ކޮރޯނާވައިރަހުގެ ސަބަބުން މެދުކަނޑާލާފައިވާ އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން ޖޫން 17 ވަނަ ދުވަހު އަލުން ފަށަން ނިންމައިފި އެވެ. މިގޮތަށް ނިންމީ މިއަދު ކްލަބްތަކާއެކު އިނގިރޭސި އެފްއޭ އިން ބޭއްވި ބައްދަލުވުމަށް ފަހު އެވެ. އެނގިފައިވާ ގޮތުގައި މިއަދުގެ ބައްދަލުވުމުގައި ހުރިހާ ބައިވެރިން ވެސް ވަނީ ޖޫން 17 ގައި ލީގު ފެށުމަށް އެއްބަސްވެފަ އެވެ.
ވައިރަހުގެ ސަބަބުން އިނގިރޭސި ލީގުގެ ކުޅުން މެދުކަނޑާލީ މާޗް 13 ވަނަ ދުވަހު އެވެ. އަލުން ލީގު ފަށާއިރު އެންމެ ފުރަތަމަ ކުޅުމަށް ހަމަޖައްސާފައިވަނީ އެސްޓޮން ވިލާ އިން އަމިއްލަ ދަނޑުގައި ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗާއި މެންޗެސްޓަރ ސިޓީ އާއި އާސެނަލް ބައްދަލުކުރާ މެޗެވެ. އާސެނަލާ ސިޓީ މެޗަކީ ވައިރަހުގެ ބިރުވެރިކަން ބޮޑުވެ ކެންސަލް ކުރި މެޗެކެވެ.
ލީގުގެ ފުރަތަމަ ދެ މެޗުގެ ތާރީހް އެނގުނު ނަމަވެސް ބާކީ މެޗުތަކުގެ ޝެޑިއުލް އަދި ފުރިހަމަކޮށްފައެއްނުވެ އެވެ. އެހެން ޓީމުތަކުން ބްރޭކަށް ފަހު މެޗުތައް ކުޅޭނީ ޖޫން 19-21 އާ ދެމެދު އެވެ.
ލީގުގެ މެޗެއް އެންމެ ފަހުން ކުޅުނީ މާޗް ނުވަ ވަނަ ދުވަހު އެވެ. އެއީ ލެސްޓަ ސިޓީން 4-0 އިން އެސްޓަން ވިލާ ބަލިކުރި މެޗެވެ. މިފަހަރު އަލުން ކުޅުން ފަށާނީ ހަރުކަށި އުސޫލުތަކެއް ހަދައި ސަޕޯޓަރުން ވެސް ނުވައްދަ އެވެ.
ޕްރިމިއާ ލީގުގެ ކުޅުން އަލުން ފެށުމުގެ ކުރިން މިހާރު އަންނަނީ ހުރިހާ ޓީމެއް ވެސް ކޮވިޑަށް ޓެސްޓް ކުރަމުންނެވެ. މިހާތަނަށް ހެދި 2752 ޓެސްޓުގެ ތެރެއިން ލީގުގެ ޓީމުތަކުން 12 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި، ލީގުގެ ކުޅުން އަލުން ފެށި ނަމަވެސް ކޮންމެ ހަފްތާއެކު ދެ ފަހަރު ޓެސްޓު ކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އިނގިރޭސި ލީގުގެ ކުޅުން ހުއްޓާލިއިރު އެއް ވަނައިގައި 25 ޕޮއިންޓުގެ ލީޑަކާއެކު އޮތީ ލިވަޕޫލް އެވެ. ޗެމްޕިއަންކަން ކަށަވަރުކުރަން އެޓީމަށް ބޭނުންވަނީ އެންމެ ހަ ޕޮއިންޓެވެ. ލީގުގައި ލިވަޕޫލަށް ބާކީ ނުވަ މެޗު އޮތްއިރު އެ މެޗުތަކުން ހަ ޕޮއިންޓް ހޯދައި ލީގު ކަށަވަރުކުރާނެކަން ވަނީ ގާތްގަނޑަކަށް ޔަގީންވެފަ އެވެ. ލިވަޕޫލަށް އެންމެ ފަހުން އިނގިރޭސި ލީގުގެ ޗެމްޕިއަންކަން ލިބުނީ 1990 ވަނަ އަހަރު އެވެ. މިއީ 30 އަހަރަށް ފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން އެޓީމަށް ލިބޭނެ ފުރަތަމަ ފަހަރެވެ.
ލިވަޕޫލްގެ ފަހަތުން ދެ ވަނައިގައި މެންޗެސްޓަރ ސިޓީ އޮތްއިރު ތިން ވަނައިގައި އޮތީ ލެސްޓަ ސިޓީ އެވެ. ހަތަރު ވަނައިގައި ޗެލްސީ އޮތްއިރު ފަސް ވަނައިގައި އޮތީ މެންޗެސްޓަރ ޔުނައިޓެޑެވެ.