ފުރަތަމަ ސަފްޙާ / ޚަބަރު / ބައްސާމްގެ މެސެޖް ކުޅުންތެރިންނަށް: ފިޓްނެސް އަށް ސަމާލުވޭ!

ބައްސާމްގެ މެސެޖް ކުޅުންތެރިންނަށް: ފިޓްނެސް އަށް ސަމާލުވޭ!

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 27 އެޕްރީލް 2020

ކޮރޯނާވައިރަހުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅަ ހުއްޓުމަކަށް އައިސް، އަލުން ކުޅުމުގެ ތެރެއަށް ނުކުންނައިރު ފިޓްނެސް ރަނގަޅަށް ބެހެއްޓުމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ރާއްޖޭގެ ފުޓްބޯޅަ ކުޅުންތެރިންނަށް އިލްތިމާސްކުރައްވައިފި އެވެ. ބައްސާމްގެ މެސެޖު ކުޅުންތެރިންނަށް ފޯރުކޮށްދިނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެފްއޭއެމުން އާއްމުކުރި ޕޯސްޓެއްގަ އެވެ.

ކޮވިޑް-19 ގެ ނުރައްކާތެރިކަން ރާއްޖެއަށް ބޮޑުވެފައިވާއިރު މިދިޔަ މަހުގެ 29 ވަނަ ދުވަހު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ވަނީ ކެންސަލްކޮށްފަ އެވެ. ސީޒަން ނިންމާލަން އެފްއޭއެމުން ނިންމިއިރު ކްލަބްތަކަށް ބާކީ އޮތީ އެފްއޭ ކަޕްގެ ސެމީ ފައިނަލް މެޗުތަކާއި ފައިނަލުގެ އިތުރުން ޕްރެޒިޑެންޓްސް ކަޕެވެ. އެކަމަކު އެ ދެ މުބާރާތް ކުރިއަށް ނުގެންދަން ނިންމައި އެފްއޭއެމުން ސީޒަނުގެ ބާކީބައި ކެންސަލްކުރީ ކުޅުންތެރިންނާއި، އާއިލާތަކުގެ ރައްކަލަކަށެވެ.

ރޭ އާއްމުކޮށްފައިވާ މެސެޖުގައި ބައްސާމް ވިދާޅުވެފައިވަނީ މި ދަނޑިވަޅުގައި އެންމެން ވެސް ޕޮޒިޓިވްކޮށް ތިބެ އެންމެން އެއްކޮށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި ކޮންމެ މީހަކަށް ވެސް ތަފާތު ދެއްކިދާނެ ކަމަށް ބައްސާމް ވިދާޅުވެފައިވެ އެވެ.

“އަހަރެންގެ ސަމާލުކަން ހުރީ ކުޅުންތެރިންގެ ފިޓްނެސް އާއި ބްރޭކަށް ފަހު އަލުން ފަށާއިރު ކުޅުންތެރިންގެ ތައްޔާރުވުމަށް” ބައްސާމް ވިދާޅުވި އެވެ.

މިހާރު އަމަލުކުރަމުންދާ އުސޫލުތަކަށް ލުއި ލިބެންދެން ހަރަކާތްތެރިކޮށް ތިބުމަށް ބައްސާމް ވަނީ ކުޅުންތެރިންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

A special message from our president @bassam_jaleeI ! ???????? pic.twitter.com/MRq7kb4FPG

— Football Association of Maldives (@MaldivesFA) April 26, 2020

ރާއްޖޭގެ ފުޓްބޯޅަ ސީޒަން އަލުން ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހު އެވެ. އެހެންނަމަވެސް ކޮރޯނާވައިރަހުގެ ނުރައްކާތެރިކަން ކުޑަނުވާނަމަ ފުޓްބޯޅަ އަލުން ފެށުމުގެ ފުރުސަތު ކުޑަ އެވެ. ރާއްޖެ ލޮކްޑައުންގައި އޮތުމުން މެޗުތައް ކުޅުމުގެ އިތުރުން އާއްމުކޮށް ބާއްވާ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ވެސް ވަނީ ބަންދުވެފަ އެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން މިދިޔަ އަހަރުގެ މެދުތެރޭ ފެށިއިރު ކްލަބްތަކުން ފާހަގަކުރި އެއް ކަމަކީ ބޮޑު ބްރޭކަކަށް ފަހު އަލުން ކުޅެން ފެށުމުން ކުޅުންތެރިންގެ ފިޓްނެސް ނެތްކަމެވެ. އޭރުގެ ގައުމީ ކޯޗު ޕީޓަރ ސެގާޓް ވެސް ވަނީ ސީޒަން ފެށުމުގެ ކުރިން ލިބުނު ދިގު ބްރޭކަށް ފަހު އަލުން ފެށިއިރު ކުޅުންތެރިންގެ ފިޓްނެސް ލެވެލް އެންމެ ރަނގަޅު ނޫންކަމަށް ބުނެފަ އެވެ. ކޮވިޑާ ގުޅިގެން ރާއްޖޭގެ ފުޓްބޯޅަ ކްލަބްތަކުގެ ކުޅުންތެރިން މެޗެއް ނުކުޅެ ގިނަ ދުވަސްވެފައިވާއިރު ބައްސާމް ވިދާޅުވި ގޮތަށް މި ދަނޑިވަޅުގައި ގޭގައި ތިބެގެން ފިޓްނެސް އަށް އިސްކަން ދިނުމަކީ މުހިއްމު ކަމެކެވެ.

ރާއްޖޭގައި އިއްޔެގެ ނިޔަލަށް ކޮވިޑް-19 ބަލި 214 މީހެއްގެ ގައިން ވަނީ ފެނިފަ އެވެ. އިއްޔެ 73 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު މިއީ އެއް ދުވަހެއްގެ ތެރޭ އެންމެ ގިނަ އަދަދަކަށް މި ބަލި ފެނުނު ދުވަހެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!