ފުރަތަމަ ސަފްޙާ / ޚަބަރު / އުއްމީދަކީ ޖޫން 12 ގައި ލަލީގާ ފެށުން: ޓެބާސް

އުއްމީދަކީ ޖޫން 12 ގައި ލަލީގާ ފެށުން: ޓެބާސް

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 12 މެއި 2020

ކޮވިޑް-19 އާއި ގުޅިގެން ހުއްޓާލާފައިވާ ސްޕެނިޝް ލީގުގެ ކުޅުން ޖޫން 12 ގައި އަލުން ފެށޭނެކަމަށް އުއްމީދުކުރާކަމަށް ލީގުގެ ރައީސް ހާވިއޭ ޓެބާސް ވިދާޅުވެއްޖެ އެވެ.

ކޮވިޑާ ގުޅިގެން މުޅި ދުނިޔޭގެ ފުޓްބޯޅައިގެ ހުރިހާ ހަރަކާތެއްހެން މިދިޔަ މާޗް މަހުގެ މެދަކާ ހިސާބުން ވަނީ ހުއްޓާލާފަ އެވެ. ގައުމުތަކުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ސަޕޯޓަރުން ނުވައްދައި ވިޔަސް ހަރުކަށި އުސޫލުތަކާއެކު ލީގުތައް ނިންމާލުމުގެ މަސައްކަތް ކުރަމުންނެވެ. ސްޕެނިޝް ލީގަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ލީގަށް ވެފައި އެލީގުން އަމާޒުހިފާފައިވަނީ ސީޒަން ކެންސަލް ނުކުރުމަށެވެ.

“އަލުން ފެށޭނެ ތާރީހެއް ކަމަށް އަހަރެންނަށް ފެންނަނީ ޖޫން 12” ސްޕެއިންގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ޓެބާސް ވިދާޅުވިއެވެ.

ޓެބާސް ބުނިގޮތުގައި މެޗުތައް ފެށުމުގެ ކުރިން ކުޅުންތެރިން ކޮވިޑަށް ޓެސްޓް ކުރާނެ ކަމަށާއި، އެހެންކަމުން މެޗުތަކުގައި ބަލި ފެތުރުމުގެ ރިސްކެއް ނޯންނާނެ ކަމަށެވެ. އެކަމަކު ސްޕެނިޝް ލީގުން ދާދިފަހުން ވަނީ ފަސް ކުޅުންތެރިއަކު ބައްޔަށް ޕޮޒިޓިވް ވެފައިވާކަން އިއުލާންކޮށްފަ އެވެ. ކުޅުންތެރިންގެ ނަންތައް ސިއްރުކޮށްފައިވާއިރު ޕޮޒިޓިވްވީ ސްޕެއިންގެ އެންމެ މަތީ ފަންތީގެ ދެލީގުގެ ކުޅުންތެރިންކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. އެ ކުޅުންތެރިން މިހާރު ތިބީ އައިސޮލޭޝަނުގަ އެވެ. ލަލީގާ އިން ބުނީ އެކުޅުންތެރިންނަށް ޕްރެކްޓިހުގައި ބައިވެރިވެވޭނީ އަދި ދެފަހަރު ޓެސްޓުކޮށް ނެގެޓިވް ވުމުންކަމަށެވެ.

“އެކަމަކު އެންމެން ވެސް ޖެހޭނެ ވަރަށް ސަމާލުވާން. ބަލި ޖެހުމަށް މަގުފަހިވާ ބައިވަރު ކަންކަން އެބަހުރި. ހާއްސަކޮށް ފުޓްބޯޅައިގެ އިތުރުން މުޅި މުޖުތަމައާ ގުޅުންހުރި ކަންކަން” ޓެބާސް ވިދާޅުވި އެވެ.

ލަލީގާ އަލުން ފެށުމަށް ތައްޔާރުވާއިރު ބައެއް ކްލަބްތަކުގެ ކުޅުންތެރިން މިހާރު ވަނީ ވަކިވަކިން ޕްރެކްޓިހަށް ނުކުންނަން ފަށައިފަ އެވެ. ޕްރެކްޓިހަށް ކުޅުންތެރިން ފޮނުވަނީވެސް ކޮވިޑަށް ޓެސްޓުކޮށް ނަތީޖާ ނެގެޓިވް ވުމުންނެވެ.

ބާސެލޯނާގެ ފޯވާޑް އޮންޓުއަން ގްރީޒްމަން ލޮކްޑައުންގައި. އެ ކްލަބުގެ ކުޅުންތެރިން ވަނީ ވަކިވަކިން ޕްރެކްޓިހަށް ނުކުންނަށް ފަށާފައި

“ބެލެވުނު ގޮތުގައި 25-30 އާ ދެމެދުގެ ކުޅުންތެރިން ޕޮޒިޓިވް ވާނެ. އެކަމަކު އެތަނުން ފަސް ކުޅުންތެރިއަކު ޕޮޒިޓިވް ވުމަކީ ފުޓްބޯޅަ އިންޑަސްޓްރީ އަށް އޮތް ގޯހެކޭ ބުނެވޭކަށް ނެތް” ފަހުން ހެދި ޓެސްޓުތަކުން ސްޕެއިން އިން ޕޮޒިޓިވްވި ކުޅުންތެރިންގެ އަދަދު ގިނަ ނޫންކަން ހާމަކުރަމުން ޓެބާސް ވިދާޅުވި އެވެ.

ސްޕެނިޝް ލަލީގާގެ ކުޅުން އަލުން ފެށުމަށް އަމާޒުހިފާފައިވާއިރު ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހޭނެ އެވެ. ޓެބާސް ވިދާޅުވީ މެޗުތައް ގާތްގާތުގައި ކުޅެން ޖެހުނަސް ލައިވް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާނެކަމަށެވެ.

ލަލީގާ މެދުކަނޑާލިއިރު  ދެ ޕޮއިންޓުގެ ލީޑަކާއެކު އެއް ވަނައިގައި އޮތީ ބާސެލޯނާ އެވެ. ދެ ވަނައިގައި ރެއާލް މެޑްރިޑް އޮތްއިރު ތިން ވަނައިގައި އޮތީ ސެވިއްޔާ އެވެ. ހަތަރު ވަނައިގައި މިވަގުތު އޮތީ ރެއާލް ސޮސިއެޑާޑް އެވެ. ލީގުގައި ކޮންމެ ޓީމަކުން 27 މެޗު ކުޅެފައިވާއިރު ބާކީ އޮތީ 11 ބުރެވެ.

ސްޕެއިން އަކީ ޔޫރަޕްގައި ކޮވިޑްގެ ނުރައްކާ އެންމެ ބޮޑު އެއް ގައުމެވެ. ސްޕެއިން އިން 264663 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު ބަލީގައި މިހާތަނަށް ވަނީ 26621 މީހުން މަރުވެފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!