ކޯވިޑް 19 އާ ގުޅިގެން މެދުކަނޑާލައިފައި އޮތް ސްޕެނިޝް ލީގް އަންނަ މަހުގެ 11 ވަނަ ދުވަހު ފަށާ ގޮތަށް ހަމަޖެހިއްޖެ އެވެ. މިދިޔަ މާރޗް މަހުގެ ތެރޭގައި މެދުކަނޑާލި ސްޕެނިޝް ލީގްގެ ކުޅުން އަލުން ފަށާއިރު ފުރަތަމަ މެޗްގައި ބައްދަލުކުރާ ގޮތަށް ހަމަޖެހިފައިވަނީ ރެއާލް ބެޓިސް އާއި ސެވިއްޔާ އެވެ.
ސްޕެނިޝް ލީގްގެ ކަންކަން އިންތިޒާމްކުރާ ފަރާތްތަކުން އަންނަ ޖުލައި މަހުގެ 19 އިގެ ނިޔަލަށް ސީޒަން ނިންމަން އަމާޒު ހިފާފައިވާއިރު އަންނަ ސީޒަން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފަށާގޮތަށް ވަނީ ހަމަޖައްސައިފައެވެ. ސްޕެއިން ސަރުކާރުގެ ކުޅިވަރާ ބެހޭ ރަސްމީ އިދާރާ އިން ވަނީ މިކަންކަމާ ގުޅޭގޮތުން ސްޕެނިޝް ލީގް އިންތިޒާމް ކުރާ ފަރާތްތަކާއި އަދި ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަން އާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަން ކަށަވަރުކޮށްދީފައެވެ.
މިދިޔަ މާރުޗް މަހުގެ 12 ވަނަ ދުވަހު މެދުކަނޑާލި ސްޕެނިޝް ލީގް އަލުން ފަށާނެ ތާރީހް މިހާރު ކަނޑައެޅިފައިވާއިރު ޖޫން 8 ވަނަ ދުވަހުގެ ފަހުން ލީގް ފެށުމުގެ ހުއްދަ ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވެސް ވަނީ ކުރިން ދެއްވައިފައެވެ.
ޖޫން 11 ވަނަ ދުވަހު އަލުން ސްޕެނިޝް ލީގް ފެށި ނަމަވެސް އެ ދުވަހު ހަމަ އެކަނި ކުޅޭނީ ރެއާލް ބެޓިސް އާއި ސެވިއްޔާ ވާދަކުރާ މެޗެވެ. އެހެން މެޗްތަކުގެ ކުޅުން ފެށޭނީ އެ ހަފްތާގެ ބަންދުގައެވެ.
ސްޕެނީޝް ލީގް ފަށަން ތައްޔާރުވަމުން އަންނައިރު ދިހަ ކުޅުންތެރިންނަށްވުރެ ގިނަ ނުވާ ގޮތަށް ގްރޫޕް ހަދައިގެން ކްލަބްތަކުގެ ފަރިތަކުރުންތައް މިދިޔަ ހަފްތާގައި ވަނީ ފަށައިފައެވެ.
ސްޕެނީޝް ލީގް މެދުކަނޑާލި އިރު ދެ ޕޮއިންޓްގެ ލީޑަކާއެކު އެއް ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އޮތް އިރު ދެވަނައިގައި އޮތީ ރެއާލް މެޑްރިޑެވެ. ކޮންމެ ޓީމަކަށްވެސް އަދި ލީގުގައި ބާކީ 11 މެޗް ކުޅެން އެބައޮތެވެ.
ކޯވިޑް 19 އާ ގުޅިގެން ޔޫރަޕްގެ އެންމެ ބޮޑު ފަސް ލީގްގެ ކުޅުން ވެސް މެދުކަނޑާލިއިރު މިހާތަނަށް އަލުން ނުފަށަން ނިންމައި ސީޒަން ކެންސަލްކޮށްފައިވަނީ ހަމައެކަނި ފްރާންސް ގައެވެ. ޖަރުމަނު ލީގް މި މަހުގެ 16 ވަނަ ދުވަހު ފަށާފައިވާއިރު އިނގިރޭސި ޕްރިމިއަރ ލީގުގެ ކުޅުން އަންނަ މަހުގެ 17 ވަނަ ދުވަހު ފަށާ ގޮތަށް އިނގިރޭސި އެފްއޭ އިން ވަނީ ނިންމައިފައެވެ. އަދި، އިޓާލިއަން ލީގުގެ ކުޅުން ޖޫން 20 ގައި ފަށަން އިޓަލީގެ ސަރުކާރުން ވަނީ ހުއްދަ ދީފައެވެ.