ފުރަތަމަ ސަފްޙާ / ޚަބަރު / ފްރިމިއާ ލީގުގައި ފަސް ބަދަލު ގެނެވޭ ގޮތް ހަދައިފި

ފްރިމިއާ ލީގުގައި ފަސް ބަދަލު ގެނެވޭ ގޮތް ހަދައިފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 5 ޖޫން 2020

އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން ޖޫން 17 ވަނަ ދުވަހު އަލުން ފަށާއިރު މި ސީޒަން ނިމެންދެން މެޗެއްގައި ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގޮތަށް ހެދި ވަގުތީ އުސޫލަށް ކްލަބްތަކުން ރުހުންދިނުމުން އެގޮތަށް އަމަލުކުރުމަށް ޕްރިމިއާ ލީގުން ނިންމައިފި އެވެ. މިގޮތަށް ނިންމީ ލީގު ބޯޑުން ކްލަބްތަކާއެކު ބޭއްވި މަޝްވަރާތަކަށް ފަހު އެވެ.

ފަސް ބަދަލުގެ އިތުރުން ބަދަލު ކުޅުންތެރިންގެ އަދަދު ހަތަކުން ނުވަޔަކަށް އިތުރުކުރަން ވެސް ލީގުން ވަނީ ނިންމައިފަ އެވެ. ފަސް ބަދަލު ކުރުމަށް ފުޓްބޯޅައިގެ އިންޓަނޭޝަނަލް ވަކީލުންގެ ޓީމުން ފުރުސަތު ދިނީ ކުޅިވަރު އަލުން ފަށާއިރު ކުޅުންތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުންނެވެ.

ތިން މަހަށް ފަހު ލީގުގެ ކުޅުން އަލުން ފަށާއިރު ލިބޭ ފަސް ބަދަލުގެ ބޭނުން މެޗުތެރޭގައި ކްލަބްތަކުން ހިފަން ޖެހޭނީ ތިން ފަހަރެއްގެ މަތީންނެވެ. އެއީ ކުޅުމުގެ ތެރެއިން އިތުރު ވަގުތު ބޭކާރު ނުކޮށް މެޗު ލަސްކުރުމުގެ ފުރުސަތު ނުދިނުމުގެ ގޮތުން ނިންމި ނިންމުމެކެވެ. ތިން ފުރުސަތުގެ އިތުރުން މެޗުގެ ހާފް ޓައިމްގައި ކުޅުންތެރިއަކު ބަދަލުކުރުމުގެ ފުރުސަތު ވެސް ކްލަބްތަކަށް ލިބޭނެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިހާރު ބޭނުންކުރާ ތިން ކުޅުންތެރިން ބަދަލުކުރެވޭ އުސޫލު ތަންފީޒުކުރަން ފެށީ 95-1994 ވަނަ ސީޒަނުން ފެށިގެންނެވެ. މި ސީޒަނުގެ ނިޔަލަށް ފަސް ބަދަލުކުރެވޭ ގޮތަށް ކްލަބްތަކުން އެއްބަސްވި ނަމަވެސް ކޮވިޑް-19 ބަލިމަޑުކަމުން ސަލާމަތްވެއްޖެ ނަމަ އަންނަ ސީޒަނުގައި އަލުން ތިން ބަދަލު ގެނެވޭ ގޮތަށް ހުށަހަޅާނެކަމަށް ބެލެވެ އެވެ.

ފަސް ބަދަލުގެ އިތުރުން ނިއުޓްރަލް ދަނޑެއްގައި ބައެއް މެޗުތައް ކުޅޭ ހުށަހެޅުމަށް ވެސް ކްލަބްތަކުން ވަނީ އެއްބަސްވެފަ އެވެ. ފަސް މެޗެއް ނިއުޓްރަލް ދަނޑެއްގައި ކުޅުމަށް އިނގިރޭސި ފުލުހުން ހުށަހެޅީ ދަނޑު ބޭރުގައި ސަޕޯޓަރުން އެއްވެ ގައިދުރުކަމުގެ އުސޫލާ ހިލާފްވާނެ ކަމަށް ބެލެވޭނެތީ އެވެ. އެއީ އެވަޓަން އާއި ލިވަޕޫލް ވާދަކުރާ މެޗާއި ލިވަޕޫލުން ރަށުން ބޭރުގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ނުކުންނަ މެޗުގެ އިތުރުން މެންޗެސްޓަރ ސިޓީ އިން ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗާއި ނިއުކާސަލް ލިވަޕޫލް މެޗު، އަދި މެންޗެސްޓަރ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ. މެޗުތައް އަލުން ފަށާއިރު ކޮންމެ ދަނޑެއްގައި ވެސް ޖުމްލަ ތިބޭ މީހުންގެ އަދަދު 300 އަށް ވުރެ ގިނަ ނުވާގޮތަށް ވަނީ ކަނޑައަޅައިފަ އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ލީގުތަކުގެ ކުޅުން މެދުކަނޑާލުމަށް ފަހު ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރެއިން އަލުން ކުޅުން ފެށި ފުރަތަމަ ލީގަކީ ޖަރުމަނު ބުންޑަސްލީގާ އެވެ. އެ ލީގުގެ ކުޅުން މިދިޔަ މަހުގެ 13 ވަނަ ދުވަހު ފެށިއިރު ދެން އެންމެ އަވަހަށް ފަށާނީ ޖޫން 11 ވަނަ ދުވަހު ސްޕެނިޝް ލަލީގާ އެވެ. ސްޕެއިން ލީގަށް ފަހު ޖޫން 17 ވަނަ ދުވަހު އިނގިރޭސި ލީގު ފަށާއިރު އިޓާލިއަން ލީގު ފަށާނެ ތާރީހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޖޫން 20 އެވެ. ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރެއިން ފްރާންސް ލީގު މިހާރު ވަނީ ކެންސަލްކޮށްފަ އެވެ. ފްރާންސް ލީގުގެ އިތުރުން ޔޫރަޕުން ކެންސަލްކުރި އެހެން ލީގުތަކަކީ ބެލްޖިއަމްގެ ޕްރޯ ލީގާއި ނެދަލެންޑްސްގެ ލީގެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!