ފުރަތަމަ ސަފްޙާ / ޚަބަރު / ބަޔާން އެއް ވަނައިގައި ލީޑު ދަމަހައްޓައިފި

ބަޔާން އެއް ވަނައިގައި ލީޑު ދަމަހައްޓައިފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 18 މެއި 2020

ކޮރޯނާވައިރަހުގެ ސަބަބުން މެދުކަނޑާލުމަށް ފަހު ޖަރުމަނު ލީގުގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވެ ބަޔާން މިއުނިކުން ތާވަލުގެ އެއް ވަނައިގައި ލީޑު ދަމަހައްޓައިފި އެވެ. ރޭ ރަށުން ބޭރުގައި ޔޫނިއަން ބާލިންއާ ދެކޮޅަށް ކުޅުނު މެޗުން ބަޔާން މޮޅުވީ 2-0 އިންނެވެ.

މިއީ ނިއު ނޯމަލްގައި ޖަރުމަނު ލީގުގެ ކުޅުން ހޮނިހިރު ދުވަހު ފެށިފަހުން ބަޔާނުން ކުޅުނު ފުރަތަމަ މެޗެވެ. ރޭގެ މެޗުގައި ބަޔާންގެ ގޯލުތައް ޖަހައިދިނީ ރޮބާޓް ލެވަންޑޯސްކީ އާއި ބެންޔަމިން ޕަވާޑް އެވެ. ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ލެވަންޑޯސްކީ ގޯލު ޖެހީ ޕެނަލްޓީއަކުންނެވެ. ޕަވާޑްގެ ގޯލަކީ މެޗު ނިމެން 10 މިނެޓަށް ވެފައިވަނިކޮށް ޖޯޝުއާ ކިމިޗް ނަގައިދިން ކޯނަރަކުން ބޮލުން ޖެހި ގޯލެކެވެ. ރޭގެ ގޯލާއެކު ލެވަންޑޯސްކީ މިހާރު ވަނީ މި ސީޒަނުގައި ބަޔާނަށް ކުޅުނު 34 މެޗުގައި 40 ގޯލު ޖަހައިފަ އެވެ. މިއީ، ލެވަންޑޯސްކީ ޖެހިޖެހިގެން 40 ގޯލު ހަމަކުރި ފަސް ވަނަ ސީޒަނެވެ.

ހާއްސަ ހުއްދަތަކެއްގެ ދަށުން ޖަރުމަނުގެ ލީގު އަލުން ފެށީ ހަރުކަށި އުސޫލުތަކަކާއެކު އެވެ. މިގޮތުން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރުމާއި، ކޯޗާއި ބެންޗުގައި ތިބޭ ކުޅުންތެރިންނާ ދެމެދު ވަކި ދުރުމިނެއް ބަހައްޓަ އެވެ. އަދި، ބޯޅަ ދިނުމަށް ތިބޭ ކުދިން ވެސް ނިއު ނޯމަލްގައި ބޯޅަތައް ބަހައްޓަނީ ޑިސްއިންފެކްޓް ކޮށްފަ އެވެ. އެހެންކަމުން އެކުދިންގެ އަތުން ކުޅުންތެރިންނަށް މިހާރު ބޯޅަ ނުލިބޭނެ އެވެ. ގޯލު ޖެހުމަށް ފަހު އުފާފާޅުކުރުމުގައި ކުޅުންތެރިން އެކުވެގެން އުޅުން ގަވާއިދުގައި މަނާ ނަމަވެސް ރޭ ޕަވާޑް ޖެހި ގޯލަށް ފަހު އޭނާ ވަނީ ބަޔާންގެ ޑިފެންޑަރު ޑޭވިޑް އަލާބާ ގައިގައި ބައްދާލައިފަ އެވެ. މިއީ ލީގުގެ އާ އުސޫލާ ހިލާފު ކަމެކެވެ.

ޖަރުމަނު ލީގުގެ މެޗުތައް ކުޅުމަށް ޓީމުތައް ވަނީ ހޮޓާތަކުގައި ވަކިން ކަރަންޓީނުކޮށްފަ އެވެ. ރޭގެ މެޗަށް ޔޫނިއަން ބާލިންގެ ޓީމު ނުކުތްއިރު އެޓީމަށް ކުރިމަތިވި މައްސަލައަކީ ކޯޗު އާސް ފިޝާ އަށް ބެންޗުގައި ނުހުރެވުމެވެ. ޓީމާ ދުރަށް އޭނާ ދާން ޖެހުނީ އަންހެނުންގެ ބައްޕަ މަރުވުމާއި ގުޅިގެން އާއިލާ ގާތަށް ދާން ޖެހުމުންނެވެ. އެހެންވެ އެޓީމުގެ ކޯޗު މިހާރު ވަނީ 14 ދުވަހަށް ކަރަންޓީނުކޮށްފަ އެވެ.

މިއީ ޔޫނިއަން ބާލިން ޖަރުމަނު ލީގުގައި ވާދަކުރާ ފުރަތަމަ ސީޒަނެވެ. އަމިއްލަ ދަނޑުގައި ސަޕޯޓަރުން ނެތި ކުޅެން ޖެހުމަކީ އެޓީމަށް ރޭ ދިމާވި މައްސަލައެކެވެ. އެކަމަކު ބަޔާންގެ ވަރުގަދަ ޓީމު ހިފެހެއްޓުމުގައި އެޓީމުން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ފުރަތަމަ ފަހަރަށް ޖަރުމަނު ލީގުގައި ވާދަކުރާއިރު އެޓީމުގެ ސަޕޯޓަރުން އެންމެ އުއްމީދު ކުރި އެއް މެޗަކީ އަމިއްލަ ދަނޑުގައި ބަޔާންއާ ދެކޮޅަށް ކުޅޭ މެޗެވެ. އެހެންނަމަވެސް އެ ނަސީބު ރޭ ސަޕޯޓަރުންނަކަށް ނުލިބުނެވެ.

ލީގުގެ އެއް ވަނައިގައި ބަޔާން އޮތީ ހަތަރު ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެޓީމަށް 26 މެޗުން 58 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށް 26 މެޗުން ލިބިފައިވަނީ 54 ޕޮއިންޓެވެ.

ޖަރުމަނު ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ވާޑަ ބްރެމަން އާއި ބަޔާން ލެވަކޫސަން އެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން 11 ޖަހާއިރު އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!