ފުރަތަމަ ސަފްޙާ / ޚަބަރު / އެފްއޭއެމުން ކްލަބްތައް އޮޑިޓް ކުރަން ޖެހޭ: ނިޒާމްބެ

އެފްއޭއެމުން ކްލަބްތައް އޮޑިޓް ކުރަން ޖެހޭ: ނިޒާމްބެ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 21 މެއި 2020

ކްލަބްތަކުން ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތުގެ ޒިންމާ އެފްއޭއެމުން ނަގާލެއް މިހާރުވެސް މާ ބޮޑުކަމަށާއި އެކަން ހުއްޓާލުމަށް ފަހު ކޮންމެ އަހަރަކު ވެސް ކްލަބްތަކުގެ މެނޭޖީރިއަލް އަދި ފައިނޭންޝިއަލް އޮޑިޓެއް ހަދަންޖެހޭ ކަމަށް ރާއްޖޭގެ މަޝްހޫރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

ނިޒާމްބެ މިހެން ބުނީ މިދިޔަ ހޯމަ ދުވަހުގެރޭ އެފްއޭއެމް ސްޓޫޑިއޯ އިން ސޯޝަލް މީޑިއާގައި ގެނެސްދިން “ލެޓްސް ޓޯކް ފުޓްބޯލް” ޝޯގައި ވާހަކަދައްކަމުންނެވެ. ނިޒާމްބެގެ އިތުރުން އެރޭގެ ޕްރޮގްރާމްގައި ގައުމީ ސީނިއާ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗު އަލީ ސުޒޭން ވެސް ބައިވެރިވި އެވެ.

ކްލަބްތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ނިޒާމްބެ ބުނީ އެކަމުގައި އެންމެ މުހިއްމީ ކްލަބްތައް ކުރިއަށްދާނެގޮތް ކިޔައިދިނުމަށް ފަހު ކްލަބްތަކުގެ ހާލަތު އެފްއޭއެމުން ކޮންމެ އަހަރަކު ވެސް އޮޑިޓް ކުރުން ކަމަށެވެ. އަދި، ޖެހިގެން އަންނަ ސީޒަނުގައި ކްލަބްތަކަށް އެހީތެރިކަން ފޯރުކޯށްދިނުމުގައި އެފްއޭއެމުން ބަލާ މިންގަނޑުތައް ކްލަބްތަކުން ހާސިލްކޮށްފައިވާ މިންވަރު ބަލަންޖެހޭކަން ނިޒާމްބެ ފާހަގަކުރި އެވެ.

“އެފްއޭ އިން ކުރަންވީ ކަމަކީ ސްޓްރަކްޗަރ ކޮށްފަ ކްލަބްތަކުން އެކަންކަން ހިންގާނެ ގޮތްތައް ކިޔައިދީ، ދަސްކޮށްދީފަ ކޮންމެ އަހަރަކު ވެސް ކްލަބްތަކުގެ މެނޭޖީރިއަލް އަދި ފައިނޭންޝިއަލް އޮޑިޓެއް ހަދަންވީ. ކްލަބްތަކުގެ ހަދާއިރު އެ ކްލަބްތަކުގެ އޮނިގަނޑުގައި ހިމެނޭ ހުރިހާ ކަމެއް ފުރިހަމަކުރާ ކްލަބްތަކަށް ޖެހިގެން އަންނަ ސީޒަނުގަ އެދޭ އެހީތެރިކަމާ އެކޮށްދޭ ކަންތައްތައް އަޅުގަނޑުމެން އެބަޖެހޭ ތަންކޮޅެއް ހަރުދަނާ ކުރަން. އެހެން އެކަން ފަށައިފި ނަމަ އެއީ ފަސޭހަ ކަމަކަށް ވެދާނެ” ކްލަބްތައް އޮޑިޓްކުރުން މުހިއްމުކަން ފާހަގަކުރަމުން ޓީސީ ސްޕޯޓްސް ކްލަބުގެ ކުރީގެ ކޯޗު ބުންޏެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު 16 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމުގެ ކޯޗުކަމަށް ނިޒާމްބެ ހަމަޖައްސަން ބޭއްވި ރަސްމިއްޔާތުގައި އެފްއޭއެމްގެ ރައީސް ބައްސާމްއާ އެކު.

ރާއްޖޭގެ ގިނަ ކްލަބްތައް ރަނގަޅަށް މެނޭޖް ނުކުރެވުމުގެ އެންމެ ބޮޑު ސަބަބަކީ މާލީ މައްސަލަތަކެވެ. އަދި، ކްލަބްތަކަށް މާލީ ގޮތުން ލިބޭ އެހީގެ ރަނގަޅު އޮޑިޓެއް ސީޒަން ނިމުމުން މިހާތަނަށް ހަދާފައިވާކަން އެނގިފައެއްނުވެ އެވެ. އެހެންވެ އެ ކްލަބްތަކުން ފައިސާ ހަރަދުކުރާ ގޮތުގެ ތަފްސީލް ހޯދުން ވަނީ އުނދަގޫ ކަމަކަށެވެ. ނިޒާމްބެ ބުނީ ކްލަބްތައް އޮޑިޓް  ކުރުމުގެ އިތުރުން ސީޒަންތެރޭ ކްލަބްތައް މޮނިޓަރ ކުރުމަކީ ވެސް މުހިއްމު ކަމެއް ކަމަށެވެ. ކްލަބްތަކުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމުގެ ގޮތުން ލީގު ބްރޭންޑްކޮށްގެން ވިއްކުން އެއީ ފައިދާކުރާނެ ކަމެއް ކަމަށް ނިޒާމްބެ ބުންޏެވެ.

“އެފްއޭގެ ޒިންމާއެއް ކްލަބްތައް ހަރުދަނާކުރުން. ކްލަބްތަކަށް ހަރުދަނާކުރާނަމަ އެކަންކަން ކުރޭތޯ މޮނިޓަރ ކޮށް. ފައިސާ ހޯދޭނެ މަގުތައް ބަލައިދިނުން. އެކަމަކު ފައިސާ ދިނުމެއް ނޫން އެންމެ މުހިއްމީ. އެންމެ މުހިއްމު ކަމަކީ ލީގު ބްރޭންޑްކޮށްގެން ލީގު ވިއްކުން” ނިޒާމްބެ ބުންޏެވެ.

ކްލަބްތަކުގެ ކަންކަމުގެ އިތުރުން ސީޒަން ކުރިއަށްދާއިރު ރަނގަޅުކުރަންޖެހޭ ގިނަ ކަންކަން ހުރިކަން ނިޒާމްބެ ވަނީ ފާހަގަކޮށްފަ އެވެ. ނިޒާމްބެ ބުނީ ރާއްޖޭގެ އެންމެ ބޮޑު ލީގު ސްޕޮންސަރ ކުރަނީ ދިރާގު ނޫނީ އުރީދޫ އިން ކަމަށާއި، އެހެންނަމަވެސް އެއިން ކުންފުންޏެއް މެދުވެރިކޮށް އެދުވަހެއްގައި ކުޅޭ މެޗާއި، ނަތީޖާ އެސްއެމްއެސް އަކުން ލިބޭނެ ގޮތް ވެސް މިހާތަނަށް ހެދިފައިނުވާ ކަމަށެވެ.

“ހަގީގަތުގަ އެފްއޭ އިން ވެސް މިއޮތީ އެފްއޭ އިން ކުރަންޖެހޭ މަސައްކަތް ނުކުރެވިފަ. އަޅުގަނޑާ ސުޒޭންއާ ދެމީހުން ގަލޮޅު ދަނޑަށް ވަންނަން ދިޔަ ދުވަހެއްގަ އަޅުގަނޑުމެން ދެމީހުން ކުރެ މީހަކަށް ނޭނގޭ އެކަމަކު 24 ގަޑިއިރު ކުރިން މެޗު ކެންސަލްކަން ކްލަބްތަކަށް އެނގިފަ އޮތީ. އަޅުގަނޑުމެން ދެމީހުންނަކަށް ނޭނގޭ. މި ލެވެލްގަ ކަންތައްތައް އޮތީ. މިއަށްވުރެ ރަނގަޅަށް އަޅުގަނޑުމެން ހުރިހާ ކަމެއް ވެސް ކޮށްގެން މިކަންތައް ވާނީ” ނިޒާމްބެ ބުންޏެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނިންމާލާފައިވާއިރު ކުރިއަށް އޮތް ސީޒަން ފަށާނެ ދުވަސްވަރެއް އަދި ނޭނގެ އެވެ. ރާއްޖޭގެ އާ ފުޓްބޯޅަ ސީޒަން ފަށަނީ ޖޫން މަހުގައި ކަމަށް ވިޔަސް ކޮވިޑް-19 ގެ ހާލަތު ރަނގަޅު ނުވާތީ މި އަހަރު ޖޫން މަހު ސީޒަން ނުފެށޭނެކަން ވަނީ ޔަގީންވެފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!