ފުރަތަމަ ސަފްޙާ / ޚަބަރު / އިޓާލިއަން ލީގު ޖޫން 20 ގައި ފަށަން ހުއްދަ ދީފި

އިޓާލިއަން ލީގު ޖޫން 20 ގައި ފަށަން ހުއްދަ ދީފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 29 މެއި 2020

ކޯވިޑް 19 އާ ގުޅިގެން މެދުކަނޑާލައިފައި އޮތް އިޓާލިއަން ލީގް އަންނަ ޖޫން މަހުގެ 20 ވަނަ ދުވަހު ފަށަން އިޓަލީގެ ސަރުކާރުން ހުއްދަ ދީފިއެވެ. މި އަހަރުގެ މާރޗް މަހުގެ 9 ވަނަ ދުވަހުން ފެށިގެން މެދުކަނޑާލައިފައި އޮތް އިޓާލިއަން ލީގު އަންނަ މަހު ފަށަން އިޓަލީގެ ސަރުކާރުން ހުއްދަ ދީފައިވާ ކަން އިއުލާންކޮށްފައިވަނީ އެގައުމުގެ ކުޅިވަރާ ބެހޭ ވަޒީރު ވިންސެންޒޯ ސްޕަޑަފޯރާ އެވެ.

އިޓާލިއަން ލީގު މާރޗް މަހު މެދުކަނޑާލިއިރު ޓޭބަލްގެ އެއް ވަނައިގައި އެއް ޕޮއިންޓްގެ ލީޑަކާ އެކު އޮތީ ވޭތުވެދިޔަ އަށް ސީޒަނުގައި ވެސް ލީގް ޗެމްޕިއަންކަން ހޯދައިފައިވާ ޔުވެންޓަސް އެވެ. ލީގުގައި ކޮންމެ ޓީމަކަށްވެސް ބާކީ އަދި 12 މެޗް ކުޅެން އެބަ އޮތެވެ. މީގެ ގާތްގަނޑަކަށް ތިން ހަފްތާ ފަހުން އިޓާލިއަން ލީގް ފަށަން ތައްޔާރުވަމުން އަންނަ އިރު ކްލަބް ތަކުން އަންނަނީ މި މަހުގެ ކުރީކޮޅުން ފެށިގެން ކުޅުންތެރިން ވަކިވަކިން ތިބެގެން ތަމްރީންތައް ހަދަމުންނެވެ. އަދި މި ފެށޭ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން ޓީމް އެކީގައި ތިބެގެން ފަރިތަކުރުންތައް ފެށޭނެ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

އިޓާލިއަން ލީގު ފެށުމުގެ ހުއްދަ ސަރުކާރުން ދީފައިވާއިރު އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން މި މަހުގެ 20 ވަނަ ދުވަހު ވަނީ އަންނަ އޯގަސްޓް މަހުގެ 20 ވަނަ ދުވަހުގެ ކުރިން ލީގުގެ ކުޅުން ނިންމަން އަމާޒު ކަނޑައަޅައިފައެވެ.

ކޯވިޑް 19 ގެ އަސަރު އެންމެ ބޮޑަށް ކުރި ޔޫރަޕްގެ ގައުމު ތަކުގެ ތެރޭގައި އިޓަލީ ހިމެނޭއިރު އިޓާލިއަން ލީގުގައި ކުޅެމުން އަންނަ ބައެއް ކުޅުންތެރިންވެސް ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. އިޓާލިއަން ލީގު ފެށުމުގެ ކުރިން ލީގުގައި ކުޅޭ ކުޅުންތެރިން ބައްޔަށް ޓެސްޓްކުރުމަށް ކުރި މަސައްކަތުގެ ތެރެއިން މިދިޔަ ހަފްތާގައި ވަނީ ފިޔޮރެންޓީނާގެ ތިން ކުޅުންތެރިއަކާއި، ސަޕޯޓް ސްޓާފުންގެ ތެރޭގައި ހިމެނޭ ތިން ފަރާތެއްގެ އިތުރުން ޓޮރިނޯގެ ކުޅުންތެރިއަކުވެސް ބައްޔަށް ޕޮޒިޓިވްވެފައިވާކަން ވަނީ އެނގިފައެވެ.

އިޓާލިއަން ލީގުގެ ކުޅުން އަންނަ މަހުގެ 20 ވަނަ ދުވަހު ފެށޭނެ ކަމުގެ ފެހި ސިގްނަލް ލިބުނު އިރު އިނގިރޭސި ޕްރިމިއަރ ލީގުގެ ކުޅުން އަންނަ މަހުގެ 17 ވަނަ ދުވަހު ފަށާ ގޮތަށް އިނގިރޭސި އެފްއޭ އިން އިއްޔެ ވަނީ ނިންމައިފަ އެވެ. ޔޫރަޕްގެ އެންމެ ބޮޑު ފަސް ލީގުވެސް ކޯވިޑް 19 އާ ގުޅިގެން މެދުކަނޑާލިއިރު މިހާތަނަށް ލީގުގެ ކުޅުން ކުރިއަށް ނުގެންގޮސް ކެންސަލް ކޮށްފައިވަނީ ހަމައެކަނި ފްރާންސް ގައެވެ. ޖަރުމަން ލީގުގެ ކުޅުން މި މަހުގެ 16 ވަނަ ދުވަހު ފަށައިފައިވާއިރު ސްޕެނިޝް ލީގުގެ ކުޅުންވެސް އަންނަ މަހު ފެށުމަށް އަންނަނީ ތައްޔާރު ވަމުންނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!