ފުރަތަމަ ސަފްޙާ / ޚަބަރު / ތާރީހީ ފޮޓޯ އަކާއެކު ބައްސާމް ފުޓްބޯޅަ ޗެލެންޖަށް

ތާރީހީ ފޮޓޯ އަކާއެކު ބައްސާމް ފުޓްބޯޅަ ޗެލެންޖަށް

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 27 މެއި 2020

ކޯވިޑް 19 އާ ގުޅިގެން އާއްމުކޮށް ކުރަމުން އައި މަސައްކަތްތައް ހުއްޓި އެންމެން ކަހަލަ ގޮތަކަށް ގޭގައި ތިބެން ޖެހުމާއެކު ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ވައިގަ ހިފި އެއް ކަމަކީ އެކި ޒާތްޒާތުގެ ޗެލެންޖްތަކެވެ. މީގެ ތެރެއިން މިވަގުތު ދިވެހި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި އަދި ވަކިން ހާއްސަކޮށް ފުޓްބޯޅަ ސަޕޯޓަރުންގެ ޝައުގުވެރިކަން ދަމައިގެންފައިވާ އެއް ޗެލެންޖަކީ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ހަތް ދުވަހުގެ ފުޓްބޯލް ޗެލެންޖެވެ. މިހާރުގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންނާއި ކޯޗުންގެ އިތުރުން ގައުމީ ފެންވަރުގައި ކުރިން ފުޓްބޯޅަ ކުޅެފައިވާ ފަރާތްތައް މި ޗެލެންޖްގައި ބައިވެރިވަމުން އަންނަ އިރު މި ޗެލެންޖް ހާއްސަވާ އެއް ސަބަބަކީ ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ ކަމަށްވާ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ބައިވެރިވެ ވާޑައިގެންފައިވުމެވެ.

ފުޓްބޯޅަ އާއި ބައިވެރިވާ ފަރާތާއި އޮންނަ ގުލުން ރަމްޒުކޮށްދޭ ފޮޓޯ އެއް ހަތް ދުވަސް ވަންދެން ކޮންމެ ދުވަހަކު ޕޯސްޓް ކުރަން ޖެހޭ ގޮތަށް ބައްޓަން ކުރެވިފައިވާ މި ޗެލެންޖްގައި ޕޯސްޓްކުރާ ފޮޓޯގެ އެއްވެސް ތަފްސީލެއް ނުދިނުމަކީ މި ޗެލެންޖްގެ އެއް ޝަރުތެވެ. އަދި ފޮޓޯ ޕޯސްޓްކުރާ ކޮންމެ ދުވަހަކު ޗެލެންޖްގައި ބައިވެރިވުމަށް ކޮންމެވެސް އެހެން ފަރާތަކަށް ދައުވަތުވެސް ދޭންޖެހެ އެވެ.

ދިވެހި ފުޓްބޯޅަ އާއިލާގެ މެދުގައި މިހާރު ވައިގައި ހިފައިފައިވާ ފުޓްބޯޅަ ޗެލެންޖްގައި ޓީސީ ސްޕޯޓްސް ކްލަބްގެ ކުރީގެ ކޯޗް މުހައްމަދު ނިޒާމް (ނިޒާމްބެ) އާއި ގައުމީ ޓީމްގެ ކުރީގެ މަޝްހޫރު މިޑްފީލްޑަރު މުހައްމަދު ހުސައިން (އޮއިއްޓޭ) ދިން ދައުވަތަކަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ބައިވެރިވެ ވަޑައިގެންފައި ވަނީ އިއްޔެ އެވެ. ފުޓްބޯޅަ ޗެލެންޖްގައި ބައިވެރިވެ ވަޑައިގެން ބައްސާމް ފުރަތަމަ ޕޯސްޓްކުރެއްވި ފޮޓޯ އަކީ 1993 ވަނަ އަހަރުގެ ގައުމީ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ނިއުރޭޑިއަންޓް ކޮޅަށް ހަތް ލަނޑު ޖަހައިގެން ވެލެންސިއާ އިން އެ މުބާރާތުގެ ތަށި ހޯދި ދުވަހުގެ ފޮޓޯ އެކެވެ. ރާއްޖޭގެ އޮންލައިން ނޫހަކަށް މީގެ ކުރިން ބައްސާމް ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ނިއުރޭޑިއަންޓް ކޮޅަށް ހަތް ލަނޑު ޖަހައިގެން ގައުމީ މުބާރާތުގެ ތަށި ވެލެންސިއާ ހޯދި ދުވަހަކީ އެ މަނިކުފާނުގެ ފުޓްބޯޅަ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސް ކަމުގައެވެ. ފުޓްބޯޅަ ޗެލެންޖްގައި ބައްސާމް ހިއްސާކުރެއްވި ފުރަތަމަ ޕޯސްޓާއެކު އާއްމުކުރައްވާފައިވާ ފޮޓޯގައި ފެންނަނީ ވެލެންސިއާގެ ޓީމާއެކު ބައްސާމް އިންނެވި ތަނެވެ. ލްލަބް ވެލެންސިއާ އޭރު ހިންގަވަމުން އައީ ބައްސާމމްގެ ބައްޕާފުޅު އަދީލް ޖަލީލް އެވެ.

2016 ވަނަ އަހަރު އެފްއޭއެމްގެ ރައީސްކަމުގެ މަގާމާއި ހަވާލުވެވަޑައިގެންނެވި ބައްސާމް ވަނީ ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމްގެ އިތުރުން ކްލަބް ވެލެންސިއާ އަށް މަދު ދުވަސްކޮޅަކު ކުޅެފައެވެ. އެކަމަކު ފުޓްބޯޅަ ކެރިއަރުގެ ވަރަށް ކުރީކޮޅު ލިބުނު ބޮޑު އަނިޔާ އަކާއި ގުޅިގެން ބައްސާމް އަށް ޖެހިވަޑައިގަތީ ކުޅުމާ ދުރަށް ވަޑައިގަންނަވާށެވެ. އެހެން ނަމަވެސް އޭގެ ފަހުން 2005 ވަނަ އަހަރުން ފެށިގެން ބައްސާމް ވަޑައިގަންނެވީ އެފްއޭއެމް ގައި މަސައްކަތްކުރައްވަމުންނެވެ.

ފުޓްބޯޅަ ޗެލްންޗްގައި ބައްސާމް ހިއްސާކުރެއްވި ފުރަތަމަ ޕޯސްޓަށް ކޮމެންޓް ކުރަމުން ކޯޗް ނިޒާމްބެ ބުނެފައިވަނީ ފުޓްބޯޅަ ޗެލެންޖްގައި ބައިވެރިވުމަށް ބައްސާމަށް ދައުވަތު ދީފައިވަނީ ފުޓްބޯޅައިގައި މިހާތަނަށް ބައްސާމް ކުރައްވާފފައިވާ ދަތުރު ކޮންމެވެސް ވަރަކަށް އާންމުންނަށް އަންގައިދިނުން ކަމަށެވެ. މިހާތަނަށް ފުޓްބޯޅަ ޗެލެންޖްގައި ދެ ފޮޓޯ އެއް ބައްސާމް ޕޯސްޓްކުރައްވާފައިވާއިރު ޗެލެންޖްގައި ބައިވެރިވުމަށް ދެ ފަރާތަކަށް ބައްސާމް ވަނީ ދައުވަތު އަރުވައިފައެވެ. އެ ދެ ފަރާތަކީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރ އަހުމަދު މަހްލޫފް އާއި ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ކުރީގެ ކޯޗް މައުރޫފް އަހްމަދަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!