އިނގިރޭސި ޕްރިމިއާ ލީގު އަލުން ފެށުމުގެ ގޮތުން އެކި ބުރުތަކަށް ބަހާލައިގެން ލީގުގެ ކްލަބްތަކުގެ ހުރިހާ މެމްބަރުން ކޮވިޑް-19 އަށް ޓެސްޓު ކުރިއިރު ނެގި 5079 ސާމްޕަލުގެ ތެރެއިން 13 ސާމްޕަލެއް ޕޮޒިޓިވްވެއްޖެ އެވެ. އިއްޔެ އެންމެ ފަހު ބުރުގެ ޓެސްޓުތަކުގެ ނަތީޖާ ލިބުނުއިރު ޕޮޒިޓިވްވީ އެންމެ މެމްބަރެކެވެ.
އެންމެ ފަހުން ޕޮޒިޓިވްވީ ޓޮޓެންހަމް ހޮޓްސްޕާސްގެ މެމްބަރެއްކަން އެ ކްލަބުން ވަނީ ކަށަވަރުކޮށްދީފަ އެވެ. އެހެންނަމަވެސް ޕޮޒިޓިވްވީ ފަރާތުގެ ވަނަވަރު ހާމަނުކުރަން އެ ކްލަބުން ވަނީ ނިންމައިފަ އެވެ. ޓޮޓެންހަމުން ބުނީ އެ ކްލަބުން ޕޮޒިޓިވްވީ މެމްބަރު ހަތް ދުވަހުގެ ސެލްފް އައިސޮލޭޝަނަކަށް ލާފައިވާކަމަށެވެ. ޓޮޓެންހަމްގެ އިތުރުން މީގެ ކުރިން ބާންލީ އާއި ވެޓްފޯޑުން ވެސް ވަނީ ޕޮޒިޓިވް ކޭސްތައް ފެނިފަ އެވެ. އެންމެ ފަހު ބުރުގައި 1197 ސާމްޕަލް ވަނީ ނަގައިފަ އެވެ.
ޕްރިމިއާ ލީގުގެ ކުޅުން އަލުން ފެށުމަށް ނިންމާފައިވަނީ ޖޫން 17 ވަނަ ދުވަހު އެވެ. އެހެންވެ ކްލަބްތަކުން މިހާރު އަންނަނީ ގައިދުރުކަން އިސްކޮށް ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ. އެ ލީގުން ނިންމާފައިވަނީ ކޮންމެ ޓީމެއްގެ ކުޅުންތެރިންނާއި ސްޓާފުން ހަފްތާއަކު ދެފަހަރު ކޮވިޑް-19 އަށް ޓެސްޓް ކުރާ ގޮތަށެވެ.
އިނގިރޭސި ޕްރިމިއާ ލީގު ފަށާތާ ތިން ދުވަސް ފަހުން ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންޝިޕް މެޗުތައް ވެސް ކުރިއަށް ގެންދިއުމަށް އެގައުމުގެ އެފްއޭ އިން ވަނީ ނިންމައިފަ އެވެ. ޗެމްޕިއަންޝިޕްގެ ޓީމުތަކުގެ ކުޅުންތެރިންނަށް ވެސް ކަނޑައަޅާފައިވަނީ ޕްރިމިއާ ލީގުގެ ކުޅުންތެރިންނާއި އެއް އުސޫލެކެވެ.
ލީގުގެ ކުޅުން އަލުން ފަށާއިރު ޖޫން 17 ވަނަ ދުވަހު ދެ މެޗު ކުޅޭނެ އެވެ. އެއީ މެންޗެސްޓަރ ސިޓީ އާއި އާސެނަލް ވާދަކުރާ މެޗާއި އެސްޓަން ވިލާ އާއި ޝެފީލްޑް ޔުނައިޓެޑް ވާދަކުރާ މެޗެވެ. ލީގުގެ މެޗެއް އެންމެ ފަހުން ކުޅުނީ މާޗް ނުވަ ވަނަ ދުވަހު އެވެ. އެއީ ލެސްޓަ ސިޓީން 4-0 އިން އެސްޓަން ވިލާ ބަލިކުރި މެޗެވެ.
އިނގިރޭސި ލީގުގެ ކުޅުން ހުއްޓާލިއިރު އެއް ވަނައިގައި 25 ޕޮއިންޓުގެ ލީޑަކާއެކު އޮތީ ލިވަޕޫލް އެވެ. ޗެމްޕިއަންކަން ކަށަވަރުކުރަން އެޓީމަށް ބޭނުންވަނީ އެންމެ ހަ ޕޮއިންޓެވެ. ލީގުގައި ލިވަޕޫލަށް ބާކީ ނުވަ މެޗު އޮތްއިރު އެ މެޗުތަކުން ހަ ޕޮއިންޓް ހޯދައި ލީގު ކަށަވަރުކުރާނެކަން ގާތްގަނޑަކަށް ވަނީ ޔަގީންވެފަ އެވެ. ލިވަޕޫލަށް އެންމެ ފަހުން އިނގިރޭސި ލީގުގެ ޗެމްޕިއަންކަން ލިބުނީ 1990 ވަނަ އަހަރު އެވެ. މިއީ 30 އަހަރަށް ފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން އެޓީމަށް ލިބޭނެ ފުރަތަމަ ފަހަރެވެ.
ލިވަޕޫލްގެ ފަހަތުން ދެ ވަނައިގައި މެންޗެސްޓަރ ސިޓީ އޮތްއިރު ތިން ވަނައިގައި އޮތީ ލެސްޓަ ސިޓީ އެވެ. ހަތަރު ވަނައިގައި ޗެލްސީ އޮތްއިރު ފަސް ވަނައިގައި އޮތީ މެންޗެސްޓަރ ޔުނައިޓެޑެވެ.