ފުޓްބޯޅަ މެދުކެނޑިފައިވާ މި ދަނޑިވަޅަކީ ފެންވަރު ރަނގަޅު ލީގެއް ބައްޓަންކޮށް ޕްރޮމޯޓް ކުރަންވީ ވަގުތުކަމަށް ޓީސީ ސްޕޯޓްސް ކްލަބުގެ ކުރީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ. ނިޒާމްބެ މިހެން ބުނީ ރޭ އެފްއޭއެމުން ސޯޝަލް މީޑިއާގައި ގެނެސްދިން “ލެޓްސް ޓޯކް ފުޓްބޯލް” ޝޯގައި ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.
ނިޒާމްބެއާ އެކު ރޭގެ ޝޯގައި ބައިވެރިވީ ސީނިއާ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗު އަލީ ސުޒޭން އެވެ. ފުޓްބޯޅަ މިހާރު އޮތް ހާލަތާއި އާ ސީޒަން ފަށާއިރު ރަނގަޅުކުރަންވީ ގިނަ ކަންތައްތަކާއި ގުޅޭގޮތުން މި ދެ ކޯޗުން ރޭގެ ޕްރޮގްރާމްގައި ވާހަކަދައްކާފައިވެ އެވެ. ކުރިއަށް އޮތް ސީޒަން ފެށުމުގެ ކުރިން ރަނގަޅު ކުރަންޖެހޭ ކަންތައްތަކާއި ގުޅޭގޮތުން ވާހަކަދައްކަމުން ނިޒާމްބެ ފާހަގަކުރީ މައިގަނޑު ތިން ކަމެކެވެ. އެއީ އެފްއޭއެމުން އާ ސީޒަނުގެ ކަލަންޑަރު އެކުލަވާލާއިރު ކުޅުންތެރިންގެ ޕްރީ ސީޒަނަށް އެކަށީގެންވާ ވަގުތު ދިނުމާއި، ކްލަބްތަކުގެ މާލީ ހާލަތު ދަށްވުމާއި ގުޅިގެން އެކަމަށް ޓެކުލް ކުރާނެ ގޮތްތަކެއް ހޯދުމާއި ފެންވަރު ރަނގަޅު ލީގެއް ބައްޓަންކޮށް ޕްރޮމޯޓް ކުރުން ކަމަށް ނިޒާމްބެ ވަނީ ބުނެފަ އެވެ.
ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅަ މިހާރު މެދުކެނޑިފައިވާއިރު ނިޒާމްބެ ބުނީ މިއީ އަވަސް އަރުވާލައިގެން އާ ސީޒަނަށް ތައްޔާރުވާންވީ ވަގުތެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ރަނގަޅު ފެންވަރުގެ ލީގެއް ބައްޓަންކޮށްގެން ނުކުންނަން ޖެހޭކަން ނިޒާމްބެ ފާހަގަކުރި އެވެ.
“މި ފަށައިގަންނަން މި ލިބުނު މުއްދަތަކީ ހަގީގަތުގަ އަޅުގަނޑު ދަންނަވާނީ އެންމެ ރަނގަޅަށް ލީގެއް ބައްޓަންކޮށްގެން ލީގެއް އެންމެ ރަނގަޅަށް ޕްރޮމޯޓް ކޮށްގެން ނުވަތަ ލީގެއް އެންމެ ރަނގަޅަށް ބްރޭންޑް ކޮށްގެން އަޅުގަނޑުމެން ނުކުންނަންވީ ދަނޑިވަޅޭ” ޓީސީ ސްޕޯޓްސް ކްލަބަށް 2018 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން ކޯޗު ބުންޏެވެ.
ރަނގަޅު ލީގެއް ބްރޭންޑްކޮށްގެން ވިއްކެން ފަށައިފި ނަމަ ކްލަބްތަކަށް އާމްދަނީ ހޯދުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް ނިޒާމްބެ ފާހަގަކުރި އެވެ. ލީގު ބްރޭންޑް ކުރުމުގައި ބެލުންތެރިންގެ ޝައުގުވެރިކަން ހޯދޭނެ ގޮތާއި ދިވެހި ސަޕޯޓަރުންނަށް އެންމެ ކަމުދާނެ ގޮތްތަކާއި ގުޅޭ ސާވޭ އެއް ހަދައި ރަނގަޅަށް ތައްޔާރުވާންޖެހޭ ކަމަށް ނިޒާމްބެ ބުންޏެވެ.
“މިހާރު އަޅުގަނޑުމެން ކުރަންޖެހޭ އެންމެ މުހިއްމު ކަމަކީ އެއީ (ލީގެއް ބްރޭންޑްކުރުން). ކޮބައިތޯ ބެލުންތެރިންނަށް މި ލީގު ވިއްކޭނެ ގޮތަކީ ކޮބައިތޯ ދިވެހި ސަޕޯޓަރުންނަށް މީތި އެންމެ ކަމުދާ ގޮތަކީ. ކޮބައިތޯ މީތި އެންމެ ފޯރިގަދަކުރެވޭނެ ގޮތަކީ” އެފްއޭއެމްގައި އޮތް މާކެޓިން ޓީމުގެ ގާބިލްކަން އޮތްކަން ފާހަގަކުރަމުން ނިޒާމްބެ ބުންޏެވެ.
ކުޅުންތެރިން ތިބީ ދުވަހަކު ނުލިބޭ ވަރުގެ ރެސްޓެއްގަ
ސީޒަން ފެށުމުގެ ކުރިން ރަނގަޅުކުރަން ޖެހޭ އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ނިޒާމްބެ ފާހަގަކުރީ އާ ސީޒަން ފެށުމުގެ ކުރިން ފުރަތަމަ ޑިވިޝަނުގެ ކުޅުންތެރިންނަށް ރަނގަޅު ޕްރީ ސީޒަނެއް ލިބޭނެ ގޮތަކަށް ކަލަންޑަރު އެކުލަވާލުމެވެ. ނިޒާމްބެ ބުނީ އެއް ސީޒަން ނިމި އަނެއް ސީޒަނަށް ނުކުންނައިރު މީގެ ކުރިން ކުޅުންތެރިންގެ ފިޓްނެސް ލެވެލް ހުންނަ މިންވަރާ މި އަހަރު ތަފާތުވާނެ ކަމަށެވެ. މީގެ ކުރިން ސީޒަން ނިމުމުން ރަށްރަށުގައި އޮންނަ މުބާރާތްތަކުގައި ކުޅެގެން ކުޅުންތެރިން ފިޓްނެސް ހިފަހައްޓަ އެވެ. އެހެންނަމަވެސް މިހާރު އޮތް ލޮކްޑައުންގެ ހާލަތުގައި ފުރަތަމަ ޑިވިޝަނުގެ ކުޅުންތެރިން މިހާރު ތިބީ ވާދަވެރި އެއްވެސް މެޗެއް ނުކުޅެ އެވެ.
“އެފްއޭ އިން ސީޒަންގެ ކަލަންޑަރު އެކުލަވާލުމުގައި އެންމެ ފުރަތަމަ ވިސްނަން ޖެހޭނީ އެކަށީގެންވާ ވަގުތު ޕްރީ ސީޒަނަށް ކުޅުންތެރިންނަށް ދިނުމަށް. އެއީ ވަރަށް މުހިއްމު ކަމެއް” ނިޒާމްގެ ބުންޏެވެ.
ކްލަބްތަކުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ
ރާއްޖޭގެ ފުޓްބޯޅަ ކްލަބްތަކަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މާލީ ދަތިކަމެވެ. ކުޅުންތެރިންނަށް މުސާރަ ނުދެވޭއިރު މެޗުތައް ކުޅުމަށް ބައެއް ކްލަބްތަކަށް ކުޅުންތެރިން ހަމަކުރެވެނީ ކިރިޔާ އެވެ. އަދި، ކުޅުންތެރިން ހަމަނުވެގެން މިދިޔަ ދެ ސީޒަނުގައި ވިކްޓްރީ ސްޕޯޓްސް ކްލަބަށް ބައެއް މެޗުތައް ކުޅެވޭ ގޮތެއް ވެސް ނުވި އެވެ.
“މިދިޔަ ސީޒަނުގަ އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ފެނުނީ ކްލަބްތަކުގެ މާލީ ހާލަތު ދަށްވެގެން ދިޔަތައް. އެކަންތައްތަކަކީ އެންމެ ބޮޑަށް މިފަހަރު ދިމާވާނެ އަނެއް މައްސަލަ. އެހެންވީމަ އެކަންކަމަށް ޓެކުލް ކުރާނެ ގޮތްތަކާ ބެހޭގޮތުން ކްލަބްތަކުގެ އިސްވެރިންނާ އެފްއޭއާ އިށީނދެ ސީޒަން ފަށާއިރު އެންމެ ފުރަތަމަ ކަމަކަށް އެކަންކަމަށް ޓެކުލް ކުރާން ގޮތްތަކެއް ހޯދަންޖެހޭ” ޒުވާން ގައުމީ ޓީމުތަކަށް ވެސް މީގެކުރިން އިރުޝާދުދީފައިވާ ނިޒާމްބެ ބުންޏެވެ.
ނިޒާމްބެ ބުނީ ކްލަބްތަކުގެ ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރަންޖެހޭނީ ކުޅުންތެރިންނަށް ހިތްހަމަޖެހުން ލިބޭ ގޮތަކަށް ކަމަށެވެ. މިގޮތުން މިދަނޑިވަޅުގައި ކަންކަން ނިންމަން ޖެހޭނީ “ލޯ މަރާލާފަ ކުޅުންތެރިން ހިތްމަރާލާފާނެ” ގޮތަކަށް ނޫންކަމަށް ނިޒާމްބެ ބުންޏެވެ.