތަމަ ސަފްޙާ / ޚަބަރު / ވާނާ ހޯދުމުގެ ރޭހުގައި ޗެލްސީ ކުރި ހޯދަނީ؟

ވާނާ ހޯދުމުގެ ރޭހުގައި ޗެލްސީ ކުރި ހޯދަނީ؟

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 6 ޖޫން 2020

ޔޫރަޕްގެ ޓްރާންސްފާ ބާޒާރު އަލުން ހުޅުވުމުން ޖަރުމަނުގެ ފޯވާޑް ޓީމޯ ވާނާ އަށް 68 މިލިއަން ޑޮލަރު ދައްކަން ޗެލްސީން ތައްޔާރަށް އޮތްކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ރިޕޯޓުތައް ބުނާގޮތުން ޗެލްސީން މިހާރު ވަނީ ވާނާގެ ރިލީސް ކްލޯސްގެ ގޮތުގައި ހަމަޖައްސާފައިވާ އަދަދު ދެއްކުމުގެ މަޝްވަރާތައް އޭނާ މިހާރު ކުޅެމުން އަންނަ ޖަރުމަނުގެ އާރުބީ ލައިޕްޒިގާ އެކު ފަށައިފަ އެވެ. އެހެންނަމަވެސް ވާނާގެ ޓްރާންސްފާ ކަންތަކުގައި ރަސްމީ އެއްވެސް މުއާމަލާތެއް ކޮށްފައިވާކަން ޗެލްސީ އަދި ލައިޕްޒިގުން ވެސް ހާމަކޮށްފައެއްނުވެ އެވެ.

24 އަހަރުގެ ވާނާ އަކީ ޔޫރަޕްގައި މިހާރު އެންމެ ވިދުންގަދަ އެއް ތަރި އެވެ. މި ސީޒަނުގެ ލީގުގައި ވާނާ ވަނީ ލައިޕްޒިގަށް ކުޅުނު 29 މެޗުގައި 25 ގޯލު ޖަހައިފަ އެވެ. އަދި، ވާނާގެ އެހީތެރިކަމާއެކު އެޓީމު މިހާރު ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ވެސް ދަތުރުކޮށްފަ އެވެ. ވާނާގެ ފަރާތުން ފެންނަ މޮޅު ކުޅުމާއެކު ޔޫރަޕްގެ ބޮޑެތި ކްލަބްތަކުގެ ތެރެއިން ބަޔާން މިއުނިކާއި، ރެއާލް މެޑްރިޑް އަދި ޔޫރަޕްގެ ޗެމްޕިއަން ލިވަޕޫލުން ވެސް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. ޖަރުމަނު ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 29 މެޗުގައި ވާނާ ވަނީ 11 ގޯލު ޖަހައިފަ އެވެ.

ޗެލްސީގެ ހުށަހެޅުމުގައި ބުނާގޮތުން އަހަރެއްގެ ތެރޭގައި ވާނާ އަށް 11.4 މިލިއަން ޕައުންޑް ލިބޭނެ އެވެ. ޗެލްސީން މިހާރު މަސައްކަތް ކުރަމުން އަންނަނީ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރު ހުޅުވުމުން ވާނާ އަށް ދައްކަން ޖެހޭ އަދަދު ހުށަހަޅަން ތައްޔާރުވަމުންނެވެ.

ވާނާ ގެންދަން މިދިޔަ ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ވެސް ބައެއް ކްލަބްތަކުން ވަނީ މަސައްކަތްކޮށްފަ އެވެ. އޭރު ވާނާގެ އަގު ހުރީ މިހާރުގެ އަގަށް ވުރެ 23 މިލިއަން ޕައުންޑް ދަށުގަ އެވެ. ޖެނުއަރީ މަހު ވާނާ ކްލަބް ބަދަލުނުކުރީ ޗެމްޕިއަންސް ލީގުގައި ލައިޕްޒިގްއާ އެކު ރަނގަޅު ހިސާބަކަށް ދިއުމުގެ އިތުރުން ޖަރުމަނު ލީގުގެ ޗެމްޕިއަންކަމަށް ވާދަކުރުމަށެވެ. ޖަރުމަނު ލީގުގައި ލައިޕްޒިގް މިހާރު އޮތީ ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑުގެ ފަހަތުން ތިން ވަނައިގަ އެވެ. އެކަމަކު ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އެޓީމަށް މިހާރު ވަނީ ގާތްގަނޑަކަށް ގެއްލިފަ އެވެ.

ވާނާ ހޯދުމުގެ މަސައްކަތް ޗެލްސީން ފެށިއިރު އެ ކްލަބަށް މިހާރު އެންމެ މުހިއްމީ ރަނގަޅު ފެންވަރުގެ ފޯވާޑެކެވެ. ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ދާދިފަހުން ބުނީ މިދިޔަ ޖެނުއަރީ މަހު ކްލަބުން ބޭނުންވި ބައެއް ކުޅުންތެރިން ގެނެވިފައިނުވާތީ އެންމެ އަވަހަށް ހުޅުވޭ ޓްރާންސްފާ ބާޒާރުގައި ޓީމަށް ބަދަލުތަކެއް ގެންނަން ބޭނުންވާކަމަށެވެ. ޖެނުއަރީ މަހު ޗެލްސީން ވަނީ ޕީއެސްޖީގެ އެޑިންސަން ކަވާނީ އާއި ނަޕޯލީގެ ފޯވާޑް ޑްރިސް މާޓެންސް ގެންނަން މަސައްކަތްކޮށްފަ އެވެ.

ޗެލްސީގެ ކުރި މި ސީޒަނުގައި ބަލަހައްޓަނީ އިނގިރޭސި ޒުވާން ފޯވާޑް ޓަމީ އަބްރަހަމް އެވެ. އެޓީމުގެ ފްރާންސް ފޯވާޑް އޮލިވިއޭ ޖިރޫޑް މިދިޔަ މެއި މަހު ވަނީ ކްލަބްގައި އިތުރު އެއް އަހަރު މަޑުކުރަން ނިންމައިފަ އެވެ. އަބްރަހަމް އާއި ޖިރޫޑްގެ އިތުރުން ޗެލްސީގެ ކުރި ބަލަހައްޓާ ތިން ވަނަ ކުޅުންތެރިއަކީ ބެލްޖިއަމްގެ ފޯވާޑް މިޝީ ބަޓްޝުއާޔީ އެވެ. އެކަމަކު މި ސީޒަނަށް ފަހު ބަޓްޝުއާޔީ ޗެލްސީ ދޫކޮށްލުމުގެ ފުރުސަތު ބޮޑެވެ. ޗެލްސީން އެންމެ ފަހުން ސޮއި ހޯދި ކުޅުންތެރިއަކީ އަޔަކްސްގެ ހަކީމް ޒިޔެކް އެވެ. މިދިޔަ ފެބްރުއަރީ މަހު ޒިޔެކް ޗެލްސީ އަށް ބަދަލުވީ 37 މިލިއަން ޕައުންޑަށެވެ. އެކަމަކު ޗެލްސީން ޒިޔެކް ފެންނާނީ ކުރިއަށް އޮތް ސީޒަނުގަ އެވެ.

އަޔަކްސް އިން ޗެލްސީ އަށް ބަދަލުވި މޮރޮކޯގެ ޒިޔެކް. އަންނަ ސީޒަނުގައި ޗެލްސީން ފެންނާނެ

ޕްރިމިއާ ލީގަށް ބަދަލުވުމުގެ ޝައުގުވެރިކަން ވާނާ މީގެ ކުރިން ހާމަކޮށްފައިވާއިރު އޭނާ ގުޅުމުގެ ފުރުސަތު އެންމެ ބޮޑީ ލިވަޕޫލާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވާނާ އަށް ޝައުގުވެރިކަން ހުންނައިރު މިދިޔަ ފެބްރުއަރީ މަހު ޖަރުމަނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވާނާ ވަނީ ލިވަޕޫލް ބަދަލުވުމުގެ ފުރުސަތު އޮތްކަމަށް ބުނެ ހިންޓެއް ދީފަ އެވެ.

ވާނާ އާއި ލިވަޕޫލްއާ ގުޅުވައިގެން ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން ޗެލްސީގެ ކުރީގެ ކުޅުންތެރިޔާ ކްރައިފް ބާލީ ބުނީ، ލިވަޕޫލަށް ވާނާ ބަދަލުވުމަކީ ރަނގަޅު ނިންމުމަކަށް ނުވާނެކަމަށެވެ. އެއީ، ލިވަޕޫލްގައި މިހާރު އޮތް ޓީމަށް ބަލާއިރު ވާނާ އަށް ލިވަޕޫލްގެ ފުރަތަމަ އެގާރައިން ފުރުސަތު ޔަގީންނުވާނެ ކަމަށް ބާލީ ބުނެފައިވެ އެވެ.

ލައިޕްޒިގްއާ އެކު ވާނާ އެންމެ އަވަހަށް މެޗެއް ކުޅޭނީ މާދަމާ އެވެ. ޖަރުމަނު ލީގުގެ ކުޅުން އަލުން ފަށައި ވާނާ ރަނގަޅު ފޯމެއްގައި ހުރިއިރު ރޮބާޓް ލެވަންޑޯސްކީ އަށް ވުރެ ހަތަރު ގޯލު ފަހަތުން ޖަރުމަނުގެ ލަނޑު ލިސްޓުގައި ވާނާ އޮތީ ދެ ވަނައިގަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!