ފުރަތަމަ ސަފްޙާ / ޚަބަރު / ޕްރިމިއާ ލީގު: ފުރަތަމަ ބުރުގެ ސާމްޕަލްތަކުން ހަ ކޭސް ޕޮޒިޓިވް

ޕްރިމިއާ ލީގު: ފުރަތަމަ ބުރުގެ ސާމްޕަލްތަކުން ހަ ކޭސް ޕޮޒިޓިވް

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 20 މެއި 2020

އިނގިރޭސި ޕްރިމިއާ ލީގުގެ ޓީމުތަކުގެ ހުރިހާ މެމްބަރުން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ފުރަތަމަ ނެގި ސާމްޕަލްތަކުގެ ތެރެއިން ހަ ކޭސް ޕޮޒިޓިވްވެއްޖެ އެވެ. ލީގު އަލުން ފެށުމަށް ތައްޔާރުވަމުން އަންނައިރު ޕޮޒިޓިވް ހަ ކޭސް އިއްޔެ ފެނުނީ ހޯމަ ދުވަހު ނެގި 748 ސާމްޕަލްގެ ތެރެއިންނެވެ.

ލީގުގެ 19 ކްލަބަކުން މި އަދަދަށް ސާމްޕަލް ނެގިއިރު އެދުވަހުގެ ޓެސްޓުތަކުގައި ބައިވެރިނުވާ ހަމައެކަނި ކްލަބަކީ ނޯވިޗް ސިޓީ އެވެ. އެކަމަކު އިއްޔެ ވަނީ އެ ކްލަބުގެ މެންބަރުންގެ ޓެސްޓުތައް ހަދައިފަ އެވެ. 748 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި ހަ ކޭސް ފެނުނު ޓީމުތަކުގެ ތެރޭގައި ބާންލީ އާއި ވެޓްފޯޑް ހިމެނެ އެވެ. ވެޓްފޯޑުން އެއް ކުޅުންތެރިއެއްގެ އިތުރުން ދެ ސްޓާފެއް ކޮވިޑް-19 އަށް ޕޮޒިޓިވްވި އިރު ބާންލީގެ އެސިސްޓެންޓް މެނޭޖަރު ޕޮޒިޓިވް ވެފައިވާކަމަށް އެ ކްލަބުން ވަނީ ހާމަކޮށްފަ އެވެ.

ބާންލީން ޕޮޒިޓިވްވި 52 އަހަރުގެ އިއާން ވޫންގެ ފަރާތުން ކޮވިޑް-19 ގެ އަލާމާތްތައް ނުފެނުނު ނަމަވެސް ޕޮޒިޓިވްވުމުން އޭނާ މިހާރު އަމިއްލަ ގޭގައި އެކަހެރިކޮށްފައިވާކަމަށް ކްލަބުން ވަނީ ބުނެފަ އެވެ. ހަ ޕޮޒިޓިވް ކޭސްގެ ތެރެއިން ހަތަރު ކޭސްގެ މައުލޫމާތު ހާމަވެފައިވާއިރު ބާކީ ދެ ކޭސް ފެނުނީ ކޮން ކްލަބްތަކަކުން ކަމެއް އަދި ނޭނގެ އެވެ.

ވެޓްފޯޑުން ޕޮޒިޓިވް ތިން ކޭސް ފެނުމުގެ ކުރިން އެޓީމުގެ ކެޕްޓަން ޓްރޮއި ޑީނީ ބުނީ އޭނާގެ އާއިލާއަށް އޮތް ނުރައްކަލަށް ބަލައި ފަރިތަކުރުންތަކަށް ނުކުންނަށް ބޭނުންނުވާ ކަމަށެވެ.

“އަހަރެންގެ ދަރިފުޅަށް އަދި ފަސް މަސް. އޭނަގެ ނޭވަލުމުގައި މައްސަލަތަކެއް ހުރި. އެހެންވެ ދަރިފުޅު އިތުރު ނުރައްކަލަކަށް ނުލުމުގެ ގޮތުން އަހަރެން ނިންމައިފިން ޕްރެކްޓިހަށް ނުދާން. ގްރޫޕެއްގެ ތެރެއިން އެކަކު ޕޮޒިޓިވް ވިޔަސް އެކަމުގެ އަސަރު ކުރާނެ. އަހަރެން ބޭނުމެއް ނޫން ގެއަށް ބަލި ގެންނާކަށް” ފަރިތަކުރުންތަކަށް ނުކުންނަން ދެކޮޅު ހަދަމުން ޑީނީ ބުނެފައިވެ އެވެ.

އިނގިރޭސި ލީގުން މިދިޔަ އަންގާރަ ދުވަހު ވަނީ ގްރޫޕް ހަދައިގެން ޓީމުތަކަށް ފަރިތަކުރެވޭ ގޮތަށް ފާސްކޮށްފަ އެވެ. ގައިދުރުކަން އިސްކޮށް މިގޮތަށް ފަރިތަކުރުން ކުރިއަށް ގެންދާއިރު އެންމެ ގިނަވެގެން ގްރޫޕެއްގައި ތިބޭނީ ފަސް ކުޅުންތެރިންނެވެ. އަދި، ކޮންމެ ކުޅުންތެރިއަކަށް ފަރިތަކުރެވޭނެ ވަގުތުގެ ގޮތުގައި 75 މިނެޓް ވަނީ ކަނޑައަޅައިފަ އެވެ. އިނގިރޭސި ލީގުން މިދިޔަ ހަފްތާ ކްލަބްތަކަށާއި ކުޅުންތެރިންނަށް ފޮނުވި ޕްރޮޓޮކޯލްގައި ބުނެފައިވަނީ ކޮންމެ ޓްރެއިނިން އަކަށްފަހު ކޯނަރު ދިދަ އާއި ބޯޅަތަކާއި، ކޯންތަކުގެ އިތުރުން ގޯލާއި މުޅި ދަނޑު ވެސް ކޮންމެ ދުވަހަކު ޑިސްއިންފެކްޓް ކުރާނެކަމަށެވެ. މީގެ އިތުރުން ކޮންމެ ދެ ހަފްތާއަކުން ކޮވިޑް-19 އަށް ކުޅުންތެރިން ޓެސްޓް ކުރުމާއި ޓްރެއިނިންގެ ކުރިން ކުޅުންތެރިންގެ ހާލަތާއި ގުޅޭގޮތުން ސުވާލުކުރުމުގެ އިތުރުން ހުން ހުރިވަރު ކޮންމެ ދުވަހަކު ބަލާނެކަމަށް ކުޅުންތެރިންނާއި ކޯޗުންނަށް ފޮނުވި ޕްރޮޓޮކޯލްގައި ބުނެފައިވެ އެވެ.

ކޮވިޑް-19 އާއި ގުޅިގެން މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހުން ފެށިގެން އިނގިރޭސި ލީގު ވަނީ މެދުކަނޑާލައިފަ އެވެ. ލީގުގައި ބާކީ 92 މެޗު އޮތްއިރު އިނގިރޭސި އެފްއޭ އާއި ކްލަބްތަކުން ބޭނުންވަނީ ޖޫން މަހު ސީޒަން އަލުން ފަށައި ބާކީބައި ފުރިހަމަކުރުމަށެވެ. ލީގު އަލުން ފެށުމަށް ޕްރިމިއާ ލީގުން މީގެ ކުރިން ކަނޑައެޅި ތާރީހަކީ ޖޫން 12 އެވެ. އެހެންނަމަވެސް، ކޮވިޑް-19 ގެ ޓެސްޓުތަކުގެ ނަތީޖާތައް ނުކުންނަ ގޮތަކުން މި ތާރީހް ފަސްކުރުމުގެ ފުރުސަތު ބޮޑެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!