ފުރަތަމަ ސަފްޙާ / ޚަބަރު / ގައުމީ ކުޅުންތެރިންނަށް އެލަވަންސް ނުދެވެނީ ޕްރެކްޓިސް ނޯންނާނީ: މަހުލޫފް

ގައުމީ ކުޅުންތެރިންނަށް އެލަވަންސް ނުދެވެނީ ޕްރެކްޓިސް ނޯންނާނީ: މަހުލޫފް

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 5 މެއި 2020

ރާއްޖޭގެ ގައުމީ ޓީމުތަކުގައި ހިމެނޭ ކުޅުންތެރިންނަށް އެލަވަންސް ނުދެވެނީ މިދުވަސްވަރު ޕްރެކްޓިސް ނޯންނާތީ ކަމަށާއި، އެލަވަންސް ބަރޯސާވަނީ ކުޅުންތެރިން ކުރާ ޕްރެކްޓިހުގެ މައްޗަށް ކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި އިއްޔެ މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މަހުލޫފް ވިދާޅުވީ ސަރުކާރުން ވައުދުވީ ގޮތަށް ހުރިހާ ކުޅިވަރަކުން ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ދޭ އެލަވަންސް ހަމަހަމަކޮށްފައި ވާނެ ކަމަށެވެ. އެގޮތުން ގައުމީ ޓީމުތަކުގައި ހިމެނޭ 328 ކުޅުންތެރިންނަށް މަހެއްގެ މައްޗަށް ގާތްގަނޑަކަށް 1.4 މިލިއަން ރުފިޔާ ހަރަދުކުރާކަމަށް މަހުލޫފް ވިދާޅުވި އެވެ. ވަކިވަކި ކުޅިވަރު ތަފާތު ކުރުމެއް ނެތި މިއިން ކޮންމެ ކުޅުންތެރިއަކަށް މަހެއްގެ މައްޗަށް ސަރުކާރުން ދެނީ 5000 ރުފިޔާގެ އެލަވަންސެކެވެ.

“މިއީ މުސާރައެއް ނޫން. މިއީ އެލަވަންސެއް. މުސާރަ އަކީ ދާއިމަށް ދެވޭ އެއްޗެއް. އެލަވަންސެއް އަޅުގަނޑުމެން މިދެނީ. ނެޝަނަލް ވޮލީ ޓީމުގައި މިހާރު ހުރި ކުއްޖެއް މި އަންނަ މަސް އަންނައިރު ބަދަލު ވެސް ވެދާނެ. މި ޑިޕެންޑްވެފައި މި އޮންނަނީ އެ މީހުން ކުރާ ޕްރެކްޓިސްތަކާއި މަސައްކަތްތަކަށް. މިކަން ކުޅުންތެރިންނާއި އެސޯސިއޭޝަންތަކަށް ވަރަށް ރަނގަޅަށް ސާފުވެފައި އޮންނާނީ” އިއްޔެގެ ޕްރެސްގައި މަހުލޫފް ވިދާޅުވި އެވެ.

ކޮރޯނާވައިރަހުގެ ސަބަބުން ރާއްޖޭގައި ކުރިއަށް ދިޔަ ކުޅިވަރުގެ ހުރިހާ ހަރަކާތެއް ވަނީ ހުއްޓިފަ އެވެ. އެހެންވެ ކުޅިވަރުން އާމްދަނީ ހޯދައިގެން ދިރިއުޅުމުގެ ހަރަދުތައް ބަލަހައްޓަމުން އަންނަ މީހުންނަށް ފައިސާ ލިބޭނެ ގޮތްތައް ވަނީ ބަންދުވެފަ އެވެ. މިކަމާ ގުޅިގެން ބައެއް ކުޅުންތެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މަހުލޫފް ވިދާޅުވީ މިހާލަތުގައި އެލަވަންސް ކަންތަކުގައި ކުޅިވަރުގެ ތިން އެސޯސިއޭޝަނަކުން ކަންބޮޑުވުން ފާޅުކޮށްފައިވާކަމަށާއި ކޮވިޑުން އަރައިގަތުމަށް ފަހު އެސޯސިއޭޝަންތަކާއި މަޝްވަރާކޮށް އެލަވަންސް ކަންތަކުގައި ގޮތެއް ނިންމާނެ ކަމަށެވެ.

މަހުލޫފް އިތުރަށް ވިދާޅުވީ ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ ކޯޗުންނަށް ސަރުކާރުން ދޭން ހަމަޖައްސާ 15،000 ރުފިޔާގެ އެލަވަންސް ދެނީ ކްލަބްތަކަށް ކަމަށާއި، ކޯޗުންނާ އެ ފައިސާ ހަވާލުކުރުމަކީ ކްލަބްތަކުގެ ޒިންމާއެއް ކަމަށެވެ. އެހެންނަމަވެސް ކޮރޯނާވައިރަހުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅަ ސީޒަން މިހާރު ނިންމާލާފައިވާތީ ކޯޗުންނަށް ވެސް މިދަނޑިވަޅުގައި އާމްދަނީ ލިބޭނެ ގޮތެއް ނެތެވެ.

ކުޅުންތެރިންނާއި ކޯޗުންގެ އިތުރުން އެކެޑަމީތައް ހިންގާ ފަރާތްތަކުން ވެސް އަންނަނީ އާމްދަނީ ލިބޭނެ ގޮތެއް ނެތުމުން ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮރޯނާވައިރަހުގެ ކޮމިއުނިޓީ ސްޕްރެޑެއް ރާއްޖޭގައި އޮތްއިރު ބަލިން އަރައިގަނެވޭނެ ދުވަހެއް އަންދާޒާކުރަން ނޭނގެ އެވެ. އެހެންވެ ކުޅިވަރުގެ މުބާރާތްތައް ކުރިއަށް އޮތް މަސްތަކުގައި އަނބުރާ އަންނާނެ ކަމަކަށް ނުބެލެވެ އެވެ. ކުޅިވަރުގެ ހަރަކާތްތަކާއި ޕްރެކްޓިސްތައް ކުރިއަށް ނުދާނަމަ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ލިބޭ އެލަވަންސް އިތުރަށް ލަސްވުމުގެ ފުރުސަތު ބޮޑެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!