ފުރަތަމަ ސަފްޙާ / ޚަބަރު / ފްރާންސްގެ ލީގު ކެންސަލްކޮށްފި

ފްރާންސްގެ ލީގު ކެންސަލްކޮށްފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 28 އެޕްރީލް 2020

ކޮރޯނާވައިރަހާ ގުޅިގެން ފްރާންސްގެ ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު އެގައުމުގެ އެންމެ މަތީ ދެ ޑިވިޝަނުގެ ލީގުތައް ކެންސަލްކޮށްފި އެވެ. ފްރާންސްގެ ބޮޑުވަޒީރު އެޑޯޑް ފިލިއްޕޭ މިއަދު ވިދާޅުވީ ސަޕޯޓަރުން ނުވައްދައިވެސް ކުޅިވަރުގެ އެއްވެސް ހަރަކާތެއް ސެޕްޓެމްބަރުގެ ކުރިން އެގައުމުގައި ބޭއްވުން މަނާކޮށްފައިވާކަމަށެވެ.

ފްރާންސްގެ ލީގު ވަން އާއި ލީގު ޓޫ ހުއްޓާލާކަން ބޮޑުވަޒީރު ހާމަކުރިއިރު އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން މަސައްކަތްކުރަމުން އައީ އަންނަ ޖޫން މަހުގެ 17 ގައި ލީގުގެ ކުޅުން އަލުން ފަށައި ޖުލައި 25 ވަނަ ދުވަހު ލީގު ނިންމާލުމުގެ މަޝްވަރާތައް ކުރަމުންނެވެ. އެހެންނަމަވެސް ބޮޑުވަޒީރު މިއަދު ވިދާޅުވީ ހާލަތު ހުރިގޮތުން މިސީޒަނުގެ ލީގު އިތުރަށް ކުރިއަށް ނުގެންދޭވެނެ ކަމަށެވެ.

ކޮރޯނާވައިރަސް ފެތުރެން ފެށުމުން ފްރާންސްގައި ފުޓްބޯޅައިގެ ހަރަކާތްތައް ހުއްޓާލީ މާޗް މަހުގެ 13 ވަނަ ދުވަހު އެވެ. ފްރާންސުން މިހާރު އަންނަނީ އަންނަ މަހުގެ 11 ވަނަ ދުވަހު އެގައުމުގެ ލޮކްޑައުނަށް ލުއިތަކެއް ދޭން ތައްޔާރުވަމުންނެވެ. އެކަމަކު އޭގެފަހުން ވެސް ކުޅިވަރުގެ ބޮޑެތި ހަރަކާތްތައް ބޭއްވުމުގެ ހުއްދަ ނުދޭން ސަރުކާރުން ވަނީ ނިންމާފަ އެވެ.

ފްރާންސްގެ ސަރުކާރުގެ މި ނިންމުމާ ގުޅިގެން ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން ރަސްމީކޮށް އަދި ބަޔާނެއް ނުނެރެ އެވެ. އަދި، ލީގު ކެންސަލް ކުރުމާއެކު ޗެމްޕިއަންކަމާއި، ރެލިގޭޝަން އަދި ޕްރޮމޯޝަނާ މެދު ނިންމާނެ ގޮތެއް އަދި ނޭނގެ އެވެ.

20 ޓީމު ވާދަކުރާ ފްރެންޗް ލީގު ވަންގެ އެއް ވަނައިގައި 12 ޕޮއިންޓުގެ ލީޑަކާއެކު އޮތީ ޕީއެސްޖީ އެވެ. ޕީއެސްޖީ އަށް 68 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނައިގައި އޮތް މާސޭ އަށް ލިބިފައިވަނީ 56 ޕޮއިންޓެވެ. ލީގުގެ ފުލުގައި އޮތް ޓުލޫސް އާއި 19 ވަނައިގައި އެމިއެންސް އޮތީ ރެލިގޭޝަނުގަ އެވެ. ރެލިގޭޝަން ޕްލޭއޮފްގައި އޮތީ 18 ވަނައިގައި އޮތް ނައިމްސް އެވެ. ފްރެންޗް ލީގުގައި 18 ޓީމުން 28 މެޗު ކުޅެފައިވާއިރު ދެ ޓީމެއް ވަނީ 27 މެޗު ކުޅެފަ އެވެ.

ފްރެންޗް ލީގުން ވަނީ މިމަހުގެ 10 ވަނަ ދުވަހު ލީގުގެ ކްލަބްތަކާ މަޝްވަރާކުރުމަށް ފަހު ލީގު ފުރިހަމަކުރުމަށް ކްލަބްތަކުގެ ވޯޓުން ފާސްކޮށްފަ އެވެ.

“20-2019 ގެ ޕްރޮފެޝަނަލް ކުޅިވަރުތައް، ފުޓްބޯޅަ ހިމެނޭގޮތަށް އަލުން ފެށޭނެ ގޮތެއް ނެތް” ބޮޑުވަޒީރު ފިލިއްޕޭ ވިދާޅުވި އެވެ.

ޔޫރަޕްގެ ލީގުތައް ނިންމާލުމުގެ ބިރު އޮތްއިރު ޔޫއެފާއިން މިހާރު ވަނީ މެއި 25 ގެ ކުރިން ލީގުތަކާމެދު ނިންމާގޮތް ޔޫއެފާއަށް އަންގަން ގައުމުތަކުގެ ކިބައިން އެދިފަ އެވެ. މާނައަކީ އަންނަ މަހުގެ 25 ވަނަ ދުވަހުގެ ކުރިން ލީގު ކުރިއަށް ގެންދިއުމާމެދު ޔޫރަޕްގެ ހުރިހާ ގައުމަކުން ގޮތެއް ނިންމަން ޖެހޭނެ އެވެ.

ފްރެންޗް ލީގަކީ ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރެއިން ކެންސަލްކުރި ފުރަތަމަ ލީގެވެ. މިދިޔަ ހުކުރު ދުވަހު ނެދަލެންޑްސް އިން ވަނީ އެގައުމުގެ ޑަޗް ލީގުގެ ކުޅުން ކެންސަލްކޮށް ޗެމްޕިއަންކަމާއި، ރެލިގޭޝަން އަދި ޕްރޮމޯޝަން ކަނޑަނާޅަން ނިންމައިފަ އެވެ. އަދި، ކެންސަލްކުރަން ނިންމާފައިވާ ބެލްޖިއަމްގެ ޕްރޯ ލީގުގެ ކްލަބްތަކުން އިއްޔެ ވަނީ ރަސްމީކޮށް ލީގު ކެންސަލްކުރުން ވޯޓަކުން ފަސްކޮށްފަ އެވެ. ކްލަބްތަކުގެ އެދުމުގެ މަތިން ބެލްޖިއަމް ލީގު ކެންސަލްކުރިކަން ރަސްމީކުރުން ފަސްކުރިއިރު އެކަމުގައި ދެން ގޮތެއް ނިންމާނީ އަންނަ ހަފްތާގަ އެވެ.

ނެދަލެންޑްސްގެ ޑަޗް ލީގު ކެންސަލްކުރުމަށް ފަހު ލީގުގެ ރައީސް ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގު ކުރިއަށް ގެންދިއުމަކީ ވެސް ވަރަށް އުނދަގޫ ކަމަކަށް ވާނެކަމަށެވެ. ޔޫރަޕްގެ ލީގުތަކުގެ ތެރެއިން ޖަރުމަނުން ވަނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު ސަޕޯޓަރުން ނުވައްދައި ލީގުގެ ކުޅުން އަލުން ފަށަން ނިންމައިފަ އެވެ. އެހެންނަމަވެސް ލީގު އަލުން ފެށުމުގެ ރަސްމީ ހުއްދަ ޖަރުމަނުގެ ސަރުކާރުން އަދި ނުދެ އެވެ. އިނގިރޭސި ލީގުގެ ކުޅުން އަލުން ފެށުމަށް ތާވަލްކޮށްފައިވަނީ ޖޫން އަށް ވަނަ ދުވަހު އެވެ. ސްޕެއިން އާއި އިޓަލީ އިން ވެސް އަންނަނީ ވީ އެންމެ އަވަހަކަށް ސީޒަން ފެށުމަށް މަސައްކަތްކުރަމުންނެވެ.

ފްރާންސްގައި ކޮރޯނާވައިރަސް 128،000 މީހުނަށް ޖެހިފައިވާއިރު ބަލީގައި 23،000 މީހުން މިހާތަނަށް ވަނީ މަރުވެފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!