މެދުކަނޑަލާފައިވާ ފުޓްބޯޅައިގެ ލީގުތަކާއި މުބާރާތްތައް އަލުން ފަށާއިރު މެޗެއްގައި ފަސް ކުޅުންތެރިން ބަދަލުކުރުމުގެ ވަގުތީ ހުއްދައެއް ދޭން ފީފާ އިން ހުށަހަޅައިފި އެވެ. ފީފާ އިން މި ބަދަލު ހުށަހެޅީ ކުޅުން އަލުން ފަށާއިރު ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހި ކުޅުންތެރިންގެ ސަލާމަތަށް ބެލުމުގެ ގޮތުންނެވެ.
މެޗެއްގައި ކުޅުންތެރިން ބަދަލުކުރެވޭ އުސޫލަށް ގެންނަ ބަދަލު ތަންފީޒުކުރަން ހުށަހެޅީ 2021 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަންގެ ނިޔަލަށެވެ. އެހެންކަމުން އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް މި ބަދަލު ތަންފީޒު ކުރާނެކަމަށް ބެލެވެ އެވެ. އެއީ މި ސީޒަނުގެ ބާކީ ބަޔާއި ކުރިއަށް އޮތް ސީޒަނެވެ. މި ސީޒަނުގެ ފުޓްބޯޅަ ލީގުތައް ފުރިހަމަކުރަން ބައެއް ގައުމުތަކުން ވަނީ އަމާޒު ހިފައިފަ އެވެ. އެހެންވެ ކުރިއަށް އޮތް ސީޒަން ފެށުމުގެ ކުރިން ކްލަބްތަކުން ގާތްގަތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހޭނެ އެވެ.
ގަވާއިދުގައި ބުނާގޮތުން މެޗެއްގައި މިހާރު ބަދަލުކުރެވެނީ ތިން ކުޅުންތެރިންނެވެ. އެހެންނަމަވެސް ކަޕް މުބާރާތްތަކުގައި އިތުރު ވަގުތުގެ ދެ ހާފު ކުޅޭނަމަ ހަތަރު ވަނަ ބަދަލެއް ގެނައުމުގެ ފުރުސަތު ބައެއް ގައުމުތަކުގައި ލިބެއެވެ. ފީފާ އިން ބުނީ މި ބަދަލު ގެންނަން ހުށަހެޅީ އެންމެ މުހިއްމީ ކުޅުންތެރިންގެ ސިއްހަތު ކަމަށް ވެފައި ކުޅުންތެރިން ރިސްކަކަށް ލުމަކީ ކުރެވޭ ކަމަކަށް ނުވާތީ އެވެ.
“ފުޓްބޯޅަ އަލުން ފަށާނީ ސިއްހީ އިދާރާތަކުންނާއި ސަރުކާރުތަކުން ރައްކާތެރިކަން ކަށަވަރުކޮށްދިނުމުން. ފީފާގެ މައިގަނޑު ވިސްނުމަކީ ކުޅުންތެރިންގެ ރައްކާތެރިކަން. މިގޮތަށް ބަދަލުކުރަން ވިސްނުމުގެ ބޭނުމަކީ އާއްމުކޮށް މެޗުތައް ކުޅޭވަރަށް ވުރެ އަވަހަށް ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހިއްޖެ ނަމަ ކުޅުންތެރިންނަށް އަނިޔާގެ މައްސަލަ ދިމާވެ އޯވަލޯޑް ވުމުގެ ފުރުސަތު ބޮޑުވުން” ފީފާ އިން ބުނެފައިވެ އެވެ.
ފީފާގެ މި ނިންމުން ތަންފީޒުކުރަން ފަށާނީ އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އައިއެފްއޭބީ) އިން ބަލައިގަތުމުންނެވެ. ކުޅުންތެރިން ބަދަލުކުރުމުގެ އުސޫލާ ގުޅޭގޮތުން މީގެ ކުރިން ވެސް މަޝްވަރާކޮށްފައިވާތީ ފުޓްބޯޅައިގެ ގަވާއިދަށް ބަދަލު ގެނައުމުގެ ބާރު ލިބިފައިވާ އައިއެފްއޭބީ އިން ފީފާގެ މި ހުށަހެޅުމަށް ރުހޭނަކަމަށް ގަބޫލުކުރެވެ އެވެ.
ބަދަލުތައް މަސައްކަތް ކުރާނީ ކިހިނެއް؟
ފަސް ބަދަލަށް ވުރެ މަދުން ކުޅުންތެރިން ބަދަލުކުރެވޭ ގޮތަށް ކުޅޭ ހުރިހާ މުބާރާތެއްގައި ފަސް ކުޅުންތެރިން ބަދަލުކުރެވޭނެ
މެޗު ތެރޭގައި ފަސް ބަދަލުގެ ބޭޏުން ހިފޭނީ ތިން ފަހަރެއްގެ (އެއްފަހަރާ ދެ ކުޅުންތެރިން ބަދަލުކުރެވިދާނެ) މަތީން. އަދި މެޗުގެ ހާފް ޓައިމްގައި ބޭނުންނަމަ ކުޅުންތެރިއަކު ބަދަލުކުރެވޭނެ
އިތުރު ވަގުތުގެ ދެ ހާފު ކުޅޭ މެޗުތަކުގައި ހަ ވަނަ ބަދަލެއް ކުރުމުގެ ފުރުސަތު ލިބޭނެ
2021 ޑިސެމްބަރު 21 ގެ ކުރިން ކުޅޭ ގައުމީ ޓީމުތަކުގެ މެޗުތަކުގައި ވެސް މި ބަދަލަށް އަމަލުކުރެވޭނެ
ކްލަބް މެޗުތަކުގެ އިތުރުން ގައުމީ ޓީމުގެ މެޗުތަކުގައި ވެސް ފަސް ބަދަލުކުރެވޭ ގޮތަށް ފީފާއިން ނިންމާފައިވާއިރު ފަސްކޮށްފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތް އަލުން ތާވަލްކޮށްފައިވަނީ އަންނަ އަހަރުގެ ޖޫން / ޖުލައި އަށެވެ. ފީފާގެ ހުށަހެޅުމުގައި ބުނާގޮތުން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅޭ މެޗުތަކުގައި ވެސް ފަސް ބަދަލުކުރެވޭނެ އެވެ. އެހެންނަމަވެސް ޔޫރޯގެ ކުރިން މި ނިންމުން ރިވިއު ކުރުމުގެ ފުރުސަތު ވެސް އެބައޮތެވެ.
ކޮރޯނޯވައިރަހުގެ ސަބަބުން ދުނިޔޭގެ ގިނަ ލީގުތައް މާޗް ކުރީކޮޅުން ފެށިގެން ވަނީ މެދުކަނޑާލާފަ އެވެ. އަދި، ވައިރަހުގެ ނުރައްކާ ބޮޑުވެ ނެދަލެންޑްސް ލީގު ކުރިއަށް ނުގެންދަން ރަސްމީކޮށް މިހާރު ވަނީ ނިންމައިފަ އެވެ. ނެދަލެންޑްސްގެ އިތުރުން ބެލްޖިއަމްގެ ޕްރޯ ލީގު ކެންސަލްކުރަން ވެސް އެގައުމުގެ އެފްއޭ އިން ވަނީ ނިންމައިފަ އެވެ. އެހެންނަމަވެސް މި ނިންމުމަށް އަދި އަމަލެއް ނުކުރެ އެވެ. މި ދެގައުމުގެ އިތުރުން މަތީ ފަންތީގެ ލީގު ކެންސަލްކުރުމުގެ މަޝްވަރާތައް މިހާރު ކުރަނީ ސްކޮޓްލެންޑުގަ އެވެ. ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރެއިން ޖަރުމަނު ލީގު މެއި ނުވަ ވަނަ ދުވަހު އަލުން ފެށޭތޯ މަސައްކަތް ކުރަމުން އަންނައިރު އިޓަލީ، ފްރާންސް، ސްޕެއިން އަދި އިނގިރޭސިވިލާތުން އަންނަނީ ލީގު އަލުން ފެށުމުގެ ޕްލޭންތަކާ ގުޅޭގޮތުން މަޝްވަރާކުރަމުންނެވެ.