ފުރަތަމަ ސަފްޙާ / ޚަބަރު / ސްޕެއިން ކްލަބްތައް ޕްރެކްޓިހަށް، ލަލީގާ އަންނަ މަހު ފަށަނީ؟

ސްޕެއިން ކްލަބްތައް ޕްރެކްޓިހަށް، ލަލީގާ އަންނަ މަހު ފަށަނީ؟

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 5 މެއި 2020

ސްޕެއިންގެ މަތީ ފަންތީގެ ދެ ޑިވިޝަނުގެ ކްލަބްތަކުން މި ހަފްތާ ޕްރެކްޓިސްތަކަށް ނުކުންނަން ފަށައި، ލަލީގާގެ ކުޅުން އަންނަ މަހު އަލުން ފެށުމުގެ ޕްލޭނެއް އެކުލަވާލަން އެލީގުން ފަށައިފި އެވެ.

ލަލީގާއިން އިއްޔެ ބުނީ ޖޫން މަހު ލީގުގެ ކުޅުން އަލުން ފެށޭތޯ މަސައްކަތް ކުރަމުން އަންނަކަމަށާއި މި ހަފްތާ ހަރުކަށި އުސޫލުތަކަކާއެކު ކްލަބްތަކަށް ފަރިތަކުރުންތަކަށް ނުކުމެވޭނެ ކަމަށެވެ. ކްލަބްތަކުން ފަރިތަކުރުންތަކަށް ނުކުންނަން އެންމެ ފުރަތަމަ ހުއްދަ ދޭނީ ވަކިވަކި ކުޅުންތެރިން އެކަހެރިކޮށް ޕްރެކްޓިސް ކުރާ ގޮތަށެވެ. ސްޕެނިޝް ލަލީގާ އާއި ދެ ވަނަ ޑިވިޝަނުގެ ކުޅުންތެރިންނަށް މި ފުރުސަތުދޭން މިހާރު ވަނީ ނިންމައިފަ އެވެ. ކުޅުންތެރިން ތަމްރީނުތަކަށް ނުކުންނަން ހަމަޖެއްސީ ސްޕެއިންގެ ސްޕޯޓްސް އެންޑް ހެލްތު އިދާރާތަކުން ކުޅުންތެރިންގެ ރައްކާތެރިކަން ކަށަވަރުކުރާނެކަމުގެ ޔަގީންކަން ދިނުމުންނެވެ. ޕްރެކްޓިހަށް ނުކުތުމުގެ ކުރިން ހުރިހާ ކުޅުންތެރިން ވެސް ކޮވިޑް-19 އަށް ޓެސްޓު ކުރާނެ އެވެ.

ކޮވިޑް-19 އާއި ގުޅިގެން މާޗް މަހުގެ މެދަކާ ހަމައިން ސްޕެނިޝް ލީގުގެ ކުޅުން ވަނީ ހުއްޓާލައިފަ އެވެ. ލީގުގެ ކުޅުން މެދުކަނޑާލިއިރު ދެ ޕޮއިންޓުގެ ލީޑަކާ އެކު އެއް ވަނައިގައި އޮތީ ބާސެލޯނާ އެވެ. ލީގުގައި ކޮންމެ ޓީމަކުން 27 މެޗު މިހާތަނަށް ކުޅެފައިވާއިރު ބާކީ 11 ބުރުގެ މެޗުތައް އެބައޮތެވެ.

ޔޫރަޕްގެ ލީގުތަކުގެ ތެރެއިން ނެދަލެންޑްސްގެ ލީގާއި ފްރާންސް ލީގުގެ ކުޅުން ވަނީ ކެންސަލްކޮށްފަ އެވެ. އަދި، ބެލްޖިއަމުން ވެސް ވަނީ އެގައުމުގެ ޕްރޯ ލީގު ކުރިއަށް ނުގެންދަން ނިންމައިފަ އެވެ. އެހެންނަމަވެސް ސްޕެއިން، އިޓަލީ އަދި އިނގިރޭސި ވިލާތުން އަންނަނީ ފުޓްބޯޅަ އަލުން ފެށުމުގެ ޕްލޭނެއް އެކުލަވާލައި ލީގު ކުރިއަށް ގެންދިއުމަށް އަމާޒުހިފަމުންނެވެ.

ލަލީގާ ޖޫން މަހު އަލުން ފެށުމުގެ ޕްލޭނެއް ގެންގުޅޭއިރު މެޗުތައް ފަށާނެ ސީދާ ތާރީހެއް ކަނޑައަޅާފައެއްނުވެ އެވެ. އެ ލީގުން އެންމެ ފުރަތަމަ އިސްކަންދެނީ ވަކިވަކި ކުޅުންތެރިންނާއި ގްރޫޕުތަކަށް ބަހާލައިގެން އަދި މުޅި ޓީމަށް ޕްރެކްޓިސް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ. މިގޮތުން ލަލީގާއިން ނިންމާފައިވަނީ އެކި ފޭސް ތަކަށް ބަހާލައިގެން ހަތަރު ހަފްތާ ތެރޭ މުޅި ޓީމު ޕްރެކްޓިސް ކުރެވޭނެ ގޮތެއް ހެދުމަށެވެ. ސަޕޯޓަރުން ނުވައްދައި ކުޅޭގޮތަށް ޖޫން މަހު އަލުން ސީޒަން ފެށޭނީ ޕްލޭނާ އެއްގޮތަށް ޕްރެކްޓިސްތައް ކުރިއަށް ގެންދެވޭ ނަމަ އެވެ.

ސްޕެއިންގައި މިހާތަނަށް 218000 މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު ބަލީގައި 25400 މީހުން ވަނީ މަރުވެފަ އެވެ. ސްޕެއިންގައި ބަލިޖެހޭ މީހުންގެ އަދަދު އެންމެ ގިނަވީ މިދިޔަ މަހުގެ ފަހުކޮޅާ އޭޕްރީލް މަހު އެވެ. އެކަމަކު މިހާރު އެގައުމުގައި ވަނީ ވައިރަސް ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފަ އެވެ. ރެކޯޑުތަކުން ދައްކާގޮތުގައި އިއްޔެ ސްޕެއިނުން ކޮވިޑް-19 އަށް ޕޮޒިޓިވްވީ 1555 މީހުންނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!