ރެއާލް މެޑްރިޑަށް ކުޅޭ ވޭލްސްގެ ތަރި ގަރެތު ބޭލް އެނބުރި އިނގިރޭސި ޕްރިމިއާ ލީގަށް އައުމުގެ ޝައުގުވެރިކަމެއް ނެތްކަމަށާއި ފުޓްބޯޅަ ކެރިއަރު ނިންމާލުމުގެ ފުރުސަތު ބޮޑީ ރެއާލްގައި ކަމަށް ބޭލްގެ އޭޖެންޓް ޖޮނަތަން ބާނެޓް ބުނެފި އެވެ.
އުމުރުން 30 އަހަރުގެ ބޭލް އިނގިރޭސި ލީގުގެ ކްލަބަކަށް ބަދަލުވާނެކަމުގެ ވާހަކަތައް މީޑިއާގައި ތަކުރާރުކޮށް އަންނަނީ ދެކެވެމުންނެވެ. ބޭލް ރެއާލް ދޫކޮށްލުމުގެ ސަބަބެއް ކަމަށް ބެލެވެނީ ކޯޗު ޒިނެދިން ޒިދާންއާ އޮންނަ ގުޅުން ކުޑަވުމެވެ. އެގޮތުން މިދިޔަ ސީޒަނަށް ފަހު ބޭލް ވަނީ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ޗައިނާ ލީގަށް ބަދަލުވުމާ ގާތަށް ޖެހިލާފަ އެވެ. އެކަމަކު ފަހު ވަގުތު ބޭލް ވަނީ ނިންމުން ބަދަލުކޮށް ރެއާލްގައި މަޑުކުރަން ނިންމައިފަ އެވެ.
“އަހަރެން އަބަދުވެސް ބުނާހެން، ބޭލް މެޑްރިޑްގައި ހުރީ އުފަލުން. އެއީ އޭނަގެ އަމިއްލަ ނިންމުމެއް. ވޯލްޑް ކަޕް ނޫން ދުނިޔޭގެ ހުރިހާ ތައްޓެއްހެން ބޭލް ހޯދައިފި. އެކަމަކު ނަސީބުދެރަކަމުން ވޭލްސްއާ އެކު ބައެއް ތަށިތައް ހޯދުމަކީ އުނދަގޫކަމެއް” ބާނެޓް ބުންޏެވެ.
2013 ވަނަ އަހަރު އިނގިރޭސި ކްލަބް ޓޮޓެންހަމް ހޮޓްސްޕާސް އިން ރެއާލާ ގުޅުމަށް ފަހު ބޭލް ވަނީ އެ ކްލަބާއެކު ހަތަރު ފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އަދި، ސްޕެނިޝް ލީގާއި ކޮޕަ ޑެލް ރޭ އެއް ފަހަރު ކާމިޔާބުކޮށްފައިވާއިރު ކްލަބް ވޯލްޑް ކަޕާއި ޔުއެފާ ސުޕަރ ކަޕްގެ ތިން މުބާރާތާއި ސްޕެނިޝް ސުޕަރ ކަޕް ބޭލް ވަނީ ރެއާލާ އެކު އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ.
“ބޭލް އެނބުރި ޕްރިމިއާ ލީގަށް އައުމަކީ ގަބޫލުކުރަން އުނދަގޫ ކަމަކަށް ވާނީ. އެކަމަކު އެއީ ވަރަށް ބޮޑު ކަމަކަށް ވާނެ. އަހަރެންނަށް ހިއެއްނުވޭ މިވަގުތު ބޭލް އެގޮތް ބޭނުންވާހެނެއް. ރެއާލްގައި ބޭލް ހުރީ އުފަލުން” އިނގިރޭސި ލީގާ ބޭލް އަލުން ގުޅުމުގެ ފުރުސަތު ކުޑަކަން ހާމަކުރަމުން އޭޖެންޓް ބުންޏެވެ.
ބޭލް ރެއާލް ދޫކޮށްލުމުގެ ވާހަކަތައް ދެކެވޭއިރު އޭނާ އަލުން ގުޅޭނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނަނީ ކުރީގެ ކްލަބް ޓޮޓެންހަމް ނުވަތަ ސައުދީ އަރަބިއްޔާގެ ހިއްސާ ބޮޑު ކުންފުންޏަކުން ގަންނަން މަސައްކަތް ކުރަމުން އަންނަ ނިއުކާސަލް ޔުނައިޓެޑާ އެވެ.