ފުރަތަމަ ސަފްޙާ / ޚަބަރު / ޖަރުމަނު ލީގު މި މަހު ފަށަނީ

ޖަރުމަނު ލީގު މި މަހު ފަށަނީ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 7 މެއި 2020

ކޮރޯނާވައިރަހާ ގުޅިގެން މެދުކަނޑާލައިފައިވާ ޖަރުމަނު ފުޓްބޯޅަ ލީގު މި މަހު ފެށޭނެ ކަމަށް ޖަރުމަނުގެ ޗާންސެލަރ އެންޖެލާ މާކެލް ވިދާޅުވެއްޖެ އެވެ. މިއަދުގެ ވަގުތެއްގައި، ޖަރުމަނުގެ ފުޓްބޯޅަ ލީގުން ސީޒަންގެ ކުޅުން އަލުން ފަށާނެ ތާރީހެއް ކަނޑައަޅާނެ ކަމަށް ބެލެވޭއިރު ޖަރުމަނު ވެގެންދާނީ ކޮރޯނާވައިރަހާ ގުޅިގެން ފުޓްބޯޅަ ލީގު މެދުކަނޑާލި ގައުމުތަކުގެ ތެރެއިން އެންމެ އަވަހަށް ލީގު އަލުން ފަށާ ގައުމަށެވެ.

ޖަރުމަނު ލީގުގެ ކުޅުން މި މަހުގެ ތެރޭގައި ފެށިނަމަވެސް ވައިރަސް ފެތުރުން އިތުރުވިޔަ ނުދިނުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ލީގުގެ މެޗްތައް ކުރިއަށް ގެންދާނީ ސަޕޯޓަރުން ނުވައްދަ އެވެ. ލީގުގައި ކޮންމެ ޓީމަކަށްވެސް ބާކީ ނުވަ މެޗް އޮތްއިރު ޓޭބަލްގެ އެއް ވަނައިގައި އޮތީ ބަޔާން މިޔުނިކެވެ. ހަތަރު ޕޮއިންޓްގެ ލީޑަކާއެކު ބަޔާން މިޔުނިކް އެއް ވަނައިގައި އޮތް އިރު  ދެ ވަނައިގައި އޮތީ ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑެވެ.

ޖަރުމަނުގެ ފުޓްބޯޅަ ލީގު ފެށުމުގެ ހުއްދަ ޖަރުމަނު ސަރުކާރުން ދިނުމާއި ގުޅިގެން ޖަރުމަނު ފުޓްބޯޅަ ލީގުގެ ފަރާތުންނާއި، ގިނަ ކްލަބްތަކަކުން ވަނީ ޖަރުމަނު ސަރުކާރަށް ޝުކުރު އަދާކޮށްފަ އެވެ.

މީގެ ކުރިން މި މަހުގެ ނުވަ ވަނަ ދުވަހު ލީގު ފެށޭނެ ކަމަށް އުއްމީދުކުރާކަމަށް ޖަރުމަނު ފުޓްބޯޅަ ލީގުން ބުނެފައިވުމާއެކު ޓީމްތަކުން ވަނީ މިދިޔަ މަހުގެ ތެރޭގައި ފަރިތަކުރުންތައް ފަށައިފަ އެވެ. ލީގު ފެށުމުގެ ކުރިން ޖަރުމަނުގެ ފުޓްބޯޅައިގެ އެންމެ މަތީ ދެ ޑިވިޝަނުގައި ކުޅޭ 1700 އަށްވުރެ ގިނަ ކުޅުންތެރިން ކޮރޯނާވައިރަސް އަށް ޓެސްޓްކޮށްފައިވާއިރު އޭގެ ތެރެއިން ދިހަ ކުޅުންތެރިއަކު ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ޖަރުމަނުގައި ގިނަ މީހުންނަށް އެއްވެވޭ ގޮތަށް ކުޅިވަރު ހަރަކާތްތައް ބޭއްވުން އަންނަ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހާއި ހަމައަށް މަނާކޮށްފައިވާއިރު ޖަރުމަނުގެ ފުޓްބޯޅަ ލީގުގެ ފަރާތުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މެޗް ކުޅޭއިރު 300 މީހުންނަށް ދަނޑަށް ވަދެވޭ ގޮތަށް ކަންކަން އިންތިޒާމްކޮށްފަ އެވެ.

މިހާތަނަށް ޖަރުމަނުން 168000 މީހުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު މި ބަލީގައި އެ ގައުމުން މިހާތަނަށް 7275 މީހުން ވަނީ މަރުވެފަ އެވެ. ޔޫރަޕްގައި އެންމެ ބޮޑަށް މި ބަލި ފެތުރުނު އެހެން ގައުމުތަކާއި އަޅާ ބަލާއިރު މިބަލީގައި ޖަރުމަނުގައި މަރުވި މީހުންގެ އަދަދު ވަރަށް ބޮޑުތަން ނިސްބަތުން މަދުކަން ފާހަގަކުރެވެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!